މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ޚަރަދ ކުޑަ ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އަންގައިފިއެވެ.
ޕީސީބީއިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ
މަތިން ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުން ޚަރަދު ހަމަމަގަށް އެޅުއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުންދިނުމުގެ ގޮތުންނާއި، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޚަރަދު ވީހާވެސް ކުޑަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަޅަން އެންގި ފިޔަވަޅުތައް:
ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން
މި ވަގުތަށް ހުއްޓާލުން.
ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް
ބައްދަލުކުރުން .
ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން 6 ގަޑިއިރަށްވުރެ ދިގު ނުވާނަމަ ފަސްޓް
ކްލާހުގައި ދަތުރު ނުކުރުން.
ދަތުރުގެ ހުރިހާ ޚަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ޚަރަދު ވީހާވެސް ކުޑަކުރުން.
ފެރީގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން.
އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ޚަރަދ އެންމެ ކުޑަވާނެ ގޮތަކަށް ދަތުރުގެ އިންތިޒާމުތައް
ހަމަޖެއްސުން.
ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއަރތަކުގައި ނޫނީ ބައިވެރިނުވުން.
މީގެއިތުރުން ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއްކަމުގައި ވީ ނަމަވެސް ކުންފުނީގެ
އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން އެ މަގާމުތަކަށް ނުނެގުމަށާއި ޕީސީބީގެ ހުއްދައާ އެކުގައި މެނުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް
ބަދަލެއް ނުގެނައުމަށް ކުންފުނިތަކަށް ވަނީ އަންގާފައެވެ.
އަދި ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށާއި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނަން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.