އެމިރޭޓްސްއާއި އިސްރާއީލުގެ ވިޔަފާރީގެ ގުޅުން

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ އިނގިރޭސި ވިލާތުގެ ޕްރެސް ޓީވީއިން ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ. މީގައި ސަންދާނުގެ ބަހެއް ހިމަނާފައެއް ނުވާނެއެވެ.

އަޅުގަނޑުމެންގެ ދިވެހިންގެ ހިތްތަކުގައި ފަލަސްތީނުގެ އަޚުންނާއި އުޚްތުންނާއި ދޭތެރޭ ވަރަށް ޚާއްސަ ކުލުނެއް އުފެދިފައިވާކަން އެއީ ދެބަސްނުވެވޭނެ ހަގީގަތެކެވެ. ފާއިތުވެގެން މިދާ ދިހަ ވަރަކަށް މަސްދުވަހު އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލު އާންމުގެ ފޮޓޯތަކާއި ޚަބަރުތައް ފެނުމުން ދިވެހިންގެ ލޯތަކުން ކަރުނަ ހިކޭ ވަގުތެއް ނުދާކަމަށްވެސް ބުނެވިދާނެއެވެ. މިފަދަ ހިތާމަވެރި ހާލަތެއްގައި ފަލަސްތީނުގެ އަވަށްޓެރި އިސްލާމީ ބައެއް ގައުމުތަކުން ކަންތައް ކުރާ ގޮތުގެ މައްޗަށް މާދުރުގައި ތިބި ބަޔަކު ދެކޭ ގޮތް އެނގުމަކީވެސް އަޅުގަނޑުމެން ދިވެހިން އިންތިޒާރު ކުރަމުންގެންދާނެ ކަމެކެވެ. އަވަށްޓެރި އަރަބި ގައުމުތަކުން ފަލަސްތީނުގެ މައްސަލާގައި ދިވެހިރައްޔިތުން ހިތްހަމަޖެހޭ ވަރަށް އެހީތެރިކަން ފޯރުކޮށް ނުދޭކަމަށް ދެކެއޭވެސް ބުނެވިދާނެއެވެ.

އެމިރޭޓްސް އާއި އިސްރާއީލުން ސިޔާސީ ގުޅުން ގާއިމް ކުރުމުގެ ނުފެންނަ ފަރާތް:                

އެމިރޭޓްސްގެ އެޕެކްސް ކޮމްޕެނީއާއި އިސްރާއީލުގެ ޓޭރާ ގުރޫޕުން ސޮއިކުރި އެއްބަސްވުމަކީ އެ ދެ ގައުމުގެ ދެމެދުގައި ކުރެވުނު އެންމެ ފުރަތަމަ ވިޔަފާރީގެ އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި އެމިރޭޓްސްގެ އެޕެކްސް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ޗެއަރމަން ޚަލީފާ ޚޫރީއެވެ. އިސްރާއީލުގެ ފަރާތުން ސޮއިކުރީ ޓޭރާ ގުރޫޕުގެ ސީއީއޯ އޯރެން ސެޑްލީއެވެ. އެއީ 2020 އޯގަސްޓްމަހުތެރޭގައެވެ.

އަބްރަހަމް އެކޯރޑުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ އެ ކުންފުނީގައި އެމިރޭޓްސް އިން 10 ބިލިއަން އެމެރިކާ ޑޮލަރުންވެސް ކުރަން ޖެހެއެވެ.

އެމިރޭޓްސްއިން އިސްރާއީލާއެކު އޮންނަ މިލިޓްރީ ގުޅުން ހާމަވެގެން ދިޔައީ ގައްޒާ ހަނގުރާމައިގެ ހިޔަނީގެ ތެރެއިންނެވެ. އެމިރޭޓްސް އާރމްސް ފާރމް އާއި އިސްރާއީލުގެ ހަތިޔާރު އުފައްދާ ކުންފުނި އެއަރޯ ސްޕޭސް އިންޑަސްޓްރީސްއާއެކު އެއްބަސްވުމުގައި ސޮއި ކުރެވުނީ 2021 ވަނަ އަހަރުގައެވެ. އެއްބަސްވުމުގެ ދަށުން އަންމޭންޑް ސަރފޭސް ވެސަލްސް ( ޔޫ އެސް ވީ ) ޑިޒައިންކުރުމާއި އުފެއްދުން ހިމެނެއެވެ.

އިސްރާއީލާއި އެމިރޭޓްސް ގެސިއްރު ގުޅުމަށް އަހަރުތަކެއް ވެއްޖެއެވެ. އެހެންނަމަވެސް އެ ގުޅުން އާންމުކުރެވިގެން މިދިޔައީ އަލަށް ގުޅުން އުފައްދަނީ ކަމުގެ ބަހަނާގައި އަބްރަހަމް އެކޯރޑުގެ ދަށުން އެ ދެ ގައުމުން ސިޔާސީ ގުޅުން ގާއިމް ކުރުމާއެކު ގައެވެ.

ޖީ-42 އާއި އިސްރާއީލުގެ ހަތިޔާރު އުފައްދާ ކުންފުނި ރަފައެލް އެޑްވާންސްޑް ޑިފެންސް ސިސްޓަމް އެއްބަސްވުމެއް މިހާރު ވަނީ ހެދިފައެވެ.  ޖީ-42 އަކީ ތަހްނޫން ބިން ޒައިދު އަލް ނަހްޔާން ގެ ކުންފުންޏެކެވެ. އެކުންފުނީގެ ޗެއަރމަން އަކީ ވެސް އެބޭފުޅާއެވެ. އަދި އެބޭފުޅާއަކީ އެމިރޭޓްސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ވެސް މެއެވެ.

އެމިރޭޓްސް އާއި އިސްރާއީލުގެ ބިޒްނަސް ކައުންސިލްގެ ކޯ-ޕްރެޒިޑެންޓްގެ ޑޯރިއަން ބަރަކްގެ އުންމީދަކީ ވަރަށް ކައިރި މުސްތަގުބަލެއްގައި މަދުވެގެން އިސްރާއީލު ސަރުކާރުގެ  އެއްހާސް ކުންފުނި ގަލްފުގެ ގައުމުތަކުގައި ހިންގަން ފެށުމެވެ. އޭގެ އެއް މިސާލަކީ އިސްރާއީލުގެ އެލްބީޓް ސިސްޓަމްސް. އެމިރެޓްސް ގައި އެލްބީޓް ސިސްޓަމް އެމިރޭޓްސްގެ ނަމުގައި މިހާރުވެސް ހުޅުވާފައި ހުރުމުމެވެ. އެ ކުންފުނީގެ މަގްސަދަކީ އިސްރާއީލަށާއި އެމިރޭޓްސްގެ މިލިޓްރީއަށް ބޭނުންވާ ހަތިޔާރު އުފެއްދުމެވެ.

އިސްރާއީލުގެ ތަމާރް ގޭސް ފީލްޑް ހިމެނޭގޮތުގައި ތަމާރް އެންޑް ޑަލިޓް ލީޒަސްގެ %11 ހިއްސާގެ މިލްކުވެރިއަކީ އެމިރެޓްސް ސަރުކާރުގެ މުބާދަލާ ކުންފުންޏެވެ. މުބާދަލާއިން އިސްރާއީލުގެ ކެޕިޓަލް ފާރމް ޕިންޓަންގޯ ވެންޗަރ ޕާރޓްނަރސް ގައިވެސް އިންވެސްޓް ކޮށްފައެވެ، އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ޝިމޯން ޕެރޭޒްގެ ފިރިހެންދަރި ޗެމީ ޕެރޭޒް 1993 ގައި އެ ކުންފުނީ އުފައްދާފައިވަނީ ޕޮލާރިސް ވެންޗަރ ކެޕިޓަލްގެ ނަމުގައެވެ.

އިސްރާއީލުގެ މިލިޓްރީއާއި ގާތްގުޅުމެއް އޮންނަ އެ ގައުމުގެ ސިނަޕްޓެކް ގައިވެސް އެމިރޭޓްސް އިންވަނީ ބައިވެރި ވެފައެވެ. ސިނަޕްޓެކްގެ ޗެއާރމަނަކީ އިސްރާއީލުގެ ކުރީގެ މިލިޓްރީ ޗީފް މޯޝޭ ޔާލޯނެވެ.

ސައޫދީ އެރޭބިޔާއާއި އެމިރޭޓްސްއިން އިސްރާއިލުން ހަތިޔާރު އުފެއްދުމަށާއި އިސްރާއީލުން ފަލަސްތީނުގައި ޣައިރު ގާނޫނީ ގޮތުން ޔަހޫދީން ވަޒަންވެރިކުރުވަން ފައިސާ ޚަރަދުކުރުން.

އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ޣައިރު ގާނޫނީ ގޮތުން ޔަހޫދީން ވަޒަންވެރިކުރުވުމާއި ގައްޒާގެ ގަތުލު އާންމު ކުރިޔަށް ގެންދަން ބޭނުންވާ ހަތިޔާރު އުފައްދަން ސައޫދީ އެރޭބިޔާއާއި އަދި އެމިރޭޓްސްއިން ފައިސާ ޚަރަދު ކުރެއެވެ.

ގައްޒާގެ ގަތުލު އާންމުގައި ސައޫދީ އެރޭބިޔާއާއި އެމިރޭޓްސްއިން ކުޅޭ ދައުރު ރަނގަޅަށް ތަހްގީގު ކުރަން ޖެހެއެވެ. އެ 2 ގައުމުން ޖާރެޑް ޚުޝްނަރ އާއެކު ވަރަށް ފަހުން ކޮންމެވެސް ހަރަކާތްތަކަކަށް އިންވެސްޓް ކުރަމުން ގެންދާ ކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.

ޖާރެޑް ޚުޝަނަރ ގެ އެފިނިޓީ ޕާރޓްނާރސްގެ ތެރެއިންލާފައި އިސްރާއީލުގެ ފީނިކްސް ހޯލްޑިންގެ ބޮޑެތި ހިއްސާދާރުން ކަމުގައި ސައޫދީ އެރޭބިޔާއާއި އެމިރެޓްސް ސަރުކާރު މިހާރު ވަނީ ހިމެނިފައެވެ.

ފީނިކްސް ހޯލްޑިންގްސް އަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ވަޒަންވެރި ކުރުވުމުގެ ގޮތުން ކުރެވޭ އިމާރާތްތަކާއި އަދި އިސްރާއީލުގެ މިލިޓްރީއަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމެންޓް ތަކެއް ކުރަމުން ގެންދާ ކުންފުންޏެކެވެ.

އެލްބީޓް ސިސްޓަމަކީ އިސްރާއީލުގައި އެންމެ ފުޅާ ދާއިރާއެއްގައި ހަތިޔާރު އުފައްދަމުން ގެންދާ ކުންފުންޏެކެވެ. އެ ކުންފުނީގެ 2 މިލިއަން ހިއްސާއަކީ ފީނިކްސް ހޯލްޑިންގްސް ގެ  މިލްކިއްޔާތެކެވެ. ބައެއް މައުލޫމާތުގައި މުޅި އެލްބީޓް ސިސްޓަމަކީ ފީނިކްސް ހޯލްޑިންގްސްގެ މިލްކިއްޔާތެއް ކަމަށްވެސް ބުނެފައިވެއެވެ.

އިސްރާއީލުގެ މިލިޓްރީން ގައްޒާ އާއި ހުޅަނގު އައްސޭރިއަށް ހަމަލާ ދިނުމުގައި ބޭނުންކުރާ ޑްރޯންތަކުގެ 85% އަކީ އެލްބީޓްގެ އުފެއްދުމެވެ.

އިސްރާއީލުން ފަލަސްތީނަށް އަރައިގަނެ ބާރުގެ ބޭނުންކޮށްގެން ފަލަސްތީނު ހިސާރުކޮށްގެން ގެންގުޅެން ބޭނުންވާ ސިފައިންނަށް ތަމްރީނު ދިނުމުގެ މަރުކަޒު “ ކޭމްޕް އޭރިއަލް ޝެރޯން “ ގެ  %15 ހިއްސާވެސް މިލްކުވެފައި ވަނީ ފީނިކްސް ހޯލްޑިންގ އަށެވެ.

އިސްރާއީލުގެ ސިފައިންގެ ތެރެއަށް ވަނުމަށް ބޭނުންވާ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި މީހުން ހޯދާދިނުމަކީވެސް އެކުންފުނީގެ ހަރަކާތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފަލަސްތީނުގެ ބިމުގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ޔަހޫދީން ވަޒަންވެރި ކުރުވުމާއި  އިމާރާތްތަކާއި ވަސީލަތްތައް އިންޝުއަރ ކުރުމާއި ކައުންސިލްތަކަށް ފައިސާގެ އެހީވުންފަދަ ހުރިހާކަމެއް ފީނިކްސް ހޯލްޑިންގްސް އިން ކުރަމުން ގެންދެއެވެ.

އިރުމަތީ ގުދުސްގެ ރަމަތުގައި ހުރި ވިޔަފާރި ކޮމްޕްލެކްސްތަކުގެ %80 އަކީ ފީނިކްސް ހޯލްޑިންގްސްގެ ތަންތަނެވެ.

އިސްރާއީލުން އަތުލާފައިވާ ސީރިޔާގެ ގޯލަން ހައިޓްގެ އެމެކް އަބާޗާ ވިންޑް އެނަރޖީ ޕަވަރ ޕްލާންޓްތަކަށް ވެސް ޚަރަދުކުރަނީ ފީނިކްސް ހޯލްޑީންގްސް އިންނެވެ.

ސައޫދީ އެރޭބިޔާގެ ބައިވެރިވުން ހިމެނިފައިވާ އެފިނިޓީ ޕާރޓްނަރސް އަކީ މިހާރު އިސްރާއީލުގެ ޝްލޯމޯ ގުރޫޕްގެ ހިއްސާދާރެކެވެ.

އިސްރާއީލު ކަނޑު ސިފައިންގެ އެންމެ މުހިންމު އުޅަނދުފަހަރު ފަރުމާކޮށް ބަންނަމުން ގެންދަނީ ޝްލޯމޯ ގުރޫޕުންނެވެ. އަދި ޝިފާ ހޮސްޕިޓަލަށް އިސްރާއީލުން ވަދެގަނެ އެތައް ބަޔަކު މަރާލަން ބޭނުންކުރި އެއްޗެހިވެސް އެއީ ޝްލޯމޯ ގުރޫޕުން އުފައްދާފައިވާ އަދި އެކުންފުނިން ފޯރުކޮށްދީފައިވާ އެއްޗެއްސެވެ.

2023 ވަނައަހަރު އިސްރާއީލުގެ ހައިލޭންޑަރ އެވިއޭޝަނުން ޑްރޯން އުފައްދަން ފަށާގަތުމަށްޓަކައި އެމިރޭޓްސްގެ އެޖް ގުރޫޕް އާރމަމެންޓްސް އިން 14 މިލިއަން ޑޮޅަރ އިންވެސްޓްކުރިއެވެ.

އިސްރާއީލުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓޭޓިސްޓިކްސް އިން ބުނެފައިވަނީ ގައްޒާގެ ގަތުލު އާންމު ކުރިއަށް ދިއުމާއެކުގައިވެސް އެމިރޭޓްސް އާއި މިސްރާއި ޖޯރޑްން އިން އެގައުމަށް އެކްސްޕޯރޓްކުރާ މުދަލުގެ މިންވަރު އިތުރު ވެފައިވާ ކަމަށެވެ. އެހެންނަމަވެސް ތުރުކީން އެކްސްޕޯޓް ކުރާއަދަދު ދެބައިކުޅަ އެއްބަޔަށް މަދުވެފައެވެ.

މިފަދަ ގޮތަކަށް ފަލަސްތީނުގެ މައްސަލައިގެ މިސްރާބު ހެޔޮ މަގަކަށް ބަދަލުކުރުމުގެ ބާރު ލިބިފައިވާ ގައުމުތަކުގެ ވިސްނުން ގެންގުޅޭ ކަމަށްވާނަމަ ފަލަސްތީނުގެ ރައްޔިތުން ބޭނުންވާ މިނިވަން ދައުލަތަކީ ހަމަ ހޫނު ގަދަ ދުވަހެއްގެ މެންދުރު އަރަބި ކަރައިގެ ސަހަރާތަކުން ފެންނަ ”އަވާމެންދުރެކެވެ.“    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް