އެންމެންގެ ރައްކާތެރިކަމަށްޓަކައި އެންމެން ގުޅިގެން މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ. މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
ރައީސް މި ގޮތަށް އެދިވަޑައިގަތީ ރާއްޖޭގެ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދު އުފައްދާފައިވާ ކާޓޫނު ވީޑިއޯއެއް ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފުރާނައަކީ އަގުހުރި އެއްޗެއް ކަމަށް ވިދާޅުވެ ރައީސް އެދިވަޑައިގަތީ ރައްކާތެރިކަމާއެކު ދުއްވުމަށެވެ. އަދި އެންމެން ގުޅިގެން މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
އަމިއްލަ އަތުން ކުރާ ގޯސް ކަންކަން ރަނގަޅު ކުރަން ދެވަނަ ފުރުސަތެއް ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ހިއްސާ ކުރެއްވި ވީޑިއޯއިން ފެނިގެންދަނީ ބައްޕައަކު އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ހަދިޔާއަކަށް ދިނުމަށް އަތުކުރީ ގަޑިއެއް ހިފައިގެން ސައިކަލުގައި ދުއްވާފައި ދަނިކޮށް ބާރަށް ދުއްވާފައި އައި ކާރެއްގައި ޖެހި އެކްސިޑެންޓުވާ ތަނެވެ.
އެގޮތުން ކާރު ދުއްވަން އިން މީހާ ކާރުން ފައިބައިގެން ގޮސް ސައިކަލުން ވެއްޓުނު މީހާ ފުރޮޅާލައި ކާކުތޯ ބަލައިލިއިރު އޭނާއަށް ފެނުނީ އޭނާގެ ބައްޕަ މަރުވެފައި އޮއްވައެވެ. އެއާއެކު އޭނާ ބައްޕަގެ ކިބައިން މާފަށް އެދި ރޯމުންދާ މަންޒަރު ފެނިގެންދެއެވެ.
ރައީސް ވަނީ ޔާމީން ރަޝީދު މިފަދަ ވީޑިއޯއެއް އުފެއްދުމުން އޭނާއަށާއި އޭނާގެ ސެލްމިން އެނިމޭޝަން ސްޓޫޑިއޯއަށް ޝުކުރު އަދާކުރައްވާފައެވެ.