މާކެޓުގެ އަގާއި އެއްގޮތަށް އެ ކުންފުނިން ކަނޑުމަސް ގަންނަ އަގު ބަދަލުކުރާ ގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވަނީ ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އެ ދުވަހުން ފެށިގެން އަދިވެސް ހެޔޮ ބަދަލެއް އައިސްފައިނުވާތީ ކަމަށް މިފްކޯއިން މިއަދު ބުނެފިއެވެ.
މިފްކޯއިން މީޑިއާތަކާ ހިއްސާކުރި ޚަބަރެއްގައި ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވާތީއާއި އެކީ، އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީ ނަމަވެސް އެ މަސައްކަތްކޮށްފައިވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަން ކަމަށެވެ. އަދި މަހުގެ އަގު ބަދަލު ކުރިއިރު މަސް ގަތް އަގު ކަމަށްވާ 16 ރުފިޔާގެ ރޭޓުން މިފްކޯއަށް މަސް ކިރަމުންދިޔަ ކަމުގައިވީ ނަމަވެސް، އެކަމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ.
“ކުންފުނިން މިވަގުތު މަސައްކަތްކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށްވުރެ ދަށް ނުވާ ގޮތަށް އަގު ހިފެހެއްޓުމަށްފަހު އަގު މައްޗަށް ޖެހުމުން، މަސްވެރީން އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް.“
މިފްކޯއިން ބުނީ ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަން ނިންމާފައިވާ ކަމަށެވެ. އަދި ކަމާގުޅޭ ފަރާތްތަކާއެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި މިއަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، ވޭތިވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %42 ވަނީ ދަށްވެފައެވެ. އަދި މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްވެފައިވާއިރު، ފްރޯޒަން ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މީގެ ކުރިންވެސް އެވްރެޖުކޮށް 16 ރުފިޔާގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރު ވެސް ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިޔައީ ދެމުންނެވެ. އަދި މިހާރުވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކުންފުންޏަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވާ ކަމަށް މިފްކޯއިން ބުންޏެވެ.
“އެހެންކަމުން، ސަރުކާރުގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިކަމާއި، މަސްވެރިކަން ހީނަރުވުމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯއަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާންޖެހިފައި.“ މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ މަސްވެރީންގެ ހައްގުގައި މިހާލަތުގައި 16 ރުފިޔާގެ ރޭޓުން މިފްކޯއަށް ގެއްލުމުގައި މަސްކިރަން ޖެހުނަސް، އެކަމަކީ ސަބްސިޑީއާއި ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެކަމުގައި އެކުންފުނިން ބުންޏެވެ.
“އެހެންކަމުން މިފްކޯއަށާއި، ސިނާއަތަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނާންދެން މަޑުކޮށްގެން ތިބުން.“
މީގެއިތުރުން މިފްކޯއިން ބުނީ އަމިއްލަ ބައެއް ފެކްޓަރީތަކުން އެފަރާތްތަކުގެ ޕްރޮސެސެސިންގ އަށް ބޭނުންވާ މިންވަރުގެ އަދަދަކުން މިފްކޯއަށްވުރެ ބޮޑު ރޭޓެއްގައި މިދަނޑިވަޅުގައި މަސްވެރީން އަތުން މަސް ގަންނަމުންދިޔަ ނަމަވެސް، މިފްކޯއަކީ ގަންނަ މަހުގެ 80 އިން ސައްތަ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާ ކުންފުންޏެއް ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ރޯ މަހުގެ އަގު ދަށްވަމުންދާ ދަނޑިވަޅެއްގައި، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަކީ ދެމެހެއްޓެނިވި ބަދަލަކަށް ނުވާނެ ކަމަށާއި ކަން މިހެން އޮތްއިރު ފެލިވަރު ކޭނަރީއަށް އެކަނި ބޭނުންވާ ވަރަށް ބޮޑު އަގުގައި މަސްގަނެގެން ފަރުޖައްސާލެވޭނެ ގޮތެއް އެ ކުންފުންޏަކަށް ނޯންނަ ކަމަށެވެ.
މިއަހަރަކީ ވޭތުވެދިޔަ ދިގު މާޒީގައިވެސް މަސްވެރިކަން ހީނުކުރާ މިންވަރަށް ދަށަށް ދިިޔަ އަހަރަކަށްވާއިރު، އަހަރު ނިމެން 3 މަހަށް ވެފައި އޮތްއިރު، މިފްކޯއަށް މިހާތަނަށް ކިރުނީ 26،000 ޓަނުގެ މަސް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއަހަރުގެ މި ހާލަތުގެ ސަބަބުން މަސްވެރީން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިވަގުތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި އޭގެތެރޭގައި ތެލާއި އައިސް ކްރެޑިޓަށް ފޯރުކޮށްދިނުމާއި، މަސްވެރީންނަށް ނުދެވި ހުރި ފައިސާ ހޯދައި، ހަލާސްކުރުމާއި، މިހާރު ލިބޭ ބިލްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދުން ހިމެނޭ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މީގެއިތުރުން މިފްކޯ އެފިޝެންސީ އެކްސަސައިޒްގެ ތެރެެއިން ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަޅަންޖެހޭ ފިޔަވަޅުތައްވެސް އެކުންފުނިން އަޅަމުން އަންނަނީ މަސްވެރި އާއިލާއަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފޮޓޯ: ޙަސަން ސާޖިން