ބާރުގެ ބޭނުންކޮށްގެން މިނިވަންކުރާ ރަހީނުން ގެންދަން ޖެހޭނީ ސަންދޯކަށް ލައިގެން

Loading

Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސް ތެލްއަވީވުން މިއަދު ދީފައިވާ ޚަބަރުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ”އަހަރެން ކަންތައް ކުރަންޖެހޭ ގޮތް ބުނުމުގެ ފުރުސަތު ހަމަ އެކަކަށްވެސް ނުދޭނަން“ ކަމަށް ނަތަންޔާހޫ ބުނި ޚަބަރެވެ. ނަތަންޔާހޫ މިހެން ބުނެފައިވަނީ ގައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުމުގެގޮތުން އިސްރާއީލުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާއި އަދި އެމެރިކާގެ ރައީސް ”އަހަރެންވެސް މިކަމުގައި އިތުރު މަސައްކަތް ކުރަން އެބަ ޖެހޭ ކަމަށް“ ވިދާޅުވުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުންނެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން އިތުރު 6 މީހަކު މަރާލާފައިވާކަން އެނގުމާއެކު އިސްރާއީލުގެ ރައްޔިތުން ތިބީ ނަތަންޔާހޫ ދެކެ ވަރަށް ރުޅި އައިސްފައެވެ. މިހާރު ހިނގަމުންދާ މުޒާހަރާތަކަކީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ހިނގަމުންދާ އެންމެ ބޮޑު އެއްވުންތަކެވެ. އެކަމަކު ނަތަންޔާހޫ ބުނަމުން ގެންދަނީ ރަހީނުން މިނިވަންކުރަން އޭނާއަށް ވުރެން ބޮޑަށް ބޭނުންވާނެ މީހަކު ނުހުންނާނެ ކަމަށެވެ.

މިދިޔަ ޖޫންމަހުގެ ތެރޭގައި އިސްރާއީލުން ދިން ކުއްލި ހަމަލާއާއެކު 4 ރަހީނަކު މިނިވަން ކުރުމާ ގުޅިގެން ހަމާސްގެ އަލް ގައްސާމް ބްރިގޭޑްތަކުން މިހާރު ބުނެފައިވަނީ މީގެ ފަހުން ބާރުގެ ބޭނުންކޮށްގެން އިސްރާއީލުން އެއްވެސް ރަހީނަކު މިނިވަންކުރަން މަސައްކަތްކުރަން އުޅެފިނަމަ އެ ރަހީނަކު މަރާލާނެ ކަމަށެވެ. އަދި ހަނގުރާމަހުއްޓާލައި ސުލްހައިގެ މޭޒުން އެއްބަސްވެވޭގޮތަކާ ޚިލާފަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބޭނުންވާގޮތަށް ބާރުގެ ބޭނުންކޮށްގެން ރަހީނުން ސަލާމަތްކުރަން އުޅެފިނަމަ ހުރިހާ ރަހީނުން ގެންދާން ޖެހޭނީ ސަންދޯކަށް ލައިގެންނެވެ.

މިދިޔަ ހޯމަދުވަހު އިސްރާއީލުގެ ދިދައިން އޮޅާލާފައިވާ ސަންދޯއްތަކެއް ހިފައިގެން ބައިތުލް މަގްދިސްގެ މެދުތެރޭގައި ހުންނަ ނަތަންޔާހޫގެ ގެ ކައިރިއަށް އެއްވެ މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވަމުން ދިޔައެވެ. އިސްރާއީލުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި ތެލް އަވީވުގައި ހުންނަ ނަތަންޔާހޫގެ ލީކުޑް ޕާރޓީގެ އޮފީސް ކައިރީގައިވެސް އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުން ގެންދިޔައެވެ. މި މުޒާހަރާތަކުން ގިނަ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތަކުގައި މިހާރު މެދުވެރިވެފައިވާ އެންމެ ބޮޑު ހުރަހެއް ކަމުގައި ފާހަގަ ކުރެވެނީ މިސްރުގެ ބޯޑަރުންލާފައި ގައްޒާއަށް ވަދެވެން އޮންނަ ”ފިލަޑެލްފީ“ އޭ ކިއުނު ކޮރިޑޯރ އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމަށް ގަދައަޅަން ފެށުމެވެ. ނަތަންޔާހޫގެ ޒުވާބަކީ އެ ކޮރިޑޯ ބޭނުންކޮށްގެން ހަމާސްއަށް ބޭނުންވާ ހަތިޔާރު ވައްދަމުން ގެންދިއުމެވެ. މިސްރާއި އަދި ހަމާސްއިން އެ ވާހަކަ ދޮގު ކުރެއެވެ.

އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާއިން ވެސް މިހާރު ކެތްތެރިކަން ކޮޅުން ލައިފި ކަހަލައެވެ. ވައިޓްހައުސްގެ ސިޓުއޭޝަންރޫމްގައި އޮތް ބައްދަލުވުމަކަށް ވަޑައިގަންނެވި މަގުމަތީގައި ”ހަނގުރާމަ ހުއްޓާލައި މަސަރަހް ފިނިކުރަން ނަތަންޔާހޫ ފުދޭވަރަކަށް މަސައްކަތް ކުރަމުންގެންދޭތޯ ނޫސްވެރިން ކުރި ސުވާލަށް ރައީސް ބައިޑްން ދެއްވި ޖަވާބަކީ ނޫނެކޭ އެވެ.“ އެކަމަކު ހަނގުރާމަ ހުއްޓުމާބެހޭ މަޝްވަރާތަކުން ދާއިމީ ހައްލެއް ހޯދޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ.

ހަމާސްއިން ގެންދަނީ އިސްރާއީލުން ކޮންމެ ދުވަހަކު އިތުރު ކަމެއް ހިއްލަމުން ވާހަކަތައް ހުއްޓުވަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރަމުންނެވެ. ހަނގުރާމަ ހުއްޓާލައި އިސްރާއީލުގެ ޖަލު ތަކުގައި ތިބި ގިނަ އަދަދެއްގެ ފަލަސްތީނީން މިނިވަން ކޮށް އިސްރާއީލުގެ ސިފައިން ގައްޒާއިން ފޭބުމާއެކު ހުރިހާ ރަހީނުން މިނިވަންކޮށްދޭނެ ކަމަށް ހަމާސްއިން ވަނީ ޔަގީންކަން ދީފައެވެ. މިއީ ރައީސް ބައިޑްންގެ ގަރާރުގެ މައިގަނޑު އަސާސް ވެސް މެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް