ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީބަވަންގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، ރަސްމީކޮށް މަރުހަބާ ދެންނެވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި، ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

އިންޑިއާގެ ރިޔާސީ ގަނޑުވަރުގެ ގޯތި ތެރޭގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވަނީ ދެ ގައުމުގެ ގައުމީ ސަލާމްކުޅެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ޚާއްސަ ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ އަސްކަރިއްޔާގެ ޚާއްސަ ހަރަކާތްތަކަކާއި، ސަގާފީ ބައެއް ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް