ގްރޭވްސް ޑިޒީޒް ނުވަތަ ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑް އަށް ޖެހޭ ބައްޔެކެވެ. ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުން އިތުރުކުރާ އެންމެ އާންމު އެއް ސަބަބެވެ. ތައިރޮއިޑް ގްލޭންޑަށް ޖެހޭ އެހެން ބަލިތަކެކޭ އެއްފަދައިން މިއީ ވެސް އާއިލާގެ ތެރޭގައި ދައުރުވާ ބައްޔެކެވެ. ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑަށް ކުރިމަތިވާ ”އުޓޯއިމިޔޫން ޑިސްއޯޑަރ“ އެކެވެ. މިބަލިޖެހެނީ ދިފާޢީ ނިޒާމުން އުފައްދާ ހަށިދަމަނަތަކެއްގެ ސަބަބުން، އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ތައިރޮއިޑް ގްލޭންޑަށް ބާރުއަޅާތީ އެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑް އިން އާދަޔާ ޚިލާފަށް ތައިރޮއިޑް ހޯރމޯން އުފެއްދުމުން ”ހައިޕަތައިރޮއިޑިޒަމް“ގެ ހާލަތު ކުރިމަތި ކުރުވައެވެ.
އާންމު ގޮތެއްގައި ހަށިދަމަނަ ތަކުގެ ބޭނުމަކީ ތަފާތު ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމުތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުން ކަމަށްވިޔަސް، ގްރޭވްސް ބަލީގައި ހަށިދަމަނަ ތައް ތައިރޮއިޑް ގްލޭންޑަށް ހަމަލާ ދެއެވެ. އަދި ބައެއް ފަހަރު ލޮލުގެ ފަހަތުގައި ހުންނަ ޓިޝޫތަކަށް ( ލޮލުގެ މައްސަލަ ދިމާވާ ސަބަބު)، އަދި ކަށިމަތީގެ ހަމަށް މި ހަށިދަމަނަ ތައް ހަމަލާ ދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގްރޭވްސް ބަލި ޖެހުމުން ބަލިޖެހުނު މީހާގެ އެއްލޯ ނުވަތަ ދެލޯ ހުންނާނީ އާދަޔާ ޚިލާފަށް ބޮޑަށް ބޭރަށް ނިކުމެފައެވެ.
ކޮންމެ މީހަކަށް ވެސް ގްރޭވްސް ބަލި ޖެހިދާނެ އެވެ. ނަމަވެސް އެންމެ ބޮޑަށް ބަލި އާންމުކަމަށް ފާހަގަކުރެވެނީ އުމުރުން 40 އަހަރުން ދަށުގެ އަންހެނުންގެ މެދުގައެވެ.
ސަބަބުތައް:
ގްރޭވްސް ބަލި ކުރިމަތިވަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް އަރާ ލޮޅުމެއް ނުވަތަ ބުރޫއެއް ގެ ސަބަބުންނެވެ. މިކަންކުރިމަތިވަނީ ސީދާ ކިހިނެއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ. ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑަށް ކުރިމަތިވާ ”އުޓޯއިމިޔޫން ޑިސްއޯޑަރ“ އެކެވެ. މިބަލިޖެހެނީ ދިފާޢީ ނިޒާމުން އުފައްދާ ހަށިދަމަނަތަކެއްގެ ސަބަބުން، އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ތައިރޮއިޑް ގްލޭންޑަށް ބާރުއަޅާތީ ކަމަށް ބައެއް ރިފަރެންސްތަކުގައި ބަޔާންކޮށްފައި ވެއެވެ.
އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިންތިޒާމުކޮށް ބަލަހައްޓަނީ ސިކުނޑީގައި ވާ ޕިޓޫއިޓަރީ ގްލޭންޑް އިން ދޫކުރާ ހޯރމޯން އަކުންނެވެ. ގްރޭވްސް ބަލީގައި އުފައްދާ ހަށިދަމަނަ ”ތައިރޯޓްރޯޕިން ރިސެޕްޓަރ އެންޓިބޮޑީ“(thyrotropin receptor antibody) އަކީ ޕިޓޫއިޓަރީ ގްލޭންޑް ދޫކުރާ ރެގިޔުލޭޓަރީ ހޯރމޯން (ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ތަންޒީމުކުރާ ހޯރމޯންގެ އެއްގެ ގޮތުގައި) އެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. އެހެންކަމުން މިއެންޓިބޮޑީގެ ސަބަބުން ތައިރޮއިޑް ގްލޭންޑްގެ ތަންޒީމީ މަސައްކަތަށް ލޮޅުންއަރުވައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތައިރޮއިޑް ގްލޭންޑް އިން އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން އުފައްދައެވެ