ކ.ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުޙައްމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މ.އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ 13:20 ހާއިރުއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ރިޕޯޓު ކުރުމާއެކު ތަސްލީމް ދަތުރު ގޮސް އުޅުނު ފަސްގަނޑު ބަލައި ފާސްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މެރިން ޕޮލިސްއާއި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި ތަސްލީމް ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިންގ ޓީމް ވަނީ ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދު ބަލައިފައި ކަމަށެވެ.
މީގެއިތުރުން އެމްއެންޑީއެފްގެ ޑައިވިންގ ޓީމުން އޮގަސްޓް 31 އިން ސެޕްޓެމްބަރު 01 އަށް އަދި ސެޕްޓެމްބަރު 06 ވަނަ ދުވަހު 943,998 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ހުވަފެންފުށި ކައިރީގައި އޮތް ފަސްގަނޑަށް ދަތުރު ދިއުމަށްޓަކައި ދަތުރުގެ ބައިވެރިން ފުރީ އޮގަސްޓް 29 ވަނަ ދުވަހުގެ 17:00 އާއި 17:30 އާ ދެމެދުގެ ވަގުތެއްގައި މާލޭގެ ދެކުނު ފަރާތު ބަނދަރުން ކަމަށާއި މި ދަތުރުގައި ގޮސްފައިވަނީ ތަސްލީމް ހިމެނޭހެން 25 މީހުންނާ ދެ ކުޑަކުދިން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭނުމުގައި ގޮސްފައިވާ ދަތުރެއްކަން އެނގިފައިވާ ކަމަށާއި މި ދަތުރުގައި ތަސްލީމް ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރަށްޓެހި ރަހްމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުގައި:
ތަސްލީމް ހިމެނޭ ގުރޫޕް އެ ފަސްގަނޑަށް ދިޔައިރު، އިތުރު ބަޔަކު ފަސްގަނޑަށް ދަތުރު ގޮސް ތިބި.
އޮގަސްޓް 29 ވަނަ ދުވަހުގެ 00:00 އާ ހަމައަށް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވޭ.
އެ ދުވަހުގެ 00:00 ގެ ފަހުން ތަސްލީމް، ދަތުރުދިޔަ މީހުން ޖަހާފައި ހުރި ޓެންޓް ސަރަހައްދުގައި ނިދާފައި އޮތް ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކުން ފެނިފައިވޭ.
އޮގަސްޓް 30 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާ ކަމުގެ މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ތަހުގީގަށް ލިބިފައިވޭ.
ތަސްލީމް މުޙައްމަދު ދަތުރުދިޔަ ފަސްގަނޑުގައި ހުއްޓާ އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުގެ 7:45 އާއި 9:00 އާ ދޭތެރޭގައިކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވޭ.
ތަސްލީމް މާލެ ދާން ބޭނުންވާ ވާހަކަ ބުނެފައިވުމުން، އެ ދުވަހުގެ 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗުގައި ތަސްލީމް މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ، އޭނާ އެހެން ލޯންޗެއްގައި މާލެ ގޮސްފައިވޭތޯ ބެލުމަށް އޭނާގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވޭ.
ތަސްލީމް މާލެ ނާންނަ ކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށި.
ފުލުހުން ބުނީ މި މައްސަލާގެ ތަހުގީގައި ތަސްލީމާއެކު ދަތުރުދިޔަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި އެ ފަސްގަނޑަށް ދަތުރުދިޔަ އިތުރު 12 މީހުންނާ ވެސް ސުވާލުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ތަސްލީމް ބޭނުންކުރާ ފޯނާއި ލެޕްޓޮޕްގެ ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް ފަށައި ތަސްލީމާއި އިތުރު ބަޔަކު ދަތުރު ދިއުމަށް ބޭނުންކުރި ދެ ލޯންޗު ބަލައި ފާސްކޮށްފައިވާ ކަމަށާއި ތަސްލީމް މާލޭގައި އާންމުކޮށް ގޮސްއުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާއިރު، މި މައްސަލައާ ގުޅޭ ގޮތުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ވެސް އާއިލާއާ ހިއްސާކުރަމުންދާ ކަމަށެވެ.