ޔޫކްރެއިނުން އަރައިގަނެގެންތިބި ކާރސްކްގެ ބައެއް އަނެއްކާ ރަޝިޔާއިން އަތުލައިފި

Loading

Facebook
Twitter
WhatsApp

ރަޝިޔާގެ ކާރސްކް ސަރަހައްދުން ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ ބައެއް އަވަށްތައް އަނެއްކާވެސް ރަޝިޔާ ސިފައިން އަތުލައިފިއެވެ. ކީވުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޒެލެންސްކީވެސް ވަނީ އެ ސަރަހައްދުގައި ރަޝިޔާ ސިފައިންގެ ހަމަލާތަކާއި ޔޫކްރެއިނުން ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

                                   

ޔޫކްރެއިންގެ ކޮމާންޑަރ އިން ޗީފް އޯލެކްސަންޑަރ ސައިރސްކީ ބުނެފައިވަނީ ރަޝިޔާގެ ކާރސްކް ސަރަހައްދުން ސަތޭކަ އަވަށް އޯގަސްޓްމަހުގެ ހަމަލާގައި ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެނެވުނު ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް 500 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކީވުން ބުނެފައިވަނީ ޔޫކްރެއިނުން ކާރސްކަށް އަރައިގަތީ ރަޝިޔާގެ ބިންތަކަކަށް ވެރިވެ ގަތުމުގެ ބޭނުމުގައި ނޫން ކަމަށާއި ޔޫކްރެއިންގެ ހަމައެކަނި ބޭނުމަކީ ސުލްހައިގެ ވާހަކަތަކަށް ރަޝިޔާ ގެނައުން ކަމަށެވެ.         

އޯގަސްޓް މަހުގެ 8 ވަނަ ދުވަހު ޔޫކްރެއިނުން ދިން ކުއްލި ހަމަލާގައި ރަޝިޔާގެ ކާރސްކް ސަރަހައްދުގެ ބައެއް ވަނީ އަތުލާފައެވެ. އެއީ 2 ވަނަ ބޮޑު ހަނގުރާމައަށްފަހު ރަޝިޔާގެ ސަރަހައްދަކަށް ދިން އެންމެ ވަރުގަދަ ހަމަލާކަމަށް ބެލެވެއެވެ. ޔޫކްރެއިން ސިފައިން އަރާގަތުމާއި ގުޅިގެން ދޮޅު ލައްކައެއްހާ ވަޒަންވެރިން އެ ސަރަހައްދުން ބޭރުކުރަން ޖެހުނެވެ. އެހެންނަމަވެސް ރަޝިޔާގެ ސިފައިން އޭރުވެސް ބުނަމުން ގެންދިޔައީ ޔޫކްރެއިންގެ ސިފައިން އެ ސަރަހައްދުން ފައްސާލާނެ ކަމަށެވެ.                                

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ރައްދު ހަމަލާތައް ފެށުނުތާ ދެވަނައަށްވީ ދުވަހު ޔޫކްރެއިނުން ހިފައިގެން ތިބި އަވަށްތަކުގެ ތެރެއިން 10 އަވަށް މިނިވަން ކުރެވިއްޖެ ކަމަށެވެ.                           

ރަޝިޔާގެ ރައްދު ހަމަލާތަކާއި ޔޫކްރެއިނުން ކުރިމަތިލާންމި ޖެހުނީ އެމެރިކާއިން ޔޫކްރެއިނަށް ދީފައިހުރި ދުރު ރާސްތާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދަ ވަރަށް އަވަހަށް ޔޫކްރެއިނަށް ލިބޭނެ ކަމަށް ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެފައިވަނިކޮށެވެ. އަދި އަހަރެމެން ކުރަންޖެހޭ ކަންތައްތައް އެކަމުގެ ވަގުތު ޖެހުމުން ކޮށް ނިންމާލާނެވެސް ވިދާޅުވިއެވެ. ޕޯލޭންޑުގައި ހުންނަވާފައި ބްލިންކަންވަނީ އެ ސަރަހައްދުގެ ގައުމުތައް ހުރަސްކޮށް ރަޝިޔާއިން ފޮނުވާ މިސައިލް ހަމަލާތައް ނައްތާލުމަށް ބާރު އަޅުއްވާފައެވެ.          

ޚާރިޖީ ވަޒީރު ބްލިންކަންގެ މިވާހަކައާ ގުޅިގެން ކްރެމްލިނުން ބުނެފައިވަނީ “ ޔޫކްރެއިނަށް އެބުނާ ހުއްދައެއް ދީފިނަމަ “ އަހަރެމެންގެ ހަމަލާތައްވެސް އެއާ އެކަށީގެންވާ ގޮތަކަށް ބަދަލު ކުރާނަމެވެ. “              

އެމެރިކާއިން މިވަގުތު ޔޫކްރެއިނަށް ހުއްދަ ދީފައިވަނީ ހުޅަނގުން ދީފައިވާ ހަތިޔާރު ބޭނުންކޮށްގެން ހަމައެކަނި ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ބިންތައް އަތުލުމަށް ހަމަލާ ދިނުމަށާއި އަދި ދެ ގައުމު ގުޅޭ ސަރަހައްދުތަކުގައި ބަދަލުކުރަމުން ގެންދާ ހަމަލާތަކުގައި ބޭނުން ކުރުމަށެވެ. އެކަމަކު ކީވުން ބޭނުންވަނީ އެ ވަސީލަތްތައް ބޭނުންކޮށްގެން ރަޝިޔާގެ އެއާރފީލްޑް ތަކަށާއި އަދި މިލިޓްރީ އަމާޒުތަކަށްވެސް ހަމަލާދިނުމުގެ ހުއްދައެވެ. ރައީސް ޒެލެންންސްކީގެ ޝަކުވާއަކީ ހުއްދި ނުލިބި ލަސްވަމުން ދިއުމުގެ ސަބަބުން ރަޝިޔާ ސިފައިންނަށް ޔޫކްރެއިންގެ ތެރެއަށް ދެމިގަތުމުގެ ފުރުސަތު ލިބެމުންދިއުމެވެ.                               

ރައީސް ބައިޑްން ހުންނަވަނީ ޔޫކްރެއިނަށް ހުއްދަ ދީފިނަމަ ނިއުކްލިއަރ 2 ބާރު ކަމުގައި ބެލެވޭ ރަޝިޔާއާއި އެމެރިކާގެ ސީދާ ކުރިމަތިލުމަކަށް ފުރުސަތު ހުޅުވިދާނެތީ އެފަދަ ފިޔަވަޅެއް އެޅުއްވުމަށް ނުކުޅެދިފައެވެ. އެހެންނަމަވެސް އިނގިރޭސި ބޮޑުވަޒީރު ކޭރ ސްޓާމަރ ވިދާޅުވެފައިވަނީ އެމަނިކުފާނު ރައީސް ބައިޑްން އާއި ބައްދަލު ކުރެއްވުމުގައި އެ މައްސަލަ އާއި ދޭތެރޭ މަޝްވަރާ ކުރައްވާނެ ކަމަށެވެ.                    

އެންމެފަހުން ރަޝިޔާއިން ޑޮނެސްކް ސަރަހައްދަށް ދިން ހަމަލާގައި ބައިނަލް އަގްވާމީ ރެޑް ކްރޮސް ޖަމާއަތަށް ނިސްބަތް ކުރެވޭ 3 މީހަކު މަރުވުމުން އެ ޖަމާއަތުގެ ރައީސާ މިރްޖާނާ ސްޕޮލިއާރަކް ވަނީ ނުރުހުން ފާޅުކޮށް އެންމެ ހަރުކަށި އިބާރާތުން އެ ހަމަލާ ކުށްވެރި ކޮށްފައެވެ. މިއޮއް ހުރިހާ ދުވަހު އިސްރާއީލުން ގައްޒާ ފުނޑު ފުނޑުކޮށް އަތުޖެހުނު މީހަކު މަރަމުން ކުޑަކުދިން އިރަމުން ގެންދާއިރު މިކަމަނާ މިއީ ހުރި މީހަކުކަންވެސް ނޭނގެއެވެ.

މޮސްކޯގެ ސިފައިން މިހާރު ގެންދަނީ ޑޮނެސްކް ސަރަހައްދުގެ ރަށްތަކާ ކައިރި ކުރަމުންނެވެ. މިހާރު އަންދާޒާ ކުރެވޭ ގޮތުގައި ރަޝިޔާ ސިފައިން ތިބީ ޕޮކްރޮވުސްކް ސިޓީއާއި އެންމެ 10 ވަރަކަށް ކިލޯމީޓަރ ދުރުގައެވެ. ޕޮކްރޮވުސްކު ސިޓީގެ އެޑްމިނިސްޓްރޭޝަނުން ދަ ޓެލިގްރާމް ގައި ހިއްސާ ކޮށްފައިވާ ޚަބަރުގައި ރަޝިޔާގެ ސިފައިން އެ ސިޓީގެ ފެނާއި ގޭސް ސަޕްލައި ހުއްޓުވައިފިކަމަށް ބުނެފައި ވެއެވެ. ޑޮނެސްކުގެ ގަވަރނަރ ވަދީމް ފިލާޝްކިން ބުނެފައިވަނީ އެ ޝަހަރުގައި އަދިވެސް ތިރީހަކަށް ހާސް މީހުންނަށް ނުފޭބިފައި ތިބިއިރު ފެނާއި ގޭސް ހުއްޓުވާ ލުމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.                                    

ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަކުރަމުންދާއިރު ޔޫކްރެއިނުން ފުރައިގެން މިސްރުން ގޮދަން ބަރުކުރަން ފުރި އުޅަނދަކަށް ބްލެކް ސީގެ ތެރެއިން ރަޝިޔާއިން ވަނީ ހަމަލާދީފައެވެ.       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް