ރެސްޓޯރެންޓު

Loading

Facebook
Twitter
WhatsApp

އެއީ އައު ސާސްކަފު ފެށިގެން އައި ދުވަސްވަރެވެ. އަހަރެންގެ ފުރާވަރު ދުވަސްވަރެވެ. މައިންބަފައިންގެ ގާތުގައި، ހުރިހައި ކަމެއް ފުދިގެން އުޅުނު ނަމަވެސް އަހަރެން އަބަދުވެސް އަމިއްލަ މަސައްކަތެއް ކުރާހިތް ވެއެވެ. އެގޮތަށް އޭރު ކޮށްއުޅޭ އެއް ކަމަކީ ކުދިންނަށް ޓިއުޝަން ދިނުމެވެ. އެ މަސައްކަތުން ލިބޭ ފަސްސަތޭކައެއްހާ ރުފިޔާއަކީ އޭރު އަހަރެމެންނަށް ވަރަށް ބޮޑު އެއްޗެކެވެ. ބޭނުންވާ ކޫސަނި ގަނެލާފައި ބޮޑު އެއްޗެއް ރައްކާކުރެވެއެވެ. ދޭތެރެއަކުން ކޮއްކޮމެން ގޮވައިގެން، ނޫނީ ރައްޓެހި ކުދިންނާއެކު ކޮންމެވެސް ރެސްޓޯރެންޓަކަށް ކާންވެސް ދަމެވެ.

އެއްދުވަހަކު ހަވީރުފިންޏަށް ކުލާސް ކުއްޖަކާއެކު ހިނގާލަން ދިޔައިމެވެ. މަޣުރިބު ވަގުތު ވުމުން ބުރު ނިންމާލާފައި ގެއަށް ދިއުމަށް ހިނގައިގެންފީމެވެ. ފިހާރަތައް ބަންދުކޮށްފައި ހުރުމާއެކު މަޖީދީމަގު ފެންނަނީ ވަރަށް އަނދިރިކޮށެވެ. ދުއްވާއެއްޗެއްގެ އަދި މީހެއްގެ ހިލަމެއްވެސް ނެތެވެ. މަގަށް ވެރިވެފައިވަނީ ޒާތެއްގެ ނާމާން ފަޅުކަމެކެވެ. އަހަރެމެން ހިނގަމުން ދިޔައީ މަޖީދީމަގުން އިރަށެވެ. މިހާރުގެ ރެޑްވޭވް ފިހާރަ ހުންނަ ހިސާބާ އަރާހަމަވެފައި ދެމީހުން ނިންމީ އެއްޗެއް ކާލައިގެން ގެއަށް ދިއުމަށެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް ދަންނަ ތަނެއް އެއިން ހިސާބެއްގައިވެސް ނުހުރެއެވެ. އެއީ މާގިނަ ކެފޭއެއް އަދި ރެސްޓޯރެންޓުތަކެއް މާލޭގައި ހުންނަ ދުވަސްވަރެއް ނޫނެވެ. ސައިބޯލާނެ ތަނެއް ފެނޭތޯ ބެލުމަށް ކުރިމަތިން އޮތް ގޯޅިއަށް އަޅައިގެން ހިނގަންފަށައިފީމެވެ. މަގު ފަޅުވެފައި ނިކަން އަނދިރިއެވެ. މީހެއްގެ ހިލަމެއް ނެތްތަނުގައި އަޑެއްބަޑެއްވެސް ނީވެއެވެ. 

”ކޮއްކޮމެން ސައިބޯނެ ތަނެއްތަ ތި ހޯދަނީ؟“ އަހަރެމެން ސިއްސައިގެންދިޔައީ ހަރުފުރައިގެ ފިރިހެނެއްގެ އަޑަށެވެ.

”އެހެރަ ތަން ރަނގަޅުވާނެ! ވަރަށް މީރުވާނެ އެތާނގެ އެއްޗެހި.“ އެމީހާ ދެއްކި ތަނާ ދިމާއަށް އަހަރެމެން ހިނގައިގަތީމެވެ. 

އެއީ ގޮތްނޭނގޭ، ނުދަންނަ މީހުންނަށްވެސް އިތުބާރު ކުރެވޭ ދުވަސްވަރެވެ. އަމުދުން ބޮޑު މީހަކު އެއްޗެއް ބުނުމުން އަހަރެމެން އެއަށް ތަބާވާ ދުވަސްވަރެވެ. އެމީހުން އަހަރެމެންނަށް ގެއްލުމެއް ނުދޭނެކަމުގެ ބޮޑު ޔަގީންކަމެއް ހިތުގައި އޮންނަ ޒަމާނެވެ. ކޮންމެއަކަސް އެމީހާ ދެއްކި ރެސްޓޯރެންޓާ އަރާ ހަމަވެއްޖެއެވެ. ތަން ހުރީ އެހެންޏާ ފެންނަ ރެސްޓޯރެންޓުތައް ހުންނަހެންނެއް ނޫނެވެ. މަގުމަތިން އެރޭގޮތަށް ހުރީ ލަކުޑި ސިޑިއެކެވެ. ސިޑިއަށް އަލިކުރުމަށް ސިޑިއާދިމާއިން މަތީގައި ހުރީ އޮރެންޖުކުލައިގެ ބޮތްކެއް ދިއްލާފައެވެ. އަހަރެމެން ސިޑިން އަރައިފީމެވެ. މަތީގައި އޮތް ހުސް ތަންކޮޅުގައި ހުރި މޭޒުދޮށުގައި އިށީނދެވޭނީ ދެމީހުންނަށެވެ. އެހިސާބަށް އެރުމާއެކު އެތަނުން ވޭޓަރަކު އައިސް އަހަރެމެންނަށް އެ މޭޒަށް ދައުވަތު ދިނެވެ. މޭޒުގެ އަނެއް ފަޅިން، މައި ސިޑިއާ ދިމާވާގޮތަށް ހުރީ ހަތަރުވަރަކަށް ހަރުފަތް ލާފައިހުރި ސިޑިބުރިއެކެވެ. އެ ސިޑިބުރިންލާފައި އެރެނީ އެތަނުގެ ބަދިގެއަށެވެ. ބަދިގޭ ދޮރު ހުރީ ސީދާ ސިޑިއާ ދިމާއަށްކަމުން ރީތިކޮށް ބަދިގެތެރެ ފެނެއެވެ. ހުދު ޔުނީފޯމުގައި، ކައްކާތޮފި އަޅައިގެންހުރި ކައްކާއަކު ބަދިގެތެރޭގައި ހަރަކާތްތެރިވާތަން ފެނެއެވެ. އެތަނުގައިވެސް ހުރީ އޮރެންޖުކުލައިގެ ބޮތްކެކެވެ. އަހަރެން އިށީނީ ބަދިގެއާ ދިމާއަށް ކުރިމަތިލައިގެންނެވެ. ރަހުމަތްތެރިޔާ އިށީނީ މައި ސިޑިއާ ދިމާއަށް ކުރިމަތިވާގޮތަށެވެ. އިށީނދެ ހަމަޖެހިލާފައި މުޅި ތަނަށް ނަޒަރު ހިންގައިލީމެވެ. އަހަރެންގެ ކަނާތްފަޅިއަށްވާގޮތަށް ޓެރަހެއް ފާޑުގެ ތަނެއް ހަދާފައި ހުއްޓެވެ. އެތަނުގައިވެސް މޭޒުތައް އަތުރާފައި ހުއްޓެވެ. ކޮންމެވެސް ބަޔަކު ސައިބޯންވެސް ތިބި ހަނދާނެއް ވެއެވެ. މާބޮޑަކަށް އެކަމަށް ސަމާލުކަމެއް ނުދެވުނެވެ. އަނދިރިކަމުން ތަނެއްދޮރެއް ވަކިވާވަރެއްވެސް ނޫނިއްޔާއެވެ. ސިޑިއާއި ބަދިގޭގައި ދިއްލާފައި ހުރި ބޮކި ފިޔަވައި މުޅި ތަނުގައިވެސް އަލިކަމެއް ނެތެވެ. 

”ކޯޗެއް ގެނެސްދޭންވީ؟“ ވޭޓަރު އަހަރެމެން ގާތުގައި އެހިއެވެ. 

”މެނޫ އެބައޮތްތޯ؟“ އަހަރެން އެހީމެވެ.

”މެނޫއެއް ނޯވޭ. އެކަމަކު މިތާ ހުންނާނީ……..“ އެތަނުން ލިބޭނެ ތަކެތީގެ ލިސްޓު ވޭޓަރު ކިޔައިދިނެވެ. 

އަހަރެމެން އޯޑަރުދިނީ ސްޕެގެޓީ ބޮލޮނީޒްއަށާއި ކަޅުސަޔަށެވެ. އެއީ ކިހިނެއް ހުންނަ ސްޕެގެޓީއެއް ކަމެއްވެސް ނޭނގެއެވެ. އެކަމަކު ސްޕެގެޓީއަކީ އަހަރެން މާ ކާހިތްވާ އެއްޗެކެވެ. މަންމަމެންނަށް ކައްކަން ނޭނގޭތީ ފަސޭހައިން ކާލަން ނުލިބޭ އެއްޗެކެވެ. ކޮންމެ ގޮތަކަށް ހުއްޓަސް ރެސްޓޯރެންޓުން ވިއްޔާ މީރުވާނެ ކަމަށް ބަލާފައި އޯޑަރު ދިނީއެވެ. ދިހަވަރަކަށް މިނިޓު ތެރޭގައި ކާތަކެތި ގެނެސްފިއެވެ. 

”މީރުތަ؟“ އަހަރެން ސިއްސައިގެންދިޔައީ ކަންފަތްދޮށުގައި ވައި އަޑަކުން ވޭޓަރު މިހެން ބުނުމުންނެވެ.

”ވަރަށް މީރު!“ އަހަރެމެން މިހެން ބުނީ ހަގީގަތުގައިވެސް މީރުވީމައެވެ.

”މިއަދު އާ ކައްކާއެއް ހުރީ. އެހެންވެ…“ ވޭޓަރު ސަބަބު ބުނެދިނެވެ.

އިތުރު ކަމެއް ބޭނުންތޯ އަހާފައި، ބޭނުން ނޫންކަމަށް ބުނުމުން ވޭޓަރު މައި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު އަހަރެންނަށް ފާހަގަވީ މައި ސިޑީގައި އޭރު ދިއްލާފައިހުރި ބޮކި މިހާރު ދިއްލާފައި ނެތްކަމެވެ. ދެތިން މިނިޓު ތެރޭގައި އެއްކަލަ ވޭޓަރު އަނެއްކާވެސް ބަދިގޭން ނުކުމެގެން ފައިބައިގެން އަންނާތީ ފެނިއްޖެއެވެ. ގައިމުވެސް އޭނާ ވަންނަނިކޮށެއް އަހަރެމެން ނުދެކެމެވެ. 

”ބިލަށް ވަނީ ފަންސާސް ރުފިޔާ.“ އަގު އަދާކުރުމަށްފަހު ނުކުތުމަށް ހިނގައިގަތީމެވެ. އެހެރަ އަނދިރި ސިޑިން އުނދަގުލަކާނުލައި ފޭބުނު ގޮތެއްވެސް ނޭނގެއެވެ.

އަހަރެމެން ގެއަށް އައީ ކާތަކެތީގެ މީރު ވާހަކަ ދައްކަމުންނެވެ. ދެން އަންނަ މަހު ލާރި ލިބުނީމާވެސް އަންނަންވާނޭ ބުނެފައެވެ. ހަގީގަތުގައިވެސް އެހާ މީރު ކެއުމެއް އަހަރެންގެ މުޅި ހަޔާތުގައިވެސް ނުކަމެވެ. 

ޖެހިގެން އައި މަހު ޓިއުޝަން ލާރި ލިބުމުން ރަހުމަތްތެރިޔާއަށް ގުޅީމެވެ. ދުވަހެއް ހަމަޖައްސައި، އެތަނަށް ދާން ނުކުތީ ހަވީރު ގާތްގަނޑަކަށް ހަތަރުގަޑިބައިހާއިރެވެ. ދުވާލުގެ އަލިކަން އޮންނާނެތާއެވެ. އެ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދެފަހަރު ހިނގިއިރުވެސް އެ ރެސްޓޯރެންޓެއް ނުފެނުނެވެ. ހަމަ ގައިމުވެސް އަހަރެންނަށް އޮޅުނަސް ރަހުމަތްތެރިޔާއަކަށް އެ މަގެއް ނޯޅޭނެއެވެ. އެއަށްވުރެ މާލެތެރެއަށް އޭނާ ފަރިތަވާނެއެވެ. ޖެހިގެން އޮތް މަގުވެސް ދެފަހަރަށް ބެލީމެވެ. އެކަހަލަ ތަނެއްގެ ނިޝާނެއްވެސް ނެތެވެ. އެރޭ އެ ފެނުނު ތަނާ ވައްތަރު ތަނެއްވެސް އެހިސާބުގައި ނެތެވެ. ތަޅާލާލައި ނޫނީ ހަދަން ފަށާފައި ހުރި ތަނެއްވެސް ނެތެވެ.

”ބޭބޭ! މިތާ ހުރި ރެސްޓޯރެންޓު މިހާރު ބަންދުކުރީތަ؟“ ވަރަށް ލަދުން ތިބެފައި ގޮސް އެހިސާބުން ފެނުނު މީހަކު ގާތުގައި އަހައިލީމެވެ.

”ރެސްޓޯރެންޓޭ؟“ އެމީހާ ވަރަށް ހައިރާންވެފައި އެހިއެވެ.

ރެސްޓޯރެންޓު ހުރި ހިސާބަށް އިޝާރާތްކޮށްފައި އެއީ އެހިސާބުގައި ހުރި ތަނެއް ކަމަށް އަހަރެމެން ބުނީމެވެ. އެމީހާ ބުނީ މީން ޒަމާނަކުވެސް އެތަނުގައި ރެސްޓޯރެންޓެއް އަދި ކެފޭއެއްވެސް ނުހުޅުވާ ކަމަށެވެ. އެއީ އޭނާގެ ގޭ ކުރިމަތި ކަމަށާއި، އެތަނުގައި ތަނެއް ހުޅުވިނަމަ އޭނާއަށް ނޭނގި ނުހުންނާނެ ކަމަށް ބުންޏެވެ. ފުރަތަމަ އަހަރެމެން ހީކުރީ އެއީ އަހަރެމެން ބިރުގަންނަވަން ނޫނީ ސަމާސާއަކަށް ބުނި އެއްޗެއް ކަމަށެވެ. އިތުރަށް އަހަރެމެންނަށް ކަށަވަރުކޮށްދިނުމަށްޓަކައި އެހެން މީހަކަށް ގޮވާފައިވެސް އެމީހާ އެވާހަކަ އެއްސެވެ. ހަމަ ލިބުނީ އެއް ޖަވާބެކެވެ. އަހަރެމެން ބިރުގަންނަންފެށީ އެހާހިސާބުންނެވެ. ދެމީހުން ދެމީހުންނަށް ހިތާހިތުން ބުނެވުނެވެ. އަހަރެމެންނަށް އަނެއްކާ އެ ވަދެވުނީ ކޮންތާކަށް ހެއްޔެވެ؟ ޔަގީންވާ ކަމަކީ އެއީ ހުވަފެނެއް ނޫންކަމެވެ. ގައިމުވެސް އެރޭ ހަމަ އެތަނުގައި އެ ރެސްޓޯރެންޓު ހުއްޓެވެ. 

ޚިޔާލަށް އަންނަންފެށީ އެރޭ އެތަން ހުރި ގޮތެވެ. ތަނުގެ އަނދިރިކަމެވެ. އަހަރެމެން ވަނުމަށްފަހު މައި ސިޑިން އަލިކަން ކެނޑުނުކަމެވެ. އަނދިރިކޮށް އޮތް ”އޯޕަން އޭރިއާ“އެވެ. އައިނައި ތަނެއް ނޭނގި އައި ވޭޓަރެވެ. އެއޮއް އަނދިރި ސިޑިން އެހާ ފަސޭހައިން އަހަރެމެންނަށް ފޭބުނު ގޮތެވެ. އޭގެ އިތުރަށް އެންމެ ހައިރާންވި ކަމަކީ އަހަރެމެންނަށް އެތަން ދެއްކި މީހާއެވެ. އަހަރެމެން ސައިބޯނެ ތަނެއް ހޯދާކަން އޭނާއަށް އެނގުނީ ކިހިނެއްބާވައެވެ އަސްތާއެވެ! މިއީ ކޮންފަދަ ބިރުވެރި ކަމެއް ހެއްޔެވެ؟ ގަތް ބިރުން އެހިސާބުން އަވަހަށް ދެވޭތޯ ބެލީމެވެ. ނަސީބަކުން އިރުއޮއްސުމުގެ ކުރިން ގެއަށް ދެވުނެވެ. އޭގެ ފަހުން ދެމީހުން ތަންތަނަށް ގޮސް ކައެއް ނޫޅެމެވެ. ބޭރަށް ދިޔައަސް އިރުއޮއްސުމުގެ ކުރިން ގެއަށް ވަންނަމެވެ. މިއީ އޭގެ ސައުވީހަކަށް އަހަރު ފަހެވެ. ނަމަވެސް އަދިވެސް އެމަގުން ދާއިރު އެހިސާބަށް ވަރަށް ބެލެއެވެ. އެދުވަހު އެ ވަދެވުނީ ކޮންތަނަށްބާއޭ އަދިވެސް ހިތަށްއަރައެވެ.

(ނިމުނީ)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް