ޤައުމަށް ނިސްބަތްވުމާއި ޤައުމީ ލޯބި

Loading

Facebook
Twitter
WhatsApp


ޤައުމަށް ނިސްބަތްވުމަކީ ބިމާއި ވަޒަނާއި ތިމާގެ އަތުގައި އޮންނަ ކާކު ކަން އަންގައިދޭ ކާޑާއި އޮންނަ ގުޅުމެވެ.ޤައުމަށް ނިސްބަތްވުމާއި ޤައުމީ ލޯތްބަކީ ޤައުމާމެދު ހިތުގައި އުފެދޭ ރޫޙާނީ އިޙްސާސްތަކެވެ. ޤައުމާމެދު ހިތުގައި އުފެދިފައިވާ އީޖާބީ ގުޅުމެެވެ.ޤައުމާމެދު ތިމާގެ ހިތުގައި އޮންނަ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. ޤައުމީ ވާޖިބުތަކަށް ބޯލެބުމުގެ އިޙްސާސްތިމާގެ ހިތުގައި ވުމެވެ.ތިމާއާއި ތިމާގެ ޤައުމާމެދު އޮންނަގުޅުން ތަރުޖަމާކޮށްދޭނީ ތިމާގެ އަޚްލާޤާއި ސުލޫކުންނެވެ.


އެއަޚްލާޤާއި ސުލޫކަކީ ޤައުމު ދިފާޢު ކުރުމުގެ އިޙްސާސް ތިމާގެ ހިތުގައި އޮތުމެވެ. ޤައުމާމެދު ތިމާގެ ހިތުގައި އޮންނަ ތަޞައްވުރެވެ. އެއީ ޤައުމަށް ދިމާވާ ގޮންޖެހުންތަކުން ޤައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ރޫޙް ތިމާގެ ހިތުގައި އޮތުމެވެ.ޤައުމުގެ ދުޝްމަނުން ޤައުމަށް ދޭން ރާވާ ނުބައި ރޭވުންތަކުން ޤައުމުގެ ދިފާޢުކުރުމަށް މަސައްކަތް ކުރުމެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާތަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކުރަން ހިތަށް ގެނެސްގެންނުވާނެއެވެ. ތިމާއަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާއިން ޤައުމު ދިފާޢު ކުރުމަށް އަޒުމު ކަޑަ އެޅުމެވެ.
ޤައުމަކީ ތިމާ އުފަން ބިންކަމުގެ އިޙްސާސް އަބަދުވެސް ހިތުގައި އޮންނަންވާނެއެވެ.ޤައުމަކީ ތިމާގެ ތަޢުލީމާއި ތަރުބިޔަތު މަދަރުސާއެވެ.ދިރިއުޅެން އޮތް ބިމެވެ. ޚިދުމަތް ކުރަން އޮތް މުއައްސަސާ އެވެ. އެހެން ކަމުން ޤައުމަށް ވަފާތެރިވާން ވާނެއެވެ. ޤައުމުގެ ޙައްޤުގައި ތެދުވެރިވެ ތެދުބަސް އަބަދުވެސް ބުނަންވާނެއެވެ. ކިތަންމެ ބޮޑު އަގެއްދިން ކަމުގައިވިޔަސް ޤައުމުގެ ބިމުން އެންމެ އިންޗިއެއްވެސް ދޫކޮށްލަން ރުހިގެންނުވާނެއެވެ. އަދި ދޫކޮށްލުމުގެ އިޙްސާސެއް ހިތުގައި އޮވެގެންވެސް ނުވާނެއެވެ.ޤައުމަކީ ހަމައެކަނި އަދުގެ ޖީލުގެ ތަނެއް ނޫނެވެ. އަންނަން އޮތް ޖީލުތަކުގެ ވެސް ބިމެވެ. ކާބަފައިން އަދުގެ ޖީލަށް މިޤައުމު ހަވާލު ކޮށްފައިވަނީ ވަރަށް އަމާނާތް ތެރިކަމާ އެކުގައެވެ. މިއަމާނާތް ތެދުވެރިކަމާއެކު އަންނަ ޖީލުތަކަށް ގެންގޮސްދިނުމަކީ ވާޖިބެކެވެ.

މަސައްކަތުގައި އަމާނާތް ތެރިވުމާއި ވަފާތެރިވުމަކީ ޝަރްޢީ އަދި ޤައުމީ ވާޖިބެކެވެ. ގަސްތުގައި ވާޖިބުތަކަށް ފުރަގަސްދޭމީހަކީ ފާފަ ވެރިއެކެވެ. އެފަދަމީހަކީ އޭނާގެ ދީނަށާއި ޤައުމަށް ޚިޔާނަތް ތެރިވާ މީހެކެވެ، ޣައްދާރެކެވެ. އޭނާގެ ޟަމީރު މަރުވެ، ނަފްސު ބަލިކަށިވެ، އޭނާގެދީނާއި ޤައުމާއި ކުރިމަތީގައި ފަޟީޙަތް ވެފައިވާ މީހެކެވެ. މާތް ރަސޫލާގެ ބަސްފުޅެއްގެ މާނާގައިވާފަދައިން، އޭނާއަކީ ދުނަވީ ކުޑަ ފައިދާއަކަށް ދީން ވިއްކާލާނެ މީހެކެވެ.ހަވާނަފުސަށް ތަބާވުމަށް ޓަކައި ޙަރާމް ކަންކަން ޙަލާލު ކުރުމަކީ ދީނާއި ޤައުމަށް ވެވޭ ޚިޔާނާތެކެވެ.
ޤައުމަކީ މުއްސަދި ޤައުމެކެވެ. ޤައުމުގެ މުއްސަދިކަން އިޙްސާސް ކުރެވެނީ ޖޯގުރަފީ ގޮތުން ޤައުމު އޮތް ތަނެވެ. އެހެންް ކަމުން ޤައުމު ކުރިއަރާ ދިއުމަށް ހިތް ނޭދޭނެ އެތައްބަޔަކު ތިބޭނެ އެވެ. މިޤައުމު ނިކަމެތި ކޮށްލުމަށް ޓަކައި ބަނޑުހައިވެފައިވާ ބަލި ދޫނިތައް އަބަދުވެސް ޤައުމުގެ މަތީގައި އުދުހޭނެއެވެ. އެމީހުންގެ ނިކަމެތި މަސައްކަތްތައް ކާމިޔާބެއް ނުވާނެކަން ޤަބޫލު ކުރަން ޖެހެއެވެ. އަޅުގަޑުމެން އީމާންވާން ޖެހޭނެ ޙަޤީޤަތަކީ މިޤައުމަށް ނިކަމެތިކަމެއް ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށް އަދި މިހާތަނަކަށް ކާމިޔާބު ވެފައި ނެތް ކަމެވެ. އަޅުގަނޑުމެންގެ ދުޢާއަކީވެސް އެފަދަ މީހުންގެ މަސައްކަތުގައި ބަރަކާތް ނުލެއްވުމެވެ. ފަސްވަގުތު ބަންގީގެ އަޑު އިވޭހާ ހިދަކު ﷲ ގެ ރަޙުމަތުން މި ޤައުމަށް ނިކަމެތި ކަމެއް ނުލިބޭނެ އެވެ. ﷲގެ ވަޙީ ބަސްފުޅެއްގެ މާނާގައި ވަނީ “ ﷲއީ، މަކަރުވެރިންނަށްވުރެ، ތަދްބީރު ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.“
އަދުގެ ކިޔަވާކުދިންނަކީ މާދަމާގެ ޤައުމުގެ މުސްތަޤްބަލެވެ. މިކުދިންނަކީ މާދަމާ ޤައުމުގެ އިސްމަޤާމުތަކުގައި ތިބޭނެ ކުދިންނެވެ. އެހެންކަމުން ކިޔަވާކުދިންގެ ހިތް ތަކުގައި ޤައުމީ ލޯތް ބާއި އުފަންބިމަށް ނިސްބަތްވުމުގެ ތަޞައްވުރު އިތުރަށް ހަރުދަނާ ކޮށް ވަރުގަދަކުރުން މުހިންމެވެ. ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް ޤައުމުގެ މުއްސަދިކަމާއި، ޘަޤާފަތާއި ތާރީޚް އޮޅުވާލުމެއްނެތި އުގަންނައިދިނުމެވެ. ދީނަށް ލޯބިކުރާ ޤައުމީ ވަންތަ ޖީލެއް ބިނާ ކުރުމުގެ މަރުޙަލާ ފެށޭނީ މަދަރުސާއިންނެވެ. ޢިލްމު ލިބިގެން މެނުވީ ޤައުމުގެ ދުވެލި ހަރުދަނާ ނުކުރެވޭނެއެވެ. ”އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.“ މިއީ ﷲ ގެ ވަޙީ ބަސްފުޅުގެ މާނައެވެ.ތެދުވެރި ޢިލްމީ ތަރުބަވީ ޖީލެއްބިނާ ކުރެވިގެން ނޫނީ ޤައުމު ބިނާ ކުރުމަކީ ދަތި ކަމެކެވެ. ތެދުވެރިކަމާ ޢިލްމީ ތަރުބަވީ އަދި ތަފާތު ފަންނު ތަކުގެ ތަޖްރިބާކާރުންގެ މަސައްކަތުގެ ނަތީޖާއަކީ ސިންގަޕޫރު ފަދަ ޤައުމުތައް ބިނާ ވެގެން ދިއުމުމެވެ.
ޤައުމަށް ޓަކައި ކުރެވޭ މަސައްކަތުގައި އަބަދުވެސް ތެދުވެރި ނިޔަތް އޮންނަންވާނެއެވެ. ނިޔަތް ފާސިދުވެގެން ކުރާ މަސައްކަތް ތަކުގައި މާތް ﷲ ބަރަކާތެއް ނުލައްވާނެއެވެ. ”ޢަމަލުތައް ބިނާވެގެން ވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެމީހަކު ނިޔަތްގަތް ކަމެއް މެނުވީ ނުވެއެވެ“ މިއީ ކީރިތި މާތް ރަސޫލާގެ ޙަދީސް ބަސްފުޅެއްގެ މާނައެވެ.
ދުޢާ އަކީ އަޅުގަޑުމެން ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް