ރޭ ފެނިގެންދިޔައީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ފުލުހުން ޖެހިލުން ނުވާނެ ކަމުގެ މިސާލެއް:ސީޕީ ޝުޖާޢު 

Loading

Facebook
Twitter
WhatsApp

ރޭ ހިނގި ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ ފަރާތުން ފެނިގެން ދިޔައީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެ ކަމުގެ މިސާލެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނާ ސީޕީ ޝުޖާޢު ވަނީ ބައްދަލު ކުރައްވާފައެވެ.


މި ބައްދަލު ކުރެއްވުމުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު “ތުރެޓް ނިއުޓްރަލައިޒް” ކޮށްފައިވާ ކަމަށާއި މިއީ ކާމިޔާބު މަސައްކަތެއް ކަމާއި އެކަމަށްޓަކައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެ ކަމުގެ މިސާލެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމައެހެންމެ ސީޕީ ވަނީ ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަކަމާއި މިއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއްކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން، ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު ”ނިއުޓްރަލައިޒް“ ކުރުމުގައި ނިންމި ނިންމުން ރަނގަޅު ކަންވެސް ސީޕީ ފާހަގަ ކުރެއްވިއެވެ. އަދި ﷲ ގެ އިރާދާފުޅާއެކު ވިކްޓިމްއަށް އަދި ސަސްޕެކްޓްއަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނުކަން ސީޕީގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ރޭ އަންހެނަކު ރަހީނު ކުރި މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް