ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
އީސީއިން ބުނީ މިއަދު އޭޖީ އޮފީހަށް ފޮނުވި މި އިސްލާހުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިސްލާހުތަކެއް ކަމަށެވެ.
މި އިސްލާހުތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތުދީގެން މިދިޔަ އޮކްޓޫބަރު މަހު 8 ވީ އަންގާރަ ދުވަހު އިތުރު ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، މޯލްޑިވްސް ނޭޝަނަލް ޕާޓީ އަދި އީސީގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ގުޅުންހުރި ސެކްޝަންތަކުގެ ވެރިން ބައިވެރިވިއެވެ.
އީސީއިން ބުނީ އެ ބައްދަލުވުމުގައި ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަ އިސްލާހުތަކަށް އިތުރަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވެ، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.