މެދު އިރުމަތީގެ ހާލަތު ގޯސްވެދާނެ އިތުރު ކުރިތައް ފަޅަމުން ދާތަން ފެންނަނީ

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ދިން ވައިގެ ހަމަލާގައި ރަހީނުންގެ 3 މީހުން އޮޅިގެން މަރާލެވިއްޖެކަމަށް އިސްރާއީލުގެ މިލިޓްރީން އެއްބަސްވެއްޖެކަމަށް ދަ ޓެލިގްރާފުގެ ޚަބަރުގައި ބުނެފިއެވެ. އިސްރާއީލު މިލިޓްރީގައި މަސައްކަތްކުރާ އުމުރުން 19 އަހަރުގެ ރޮން ޝަރމަން އާއި ނިކް ބެއިޒަރއާއި އާންމު ފަރުދަކު ކަމުގައިވާ އުމުރުން 28 އަހަރުގެ އެލިއާ ޓޮލެޑާނޯ ވެސް މަރާލެވިފައިވަނީ އިސްރާއީލުގެ ހަމަލާގައި ކަމަށް ބުނެ އެކަމުގެ ޒިންމާ އުފުލާކަން އާއިލާތަކަށް މިހާރުވަނީ އަންގާފައެވެ.

މަރާލެވުނު ރަހީނުންނާއި އަދި މިހާރު ވީތަނެއް ނޭގޭ ރަހީނުންގެ މައްސަލަ އިސްރާއީލުން ގެންދަނީ ތަހްގީގު ކުރަމުންނެވެ. އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފައިވަނީ އައިޑީއެފުން ޖަބާލިއާ ކޮމްޕްލެކްސްގެ ބިންގަރާހަށް ހަމަލާދިން އިރު އެތަނުގައި ރަހީނުން ތިބިކަން އެނގިފައި ނުވާކަމަށެވެ. އަދި މައުލޫމާތު ލިބިފައިވަނީވެސް ރަހީނުން ތިބީ އެހެން ތަނެއްގައި ކަމަށެވެ. 

މީގެކުރިންވެސް އިސްރާއިލުގެ ދިފާއީބާރުތަކުން އޮޅިގެން ( އެއީ ހަމާސްގެ މުޖާހިދުން ކަމަށްހީކޮށް ) 3 މީހަކު ވަނީ ބަޑިޖަހާ މަރާލާފައެވެ. އެއީ ޔޯތަމް ހައިމް އާއި އެލޯން ޝަމްރިޒް އާއި އަދި ސޭމަރ އަލްތަލަލްކާ ކަން ފަހުން ވަނީ އެނގިފައެވެ. އަދި ދާދިފަހުން އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައިވެސް ޔޯސީ ޝަރާބީ އޭ ކިއުނު އިތުރު ރަހީނަކު ވަނީ މަރާލާފައެވެ. އޭނާގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. 

ގައްޒާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތަށް ކުރިއެރުމެއް ނުލިބި މުޅި މެދު އިރުމަތީގެ ހާލަތު ގޯސްވެދާނެ އިތުރު ކުރިތައް ފަޅަމުން ދާ މަންޒަރު ސިފަކުރައްވައި ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ވަރަށްބޮޑަށް މާޔޫސްވެ ވަޑައިގެންފައިކަން އެސޯޝިއޭޓެޑް ޕްރެސްއިން ހާމަކޮށްފައިވެއެވެ. އަދި ލެބަނަންގައި ގޮއްވާލާފައިވާ ޕޭޖަރު ތަކުގެ މައްސަލައިގާ އިސްރާއީލާ ގުޅުން ހުރިކަމަށް ބެލެވޭތީ އެ މައްސަލަ ބަލަމުން ގެންދަވާ ކަމަށް ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެފައިވާކަމަށްވެސް އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައިވެއެވެ. ޕޭޖަރުތައް އުފެއްދި ބަޔަކާއި އަދި ގޮއްވާލި ބަޔަކާބެހޭ މައުލޫމާތު އެއްކުރަމުން ގެންދާކަމަށްވެސް ބްލިންކަން ވިދާޅުވިއެވެ. 

މިސްރުގެ ގާހިރާގައި ހުންނަވައި ގައްޒާގެ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށް އެމެރިކާގެ ބައިވެރިންނާއެކު މަސައްކަތްކުރައްވަމުންގެންދަވާއިރު އިސްރާއީލުން ގެންދަނީ ލެބަނަންގެ މަސްރަހް އިތުރަށް ހޫނުކުރާނެކަމުގެ އިންޒާރު ދެމުންނެވެ. ޚަރިޖީ ވަޒީރު ބްލިންކަން ވިދާޅުވި ކަމަށްވަނީ ސުލްހައިގެ މަޝްވަރާތަކަށް ކުރިއެރުމެއް ލިބިދާނެ ކަމަށް އުންމީދު ކުރެވޭ އިރަށް ފެންނަމުން މިދަނީ އެހެން ދިމާލަކުން މައްސަލަ ހޫނުކުރަމުން ގެންދާތަނެވެ.

ހިޒްބު ﷲ ގެ މެމްބަރުން ގެންގުޅުއްވާ ޕޭޖަރުތައް ގޮއްވާލި ހާދިސާގައި ކުޑަކުއްޖަކާއެކު 12 މީހަކު ވަނީ މަރުވެފައެވެ. އިސްރާއީލުން މި މައްސަލާގައި މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. 

ބްލިންކަންގެ ވާހަކައިގާ މި މަހުތެރޭގައި ހަމާސްއިން މަރާލި 6 ރަހީނުންގެ ވާހަކަވެސް ފާހަގަ ކުރެއްވިއެވެ. 

ބްލިންކަންގެ މި ދަތުރުފުޅަކީ އޮކްޓޯބަރ 7 ގެ ހަމަލާއަށްފަހު އެ ސަރަހައްދަށް ކުރައްވާ 10 ވަނަ ދަތުރުފުޅެވެ. އެ މަނިކުފާނު ވިދާޅުވީ ނަތަންޔާހޫ ވެސް ހިމެނޭ ގޮތުގައި އިސްރާއީލުގެ ބޮޑެތި ބައެއް ސިޔާސީ މީހުން އެއްވެސް ވަރަކަށް ސުލްހައިގެ ވާހަކަތަކުގައި ދޫ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް