ސިހުރުވެރިއެއްކަން ސާބިތުވެއްޖެނަމަ އޭނާއަށް މަރުގެ އަދަބުދޭން މަޖުބޫރުވޭ

Loading

Facebook
Twitter
WhatsApp

ސިހުރު ހަދާ މީހާއަކީ އަސްލު ސިޙުރުވެރިއެއްކަން
އިސްލާމީ ޝަރީޢަތަށް ސާބިތުވެއްޖެ ނަމަ އޭނާއަށް މަރުގެ އަދަބު ނުދީ ދޫކޮށްލައިގެން ނުވާނޭކަމަށް ބައެއް ޢިލްމުވެރިން ބުނެއެވެ.

ސިހުރު ހަދާ މީހާ ސިހުރުވެރިޔަކަށް ވަނީ ނަމާދު ކުރުން ދޫކޮށްލުމަށްފަހު މާތް ﷲ ނޫން އެހެން ފަރާތަކަށް އަޅުކަންކޮށް އިބިލީހަށް ސަޖިދަކުރަމުން ގޮސް އިބިލީހާއި ބައްދަލުވެ އިބިލީސް ހުށަހަޅާ ޝަރުތުތައް އެ ސިހުރުވެރިޔާ ގަބޫލު ކުރާ ހިސާބުންނެވެ. ކަން މިހެން ހުރި ނަމަވެސް އޭގެ މާކުރިން އޭނާ ޝިރުކު ކުރަން ފަށައެވެ. އެއީ ނުތާހިރާ ހުރެ އިރުއަރާ ވަގުތު އިރާ ދިމާއަށް ކުރިމަތިލައި އޮރިޔާން ޙާލުގައި ހުރެ އިބިލީހަށް ސަޖިދަކުރަން ފެށުމެވެ. މި ދެންނެވި ޙާލުގައި ހުރެ އިންސާނާ ގިނަ ދުވަސް ތަކެއް ވަންދެން އިބިލީހަށް ސަޖިދަ ކުރަމުންދެއެވެ.

ސިހުވެރިޔަކަށް ވާން ބޭނުންވެ އެ މީހާ މާތް ﷲ ނޫން ފަރާތަކަށް ސަޖިދަކުރަން ފަށާ ވަގުތުން ފެށިގެން އެމީހާ ދީނުން ބޭރުވާނެއެވެ. ސިހުރުހެދުމަކީ ޙަރާމް ކުރައްވާފައިވާ ކަމަކަށްވީއިރު އަދި އެކަމަކީ ޝިރުކު ކުރުންކަން އެމީހަކަށް އެނގިހުރެ އެފަދަ މީހަކަށްވާން ބޭނުންވެ އެމީހާ އެކަމަށް ހިތު ނިޔަތް ގަތުމާއެކު އޭނާ އެވަނީ އިބިލީހުގެ އަޅަކަށް ވެފައެވެ.

މިދެންނެވި ފަދައިން އެމީހާ އިބިލީހަށް ސަޖިދަ އަޅުކަން ކުރާތާ އެތަކެއް ދުވަސް ފަހުން އޭނާއާއި އިބިލީސް ބައްދަލުވެއެވެ. މި ބައްދަލުވުމުގައި ސިހުރު ހަދަން ބޭނުންވާ މީހާއާއި އިބިލީހާއި ދެމެދު އެއްބަސްވުމެއް އެކުލަވާލެވޭކަމަށްވެއެވެ. އެ އެކުލަވާލެވޭ އެބަސްވުމުގައި ބަޔާން ކުރެވިފައިވާނީ މުޅީންވެސް މާތް ﷲ އަށް އުރެދުމުގެ ޝަރުތުތަކެވެ. މި ޝަރުތުތަކާ ރުހި އިންސާނާ އެ ޝަރުތުތަކަށް ޢަމަލުކުރަން ފެށުމާއެކު އޭނާ ސިހުރުވެރިއަކަށް ބަދަލުވެއެވެ.

މުސްލިމް އިންސާނާ ސިހުރުވެރިއަކަށް ބަދަލުވާ ހިސާބުން ފެށިގެން އޭނާ އެވަނީ ﷲ އަށް އުރެދި ޝިރުކުރަން ފަށާފައެވެ. އެކަމުގެ ސަބަބުން އޭނާ މުސްލިމެއްގެ ނަމުގައި ހުއްޓަސް އޭނާ އިސްލާމަކަށް ނުވާނެތާއެވެ. އިސްލާމްދީނުން ބޭރުވުމަށްފަހު އެނބުރި އިސްލާމްދީނަށް ނުވަދެވޭނެ ކަމަށް ބައެއް ޢިލްމުވެރިން ބުނާ އަޑުއަހަމެވެ.

މިހެން ދަންނަވަން މި ޖެހުނީ ސިހުރުހަދާ މީހުންނާބެހޭ ގޮތުން މިދިޔަ ހުކުރުވިލޭރޭ ކޮންމެވެސް މިސްކިތެއްގައި ކުރިއަށް ދިޔަ ދަރުސެއްގައި ދަރުސުދިން ޢިލްމުވެރިޔާ ގޮވާލީ ސިހުރުވެރިޔާ ސިހުރު ހެދުން ހުއްޓާލުމަށްފަހު އެކަމުން ދުރުވެ އިސްލާހުވުމަށެވެ. އެހެންކަމާއެކު މިދެންނެވި ހަމަތަކުގެ މަތިން އެ ސިހުރުވެރިޔާ އަލުން އިސްލާހުވެ އެނބުރި އިސްދީނަށް ވަދެވިދާނެތޯ އުފެދޭ ސުވާލަށް ކޮންމެވެސް ޢިލްމުވެރިއެއްގެ ފަރާތުން ޖަވާބެއް ބޭނުންވާތީ ދަންނަވާލީއެވެ.

ސިހުރުވެރިޔަކަށްވުމަށްފަހު އޭނާ ހިންގާފައިވާ ޖަރީމާތަކުގެ ތެރޭގައި ސިހުރު ހަދައިގެން މީހުން މެރުމާއި ރީތިކޮށް އުޅެމުން އަންނަ ދެމަފިރިން ވަރިކުރުވުމާއި ތަންތަން ފަޅުކުރުމާއި ކިޔަވަމުންދާ ކުދިންގެ ކިޔެވުން ހަލާކު ކުރުމާއި ސަރުކާރުތައް ވައްޓާލަން ސިހުރުހެދުންފަދަ ނަހީކުރައްވާފައިވާ ފަދަ އެތައް ޙަރާމް ކަމެއް އޭނާ ކުރެއެވެ.

މިފަދަ ނުބައި ޢަމަލުތައް ހިންގާ ޝިރުކުކޮށް ޝައިތާނާއަށް ސަޖިދަކޮށް ނުތާހިރާ ހުރި މީހަކު އެނބުރި އިސްލާމްދީނަށް ވަދެވިދާނެ ކަމަށް އަޅުގަނޑުގެ މި ކޮށި ސިކުނޑި ގަބޫލު ނުކުރާތީ މި ވާހަކަވެސް ދަންނަވަން ޖެހުނީއެވެ.

މި ދެންނެވި ފަދަ ސިހުރުވެރިން ނުމަރާ ދޫކޮށްލައިފިނަމަ އެ ސިހުރުވެރިޔާގެ ސަބަބުން މުޖުތަމަޢު ފަސާދަވެ އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަން ޔަގީނެވެ. އެހެންކަމާއެކު ސިހުރުވެރިޔާ ސިހުރު ހަދައިފިކަން އިސްލާމީ ޝަރީޢަތަށް ސާބިތުވެއްޖެ ނަމަ އޭނާގެ ބޯ ނުކަނޑާ ދޫކޮށްލެވިގެން ނުވާނެއެވެ. ސިހުރުވެރިން މަރަން ޖެހެނީ ސިހުރު ވެރީންނަކީ ނުރައްކާތެރި މިނިކާވަގުންފަދަ ބިރުވެރި ބަޔަކަށްވާތީއެވެ.

ރާއްޖޭގައި ވެސް ވަނީ ބަޑިޖަހާ ސިހުރުވެރިޔަކު މަރާލާފައެވެ. އެއީ ހަނދާންވާ ގޮތުން ނަވާސަތޭކަ ފަންސާހުގެ އަހަރު ތަކުގައި މަރުޙޫމް ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައެވެ. މަރާލެވުނު ސިހުރު ވެރިޔާއަކީ ގއ.ނިލަންދޫ ޙަކީމްދީދީއެވެ.

އާސަހަރާގައި ވަޅުލާފައި އޮތް ސިހުރެއް. ފޮޓޯ: އަޙްމަދު މުނައްވަރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް