ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ފިލައިގެން ދިޔަހާ އަވަހަކަށް، ހަރުދަނާ ވަރުގަދަ ސަރުކާރެއް އެކުލަވާލުމަށް، އާންމު އިންތިޚާބެއް ބޭއްވުމަށް މެލޭޝިއާގެ ބޮޑު ވަޒީރު މުހުޔިއްދީން ޔާސީންގެ ކޯލިޝަންގެ އެންމެ މުހިއްމު ބައިވެރިޔާ ގޮވާލައްވައިފިއެވެ. މުހުޔިއްދީނުގެ ބަލިކަށިވެފައިވާ ސަރުކާރަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެކެވެ. މާޗުމަހު ބޮޑު ވަޒީރުކަމާއި ހަވާލުވިމުހުޔިއްދީންގެ ސަރުކާރަށް އަޣުލަބިއްޔަތު ލިބިފައިވަނީ އެހެން ޕާޓީތަކަށް ވުރެ އެނެމެ ދެ ގޮނޑި އިތުރަށް ލިބިގެންނެވެ. އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމްވަނީ އާ ސަރުކާރެއް އެކުލަވާލުމަށް އޭނާގެ ޕާޓީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ކަމަށް ވިދާޅުވެ މުހުޔިއްދީނަށް ގޮންޖައްސަވާފައެވެ.
އިންތިޚާބަކާނުލައި ސަރުކާރާއި ހަވާލުވެވަޑައިގެންނެވި މުހުޔިއްދީންގެ ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީއަކީ ދި ޔުނައިޓެޑު މެލޭސް ނެޝެނަލް އޯގަނައިޒޭޝަން (އުމްނޯ)އެވެ. ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން އިތުރުވަމުންދާ ދަނޑިވަޅުގައި މިޕާޓީންވަނީ މިހާރުގެ ސަރުކާރާއިއެކު ތިބިކަން ހާނމަކޮށްފައެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ފިލުމުން އިންތިޚާބު ބާއްވަން މި ޕާޓީންވަނީ ގޮވާލާފައެވެ.
“ ކޮރޯނާ ވައިރަސް މީހުން ފައްސިވާވަރު މަދުވެ ކޮވިޑު-19ގެ ބަލުމަޑުކަން ކޮންޓުލޯުކުރުެވުމުން، ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް ގާއިމުކުރުމަށްޓަކައި ޢާންމު އިންތިޚާބެއް ބާއްވަން ޖެހޭނެ“ ކަމަށް އުމްނޯގެ އެންމެއިސްފަރާތްތަކުން ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އުމްނޯއިން މިހާރުގެ ސަރުކާރަށް ތާއީދުކުރުމުން 2021 ވަނައަހަރުގެ ބަޖެޓު މަޖިލީހުން ފާސްކުރަން މިހާރުގެ ސަރުކާރަށް ފަސޭހަވެގެންދާނެއެވެ. އެހެންނަމަވެސް އުމްނޯއިން އަވަސް އިންތިޚާބަކަށް ގޮވާލުމުން ދޭހަވަނީ މުހުޔިއްދީނުގެ ލީޑަރޝިޕުގެ ނިމުން ގާތްވެދާނެ ކަމެވެ. 2023ގެ ކުރިން އިންތިޚާބު ބާއްވަން ނުޖެހޭނެއެވެ.