ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން މޫޑީސް ރޭޓިންސް އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން %4.9 މިއަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ %6.5 ގައި ކަމަށެވެ.
“މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބައެއް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުން.“
އެމްއެމްއޭއިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ އޮގަސްޓު މަސް ނިމުނުއިރު އިތުރުވެފައި ކަމަށެވެ. އެގޮތުން ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައި ކަމަށެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި އޮގަސްޓު މަސް ނިމުނުއިރު ހުރީ 61.22 މިލިއަން ޑޮލަރު ކަމަށެވެ.
އެމްއެމްއޭއިން ބުނީ މިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާކަމަށް މޫޑީސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައެވެ.
މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް އޮޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް ފައިސާ މޮޕްއަޕް ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން ބޭރުފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރުފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވައިދު އިސްލާހުކޮށް މި ބަދަލުތައް މިމަހު އިއުލާންކުރެވޭނެ ކަމަށް ބުންޏެވެ. އަދި ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެ ޕޭމެންޓް ދައްކަންޖެހޭ ތާރީޚަށް ބަރާބަރަށް ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް އެމްއެމްއޭއިން ބުންޏެވެ.