ރާއްޖެއަށް ކިތަންމެ ގިނަ ޑޮލަރު ލިބުނަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއްނެތް!

Loading

Facebook
Twitter
WhatsApp

     ސަރުކާރުގެ ސައިޒް ކުޑަނުކޮށް ސިޔާސީމަގާމުތައް މަދު ނުކުރާހާ ހިނދު އަވަށްޓެރި ބޭރު ގައުމުތަކުން ކިތަންމެ ގިނަ ޑޮލަރެއް ރާއްޖެއަށް ލިބުނަސް އެއިން ދިވެހި އެއްވެސް ރައްޔިތަކަށް ކުރާނޭ ފައިދާއެއް ނެތެވެ. މި ސަރުކާރު ވެރިކަމާއި ޙަވާލުވިއިރު ގައުމު ރީތިކޮށް ހިންގޭ މިންވަރަށް ދައުލަތުގެ ރިޒާވްގައި ޑޮލަރު ހުށްޓެވެ. އެހެނަސް ސަރުކާރާއި ޙަވާލުވި އިރު ދައުލަތުގެ ރިޒާވްގައިހުރި ޑޮލަރު ވެރިންނަށް ފެނުމާއެކު ގުއިނުދެކޭ ކާޅަކަށް ގުއިފެނުމުން ވާހެން މި ސަރުކާރުގެ ވެރިން ލާރިގަނޑު ފެނި މޮޔަވީއެވެ.

      ހޭވެރިކަންވީއިރު ބައިތުލްމާލު އޮތީ ދޮވެލާފައެވެ. އެހިސާބުން އަވަށްޓެރި ގައުމުތަކަށް ސަލާމްޖެހުމަށާއި ކަޅު ފައިސާ އެތެރެކުރެވޭނެ ދޮރާށްޓެއް ހުޅުވޭތޯ ވަޒީރުން ކޮޅުކޮޅުމައްޗަށް ދުވެވަޑައިގަތެވެ.  

އެހެނަސް ދައުލަތުން ކުރަންނުވާ މިންވަރަށް އިސްރާފުކޮށް އައިއެމްއެފްގެ ލަފަޔާ އިރުޝާދުތައް ގިއްގަޅުވާލުމުގެ ސަބަބުން ސޯޓުބޭލި ލަގޮނޓި މަރަން ޖެހުނީއެވެ. ސަރުކާރުގެ އިސްފަޑިއަށް  އިގްތިޞާދީގޮތުން އަލިފުވެސް ކިޔަން ނުދަންނަ ގަމާރު އަދި ޢިލްމެއް ޙިލްމެއްނެތް އަމިއްލަ އެދުން ބޮޑު ވަޒީރުންތަކެއް މަގާމުތަކަށް އަރުވަން ރައީސް މުޢިއްޒަށް މަޖުބޫރުވުމުގެ ނަތީޖާ މިދަނީ ފެންނަމުންނެވެ.

     ރައީސް ޔާމީނަށް 2018 ކާމިޔާބު ނުވި ހިސާބުން އިންޑިއާދެކެ އައި ރުޅިގަނޑު ސްލޯގަނަކަށް ހަދައިގެން ޔާމީނު ފެއްޓެވި އިންޑިއާ އައުޓު ޙަރަކާތަކީ ރައީސް މުޢިއްޒު އެ ގުއިރޯނުގައި ޖެއްސުމަށް ސިޔާސީގޮތުން ރޭވި ކުޅިގަނޑެއްކަން ރައީސް މުޢިއްޒަށްވެސް އަދި ސަރުކާރުގެ މަތީފަންތީގައި ހިމެނިވަޑައިގެންނެވި ފަރާތްތަކަށް ރޭކާވެސް ނުލީއެވެ. އޭރުވެސް މި ސަރުކާރުގެ މަތިފަޑިގައި ތިއްބެވީ ރައީސް ޔާމީނު ނުހަނު ރަނގަޅަށް ދެނެވަޑައިގަންނަވާ ފަރާތްތަކަކަށްވާތީ އުނބަށް ޖަހަން ޖެހޭނެކަން އެނގިވަޑައިގެން އެވެރިން ލައްވާ ކުޅުއްވި ސިޔާސީ ގޭމެކެވެ.

      ރައީސް މުޢިއްޒުގެ ފޯކަސް ހުރީ ޗައިނާ އާއި ދިމާލަށެވެ. އެހެނަސް ޗައިނާއަށްވެސް މި ސަރުކާރުގެ އިސްވެރިންގެ ބިތާކަމާއި ޑޮލަރެއް ދިނަސް ކުރާނެ ފައިދާއެއްނެތްކަން އެނގުމުން ރާއްޖެއަށް އެހީގެ އަތެއް ފޯރުކޮށްދޭން ގަބޫލެއް ނުވިއެވެ. ނަތީޖާއަކީ އިންޑިއާއަށް ބެވި ފަރާތްތަކުން ގެރީގެ ގޮރުން މޫނު ދޮވެ މޯދީގެ ފައިންޕުޅުގައި ދޫލާން ޖެހުމެވެ. މ ސަރުކާރުގެ ހޯމްމިނިސްޓަރު އިންޑިއާއަށް ވަޑައިގަތުމުން ރަނގަޅަށް ބުރާންތި ވާވަރަށް ސައިބޯންދީ  އިންޑިއާގެ ޓީވީޗެނަލްތަކަށް އަރުވައި އެ ކުޅުވި ޑްރާމާ ފެނުނު ކޮންމެ ދިވެއްސަކުމެ ލަދުން ދެފައި ގާތް ނުވާނެ ކަން ޔަގީނެވެ.

    ކަންމިހެން ހުރުމާއެކު ރާއްޖެއަށް ލިބޭ އެހީގެ ޑޮލަރުވަދެގެންދާނީ މި ސަރުކާރު ދެމެހެއްޓުމަށްޓަކާ މަޖިލިސްގެ މެންބަރުންނާއި ޓުވީޓްކުރަން ކެފޭތަކުގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ އާއިލާތަކުގެ ފޭލިދަށަށެވެ. ކުރިން ހުރިލާރިވެސް ވަދެގެންދިޔައީ މިދެންނެވި ނުބައި މަގުން ގޮދާ ވަންނަ ފޭލިދަށަށެވެ. ﷲ އާއި ވަކީލެވެ. ރައްޔިތުން ނުކެރި ބިރުފަހަނަ އަޅާ ނުދާހާ ހިނދު މިކަންކަން ހިނގާނީ ހަމަ އެ މަގުތަކުންނެވެ. ހޭލުންތެރި ރައްޔިތުންތަކެއް އުފަންވެ ރޯފިލައިގެން މެނުވީ ރައްޔިތުންގެ ޙާލާތެއް ބަދަލުވާކަށް ނެތެވެ.

      ގައުމީ ވަންތަކަން ރިޝްވަތަށް ބަރޯސާވެއްޖެއެވެ.އަމިއްލަ ރައްޔިތު މީހާ ފަސާދައިގައި ޖެހިއްޖެއެވެ. އަނބިން ދަރިން މައިން ބަފައިންނަށް އަލިފާން ކާންދޭކަށް ޖެހިލުން ނުވާ ހިސާބަށް މުސްލިމް އިންސާނާގެ ސިފަ ބަދަލުވެއްޖެއެވެ. ވައްކަންކުރުމަކީ ރީތި ސިފައަކަށް ވެއްޖެއެވެ. ޙައްގަކީ ބާތިލުއެއްޗަކަށްވެ ބާތިލަކީ ޙައްގުކަމަށް ހަދައިފިއެވެ. ގައުމެއް އޮޔާދާނީ މިހާވަރަށްތާއެވެ.

    ރައްޔިތުން ސަރުކާރެއް އެކުލަވާލަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައެވެ. ވެރިން ޑޮލަރު ހޯދައި އެ ޑޮލަރު ވެރިންގެ ލައްޒަތާ ޖާހަތަށްޓަކައި ހޭދަކުރާތަން ބަލަން ރައްޔިތުން ތިބޭ ގޮތަކަށް ނޫނެވެ. ސިޔާސީ ކޮންމެ ބޭފުޅަކު ލައްވާ ﷲ ގަންދީ ބޮޑުހުވައެއް އެބަކުރުވައެވެ. ހުވާލާއިދެއްވަނީ އުއްތަމަފަނޑިޔާރެވެ. އެއީ ޢަދުލުއިންޞާފު ގާއިމް ކުރާފަރާތެވެ. އެހެނަސް ވެރިންލައްވައި ﷲ ގަންދީ އެކުރެއްވި ހުވަޔާއެއްގޮތަށް އޭނާ ޢަމަލު ކުރައްވާތޯ ޢަދުލުއިންޞާފު ގާއިމް ކުރައްވާ ފަރާތުން ބައްލަވާތަނެއް ނުފެނެއެވެ.

     ބޭރު ގައުމުތަކުން ޑޮލަރު ދެނީ ރައްޔިތުންނަށެވެ. އަދި ދަރަނީގެ ގޮތުގައި އެ ނަގާ ޑޮލަރު ބޭރު ގައުމުތަކަށް ދައްކަނީވެސް ރައްޔިތުންގެ ޖީބުންނެވެ. އެހެން ކަމާއެކު ރައްޔިތުމީހާ ރޯފިލާން އެބަޖެހެއެވެ. ނޫންނަމަ ގައުމަށް ވަންވަންނަހާ ޑޮލަރު ވެރިކަމުގެ ލައްޒަތާ ޖާހަތަށްޓަކާ ހޭދަވެ ފެންނާނީ ރައްޔިތުމީހާ ހާންތިވާތަނެވެ. ވެރިން ފާލުން ނެއްޓޭނަމަ ރައްޔިތުން ތެދުވެ ފާލު އަޅުވަން ޖެހޭނެއެވެ. ބޮޑު ސޯބު އެބުރޭގޮތަށް ކުދި ސޯބު އެނބުރުނު ޒަމާން ބަދަލުވެ އިލެކްޓްރޯނިކު ސިސްޓަމަކުން ކުދި ސޯބުތައް ބޭނުންއަތަކަށް އެނބުރޭޒަމާން އަތުވެއްޖެއެވެ.

     ރައްޔިތުން ގޯސްވާވަރަކަށް ރައްޔިތުންނަށް ލިބޭނީވެސް ގޯސް ވެރިންނެވެ. ރިޝްވަތުގެ މުޑުދާރު ފައިސާގައި ހިފާ ގައުމުގެ މުސްތަގްބަލް ކަފުންވެ ވަޅުލެވޭ ޙާލަތު ބަދަލުކުރުމަކީ ރައްޔިތުމީހާގެ ވާޖިބެކެވެ. “ ގައުމީ މި އެކުވެރިކަން މަތީ ތިބެގެން ތިބެގެން ކުރީމެ ސަލާމް“ ގައުމު އިސްލާހުކުރުމަށްޓަކާ އެކުވެރިވެ އަތާއަތް ގުޅާލާންޖެހެއެވެ. ތިމާގެ އަނބިންދަރިންގެ ޙައްގަށްޓަކެވެ. ދިވެހި ބިމުގައި ވަޅުލެވިފައިވާ މައިންބަފައިންގެ ޒިކުރާގެ އާ ޞަފުޙާތައް އާލާކޮށް މި ދިވެހިބިން އެ ބަޔަކަށްޓަކާ ފަޚުރުވެރިވާންޖެހޭ ގައުމީ ބަތަލުންގެ ޙައްގަށްޓަކައެވެ..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް