މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ކުރި އިއުލާނެއްގައި ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގެ 10 މެންބަރުންގެ މުއްދަތު 14 ޑިސެންބަރުގެ ނިޔަލަށް ހަމަވާ ކަމަށެވެ.

އެހެންކަމުން އެ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭނުންވާ ކަމަށާއި މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކުން، 25 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އެ މިނިސްޓްރީގެ [email protected] އަށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.

މެންބަރުންގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތައް:

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ) އުމުރުން 18 އަހަރު ފުރިފައިވުން.

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ބ) ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(އ) މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚުލާގު ރަނގަނޅު މީހެއް ކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާ ބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރ ކަނޑައަޅުއްވާ ފަރާތްތައް ކަނޑައެޅުއްވުމުގައި ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކޮށްފައިވުން އަދި އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮކަން (ޚާއްސަ ގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގައި) މަސައްކަތްކޮށްފައިވުން މި ކަންކަމަށް ބަލާނެއެވެ.

މީޑިއާ ކައުންސިލުގައ އެކުލެވިގެންވަނީ މީޑިއާ ތަކުން ތަމްސީލުކުރާ 7 މެންބަރުންނާއި އާންމު 3 މެންބަރުންގެ މައްޗަށެވެ.

އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާ އާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރު ކަމަށްވާއިރު، އެއްވެސް ފަރާތަކަށް ކައުންސިލްގެ މެންބަރު ކަމުގައި ޖެހިޖެހިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ބައްދަލުވުމެއް. ފޮޓޯ: އެމްއެމްސީ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް