އެމެރިކާ ނޭވީންގެ އުޅަނދަކަށް މެދުއިރުމަތީގައި ގެއްލުން ލިބިއްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާ ކަނޑު ސިފައިންގެ އުޅަނދުފަހަރަށް ތެޔޮ ފޯރުކޮށްދޭ  ޔޫ އެސް އެން އެސް ބިގް ހޯން މެދުއިރުމަތީގައި އެކްސިޑެންޓްވެ ގެއްލުންތަކެއް ލިބިއްޖެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ބިގް ހޯން ކަނޑުމަތިން ކޮންމެވެސް އެއްޗެއްގައި ޖެހުނީ ކަމަށް ލަފާކުރެވެއެވެ.

                    

އެމެރިކާ ކަނޑު ސިފައިންގެ އޮފިޝަލަކު ބިޒްނަސް އިންސައިޑަރަށް ކިޔާދީފައިވަނީ ލަފާ ކުރެވޭގޮތުގައި އެރޭބިއަން ސީ ތެރޭގައި ބިގް ހޯން ޖެހުނީ ހުއްޓިފައިއޮތް އެއްޗެއްގައެވެ. އެ ހާދިސާގައި އެ އުޅަނދަށް ލިބިފައިވާ ގެއްލުމާ ބެހޭ ތަފްސީލެއްވެސް ހާމައެއް ނުކުރެއެވެ. އަދި ބިގް ހޯން ޖެހުނީ ކޮން އެއްޗެއްގައިކަންވެސް އޭނާ ބުނެދީފައެއް ނުވެއެވެ.

ބިގް ހޯން ގައި އެއްޗެއް ޖެހުނު އިރު އެ އުޅަނދު އޮތީ އޮމާނުގެ ކަރަގޮނޑުގައި ނަގިލި ލައިގެންނެވެ. އެހެންނަމަވެސް މިހާރު ޓަގުބޯޓުގައި ކަފުޖަހައިގެން ކައިރީ ބަނދަރަކަށް ގެންދާ ކަމަށް އޭނާ ބުނެފައިވެއެވެ. 

ބިގް ހޯންގެ އެކްސިޑެންޓް އެންމެ ފުރަތަމަ މީޑިއާއަށް ހާމަކޮށްފައިވަނީ ޖީ-ކެޕްޓަންގެ ނަމުގައި ހަރަކާތްތެރިވަމުންގެންދާ މެރިޓައިމް ނިއުސް އައުޓްލެޓަކުންނެވެ. އޭގައި ބުނެފައިވާގޮތުން އެ އުޅަނދުވަނީ އުރިފައެވެ. އަދި އޭގެ ސަބަބުން އުޅަނދު ފަޅައިގެންގޮސް އެތެރެއަށް ކަނޑުގެ ލޮނުގަނޑު ވަދެފައިވާ ކަމަށެވެ. އެހެންނަމަވެސް ބިޒްނަސް އިންސައިޑަރަށް މައުލޫމާތު ހިއްސާކުރި ނޭވީ އޮފިޝަލް ބުނެފައިވަނީ އެ އުޅަނދު އުރިފައި ނުވާކަމަށާއި އެއްޗެއްގައި ޖެހުނީ ކަމަށެވެ.

ބިގް ހޯނަކީ ހެންރީ- ޖޭ ކައިސަރ ކުލާސްގެ އުޅަނދެކެވެ. އެމެރިކާގެ ނޭވީން އެ އުޅަނދު ބޭނުންކުރަނީ ކަނޑުމަތީގައި ނޭވީންގެ އުޅަނދުފަހަރަށް ތެޔޮ ސަޕްލައި ފޯރުކޮށްދިނުމަށެވެ. 

މިވަގުތު މެދުއިރުމަތީގައި އެމެރިކާ ކަނޑު ސިފައިންގެ ބޮޑު ލަޝްކަރެއް އެބައޮތެވެ. އޭގެ ތެރޭގައި ސްޓްރައިކް ގުރޫޕްގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަންވެސް ހިމެނެއެވެ.  ބިގް ހޯނުން އެއުޅަނދަށް ތެޔޮ ފޯރުކޮށްދީފައިވަނީ މީގެ 2 ހަފުތާކުރިންނެވެ. ކަނޑުމަތީގައި އެމެރިކާ ނޭވީންގެ އުޅަނދުފަހަރަށް ތެޔޮ ފޯރުކޮށްދޭނެ އެހެން އުޅަނދެއް މިވަގުތު މެދުއިރުމަތީގައި ނެތެވެ. ތެޔޮ ނެގުމަށްޓަކައި ދެން ވަންނަން ޖެހޭނީ ކޮންމެވެސް ބަނދަރަކަށެވެ.

މިއީ ބިގް ހޯނަށް މެދު އިރުމަތީގައި މެދުވެރިވި ފުރަތަމަ ހާދިސާއެއް ނޫނެވެ. މީގެ ކުރިން  ޔޫ އެސް އެސް ޖޯން އެސް މެކައިނަށް ތެޔޮ ފޯރުކޮށްދޭން އުޅުމުގެ ތެރޭގައި މިދިޔަ ޖުލައިމަހުގައި ވެސް އެ އުޅަނދަށްވަނީ ގެއްލުންތަކެއް ލިބިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް