ސަރުކާރުން ކުރާ އިސްރާފުތައް ފޫބެއްދުމަށް ރައްޔިތުންގެ އަތުން ޓެކްސް ނެގުމަކީ އަނިޔާ

Loading

Facebook
Twitter
WhatsApp

ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ކުޑަނުކޮށް ރައްޔިތުންގެ އަތުން ޓެކްސް ނެގުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެކެވެ. ޢިއްޒަތްތެރި ރައީސެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އަހަރަކު ފަންސާސް ބިލިއަން ރުފިޔާ ޚަރަދު ކުރުމަށްޓަކާ ރައްޔިތުންގެ ޖީބުތައް ހުސްކޮށް ނުލައްވާށެވެ. މިހާރުވެސް ގިނަ ރައްޔިތުން ތިބީ އަނގަޔާއި އަތާ ދިމާނުވާ ޙާލުގައެވެ. މަނިކުފާނަށް އެނގިވަޑައި ނުގަންނަވަނީތޯއެވެ؟

ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކުރުމަށް މަނިކުފާނަށް އޮތް ހުރަހަކީ ކޮބައިތޯއެވެ؟ ދިވެހި ދައުލަތަށް ލިބޭ އެންމެހައި ނަފާ ތިޔަ ޚަރަދު ކުރައްވަނީ ސިޔާސީ ބޭފުޅުންނަށެވެ. ހަމައެކަނި ސިޔާސީ ބޭފުޅުން މަނިކުފާނުގެ އަރިހުގައި ތިއްބެވީމާ މަނިކުފާނުގެ ވެރިކަން ދެމިއޮންނާނެތޯއެވެ؟ ރައްޔިތުންގެ ޙައްގަށް މަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް އިޙުތިރާމެއް އިޙުސާންތެރިކަމެއް ނެތީތޯއެވެ؟ ސިނގިރޭޓުންނާއި އަދި ފަތުރުވެރިންގެ އަތުން މިވަގުތު ޓެކްސް ނެގުމަކީ ރިހޭފައިމައްޗަށް ފޮއި ވެއްޓުމުން ރައްޔިތުންނަށް އިހުސާސްކުރެވޭ ތަދު އިތުރަށް ބޮޑުވެގެންދާނެ ސަބަބެއްކަން މަނިކުފާނުގެ ދިރާސާތަކުން ނުދައްކަނީތޯއެވެ؟

ޢިއްޒަތްތެރި ރައީސެވެ! މި ގައުމުގެ ހުންގާނު ރައްޔިތުން މަނިކުފާނާ ޙަވާލުކުރީ މަނިކުފާނަށް ގައުމީ ނަވާއެކު މިނިވަން އަމާން ފުދުންތެރި ބަނދަރަކަށް ވާޞިލުވުމުގެ މަތިވެރި މަގުޞަދުގައެވެ. މަނިކުފާނަކީ ވެރިކަމަށް އާބޭފުޅެކެވެ. މަނިކުފާނަކީ އިގްތިޞާދީ މާހިރެއް ނޫނެވެ. އެހެންކަމުން ވޯލްޑު ބޭންކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މި ގައުމުގެ އިގުތިޞާދަށް ގެންނަންޖެހޭ އިސްލާޙީ ބަދަލުތަކާ ބެހޭގޮތުން ދެއްވި ލަފަޔާއި އިރުޝަދަށް މަނިކުފާނު އިހުތިރާމް ކުރައްވަން އެބަޖެހެއެވެ. ނޫންނަމަ ރައްޔިތުން ހަނާވެގެން ހިނގައިދާނެއެވެ. މަނިކުފަނަކީ ގައުމުގެ އެންމެ މަތީ ވެރިޔާއެވެ.

އަދި ތިންބާރު ވެސް ތިޔަ ކޮންޓްރޯލް ކުރައްވަނީ މަނިކުފާނެއެވެ. އެހެންކަމުން ތިންބާރު ވަކިން އޮތުމަށް ގާނޫނުއަސާސީގައި ރައްޔިތުން ލިޔެފައިއެވާ ލިއުމުން ޗެކް އެންޑް ބެލެންސްގެ ބޭނުން ކެނޑި ރައްޔިތުން ވާނުވާގައި ތިބެން ޖެހިފައިވާ ސަބަބަކަށް ވެއްޖެއެވެ. ޢިއްޒަތްތެރި ރައީސެވެ! ރާއްޖޭގެ ގާނޫނުއަސާސީއަށް އިޙުތިރާމް ކުރައްވާށެވެ! މި ރާއްޖޭގައި ކުރިންވެސް ހުރިހާ ބާރެއް ކޮންޓްރޯލް ކުރެއްވި ވެރިޔަކު ވެރިކަމުން ބޭލުމަށްޓަކާ އެމަނިކުފާނު ފަހައި ރައްޔިތުން ދުވި މަންޒަރު އަޅުގަނޑުމެން ދުށީމެވެ.

ޢިއްޒަތްތެރި ރައީސެވެ. ރައްޔިތުން މަނިކުފާނު ވެރިކަމަށް ހޮވައިދިނީ ސަރުކާރަށް ޚަރަދު ކުރުމަށްޓަކާ ރައްޔިތުންގެ ޖީބުތައް ހުސްކޮށްލާކަށް ނޫނެވެ. ތިހާ މަތި ބަރު ސަރުކާރެއް ހިންގާނެ ރުފިޔާ ރައްޔިތުންނަށް ދެވޭނެ ގޮތެއް ނެތެވެ. ރައްޔިތުން ވިއްކަވާލެއްވުމަށްފަހު ލޯނު ނަންގަވައިގެން ވެސް ތިޔަ ޚަރަދު ކުރައްވަނީ ސަރުކާރުން ތިޔަކުރައްވާ އިސްރާފުތައް ފޫބެއްދުމަށް ނޫންތޯއެވެ؟ ޢިއްޒަތްތެރި ރައީސެވެ. ތިޔަހެން ނުހައްދަވާށެވެ.

އަދިވެސް ޓެކްސް ނަންގަވަން މަނިކުފާނަށް މަޖުބޫރުވެވަޑައިގަންވާނެއެވެ. އެއީ މިހާރު ތިޔަ ނަންގަވާ ޓެކުހުން ސަރުކާރުގެ ޚަރަދުތައް ފޫބެއްދުމަށްފަހު މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަން އިތުރަށް ފައިސާ ހޯއްދަވަން ޖެހިވަޑައި ގަންނަވާނެތީއެވެ. އަދިވެސް ތިޔަ ގެންދަވަނީ ސިޔާސީ މަގާމުތައް ދެއްވުން މަޑުޖައްސާލުމެއް ނެތި ކުރިއަށެވެ. އެހެންކަމުން ދައުލަތަށް ފައިދާއެއް ވިޔަސް އަދި ބޭރުން އެހީއެއް ލިބުނަސް ނޫންނަމަ ލޯނެއް ނެންގެވިއަސް އެ ފައިސާއިން ސިޔާސީ ބޭފުޅުންނަށް ޚަރަދު ކުރުމަށްފަހު އެހެން ކަމެއް ކުރާނެ ފައިސާއެއް ދައުލަތުގައި ނުހުންނާނެތީއެވެ.

އިއްޒަތްތެރި ރައީސެވެ! ވެރިކަމަށް މިވީ އެގާރަވަރަކަށް މަސްދުވަހެއެވެ. އެހެން ކަމުން މަނިކުފާނު ތިޔަ ހިންގަވާ މަގު ބަދަލުކޮށް ރަނގަޅު މަގެއް ޚިޔާރު ކުރަން އަދި ހަތަރު އަހަރު އެބައޮތެވެ. އެހެން ކަމާއެކު ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން ދަންނަވަމެވެ. ސަރުކާރަށް ލިބޭ އެއްޗަކުން ސިޔާސީ ވެރިންނަށް ޚަރަދު ކުރެއްވުން ހުއްޓަވާލެއްވުމަށްފަހު
ހަލުއިކަމާއެކު މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަން އުޅުއްވާށެވެ. މިނެއް ނެތް މިންވަރަށް ތިޔަ ގެންގުޅުއްވާ ސިޔާސީ ބޭފުޅުން އުނގުފުޅައް ލައްވައިގެން މަނިކުފާނު ދަންތުރައެއްގައި ޖެހިވަޑައިގެންފާނެއެވެ. ތިޔަ ވިސްނުންފުޅު ދޫކޮށްލައްވާށެވެ.

ގާނޫނު އަސާސީއިން ވެރިކަމުގެ ހުރިހާ ބާރެއް ދީފައި އޮތީ ސީދާ ރައްޔިތުންނަށެވެ. އެހެންކަމާއެކު ރައްޔިތުންގެ ވިންދާ އިހުސާސްތަކަށް ގަދަރު ކުރައްވާށެވެ. ރައްޔިތުން ނިކަމެތިވަނީއެވެ. ވިޔާފާރިތައް ހުއްޓެނީއެވެ.

ޢިއްޒަތްތެރި ރައީސެވެ. މަނިކުފާނުގެ އެންމެ ގާތް އެކުވެރިން އެ ދަނީ މަނިކުފާނަށް ޣައްދާރު ވަމުންނެވެ. މަނިކުފާނު އެންމެ އިތުބާރު ކުރެއްވި އެތައް ބޭފުޅުންނެއް އެވަނީ މަނިކުފާނާ ފެއަށްޖެހިވަޑައިގެންފައެވެ. މި ދެންނެވި ބޭފުޅުން މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމާއެކު މަނިކުފާނު މި ހިނދުން މިހިނދަށް ފިޔަވަޅު ނާޅުއްވައިފިނަމަ ކުރިމަގު އޮތީ ވަރަށް ބަނަކޮށެވެ.

ކެބިނެޓަށާއި އަދި އެނޫންވެސް މަގާމުތަކަށް ބަދަލު ގެންނަވާ ޑިފެންސައް ނުކުޅުއްވައިފި ނަމަ ގޯލެއް ޖަހާފާނެއެވެ. މި ދެންނެވީ ވަރަށް ވާހަކައެވެ. ނާއިބު ރައީސް ވެސް ބަދަލު ކުރައްވާށެވެ. މަނިކުފާނުގެ އަރިހުގައި ތިޔަ ތިއްބެވީ ގިނަ ބޭފުޅުންނަކީ ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުންނެވެ. އެއީ ފައިސާގެ އަޅުންނެވެ. އަދި ރައީސް ޔާމީނާއެކު ދައުލަތުގެ ފައިސާގައި ޖެހިވަޑައިގެންފައި ތިއްބެވި ބޭފުޅުން ވެސް މެއެވެ. އެއީ ރިޝްވަތާއި ފަސާދައިގެ އަޢުވާނުންނެވެ. މަނިކުފާނު ގިނިކަންޏާވަނީއެވެ. އެހެންކަމާއެކު ރައްޔިތުންނާ ގައުމަށާއި އަދި މަނިކުފާނަށް އިޚުލާޞްތެރި ތެދުވެރި އަމާނާތްތެރި ވަފާތެރި ބޭފުޅުން އެހެން ޕާޓީތަކުން ނަމަވެސް ހޯއްދަވާ އެބޭފުޅުން ކެބިނެޓަށް ލައި އެބޭފުޅުންގެ ލަފަޔާއި އިރުޝާދާ މަޝްވަރާ ހޯއްދެވުން ލަސްކުރައްވައިފިނަމަ މަނިކުފާނު ނުހަނު ހިތި ތަޖުރިބާއެއް ކުރައްވަން ޖެހިވަޑައިގެންފާނެއެވެ.

މިވަގުތު މަނިކުފާނުގެ ޕާޓީގެ ރައީސް އަދި މަނިކުފާނުގެ ނާއިބު ރައީސް ވެސް ހުންނެވީ ރައީސް ޔާމީނާ އެކުގައި ކަމަށް އަޑު ފެތުރެން ފަށައިފިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންނެއް ވެސް ވިކި ނިމިއްޖެކަމުގެ ޚަބަރުތައް ޖަންގަލީގެ ރޭޑިއޯތަކުން ކިޔަން ފަށައިފިއެވެ. މަނިކުފާނާއި ރައްޔިތުން ޙަވާލުކުރި ފަސް އަހަރުގެ ޓާމު ނިމުމަކަށް އަންނަކަމުގެ ރަނގަބީލުތައް ވެސް ޖެހެން ފަށައިފިއެވެ. ކަން ކުރައްވާނޭ ގޮތް އެނގިވަޑައިގަންނަވާނީ ހަމަ މަނިކުފާނަށެވެ. ރައީސް ނަޝީދުގެ ވެރިކަން ފޭރިގަތް ބޭފުޅުން ވެސް މަނިކުފާނަށް އެނގިވަޑައި ގަންނަވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް