ރަޝިޔާގެ ސިފައިން ކައިރިވަމުން އަންނައިރު ޔޫކްރެއިންގެ ރައްޔިތުންނަށް ސަލާމަތުގެ އައްސޭރިއެއް ނެތް

Loading

Facebook
Twitter
WhatsApp

ސީ އެން އެން އިއްޔެ ހަވީރުގެ ފަލަ ސުރުޚީ ތަކުގައި އެންމެ ފާހަގަ ކުރެވޭ ޚަބަރުގައި ރަޝިޔާ ސިފައިން ޔޫކްރެއިންގެ ޕޮކްރޮވުސްކާއި ކައިރިވަމުން އަންނައިރު އެ ސަރަހައްދުގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއެއް ހޯދޭނެގޮތް ނެތިފައި ތިބިކަން ފާހަގަ ކޮށްފައި ވެއެވެ. ރަޝިޔާގެ ސިފައިން ކައިރިވަމުން އަންނާތީވެ ކުރީބައިގާ ސަލާމަތް ވެވޭނެ މަގުތައް ހޯދުމަށް މީގެ 2 ހަފުތާ ކުރިއްސުރެން އެ ސަރަހައްދުގެ ކައުންސިލްތަކުން ގެންދަނީ އިންޒާރު ދެމުންނެވެ. ކައުންސިލްތަކުގެ އިންޒާރާއި ގުޅިގެން ގިނަބަޔަކު ވަނީ އެ ސަރަހައްދު ދޫކޮށް އެހެން ހިސާބުތަކަށް ގޮސްފައެވެ. އެހެންނަމަވެސް ބައެއް މީހުންނަށް ދެވޭނެ ގޮތެއް ނެތުމާއެކު އަދި އަނެއް ބަޔަކު އެންމެ ފަހު ވަގުތުގައިވެސް ރަނގަޅުގޮތެއް މެދުވެރިވެދާނެ ކަމުގެ އުންމީދުގައި މަޑުކޮށްގެން ތިބީއެވެ. 

                               

ބައެއްމީހުން ބުނެފައިވާގޮތުގައި ކައުންސިލްތަކުން އިންޒާރާއެކުވެސް ޝަހަރުން ބޭރު ނުދެވިފައިތިބީ ކުޑަކުދިންގެ ސަބަބުންނެވެ. އެ ހިސާބުގެ ރަށްތަކުގެ ކުލީ ތަންތަނުން  އުމުރުން 6 އަހަރު ނުފުރޭ ކުދިންނާއެކު ބޯހިޔާވަހިކަން ދޭކަށް ބޭނުމެއް ނުވެއެވެ.

ސެލިޑޯވްގައި ދަތުގެ ޑޮކްޓަރަކަށް އުޅޭ އުމުރުން 31 އަހަރުގެ އެރީނާ ކިޔާދީފައިވާ ގޮތުގައި އެވްރެޖްކޮށް ދުވާލަކު އެއްހާސް މީހުން އެ ސަރަހައްދު ދޫކޮށް ރައްކާތެރިކަން ހޯދަން އެހެން ތަންތަނަށް ދެއެވެ. އެރީނާވެސް އެހެންތަނަކަށް ދިއުމަށްޓަކައި މަސައްކަތްކުރަމުންގެންދާތާ އެތައް ދުވަހެކެވެ. މިހާރުގެ ހާލަތުގައި ރަޝިޔާ ސިފައިންނަށް ނުފެނި ޝަހަރުން ނިކުމެގެން ދެވިދާނެކަމާ ދޭތެރޭގައި ޔަގީންކަމެއްވެސް ނެތެވެ. އެކަމަކު އުމުރުން 3 އަހަރުގެ ކުޑަ ދަރިއަކު އޮތުމުން އެހެން ތަނަކަށް ދިޔަސް ވަންނާނެތަނެއް ނުލިބޭނެއެވެ. ކުޑަކުދިންނަށް އަޅާލުމުގެ ބަދަލުގައި އެހިސާބުގެ ކުލީ ތަންތަނުން ދެކެނީ އެ ކުދިންނަކީ ޖަނަވާރުން ތަކެއް ކަމަށެވެ.

މި ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި އެހެން ސަރަހައްދުތަކަށް ވަގުތު އޮއްވާ އަވަހަށް ދިއުމަށް އިންޒާރު ދެމުންގެންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ޕޮކްރޮވްސްކްގެ މިލިޓްރީ-ސިވިލިއަން އެޑްމިނިސްޓްރޭޝަންގެ އެންމެ އިސް ވެރިޔާ ސަރހީ ޑޮބްރިއަކު ސީ އެން އެން އަށް ކިޔާ ދީފައިވެއެވެ. ބައެއް މީހުން ނުރައްކާތެރިކަން ވިސްނިގެން އެހެންތަން ތަނަށް ހިނގައްޖެއެވެ. ބައެއްމީހުން ޖެހުނީ ގަދަކަމުން ފޮނުވާލާށެވެ. ވަސީލަތްތައް ލިބިފައިވާ މީހުންވެސް ދިރިއުޅެމުންގެންދިޔަ ވަޒަން ދޫކޮށް އެހެންތަނަކަށް ފިލަން ދިއުމަކީ ފަސޭހަކަމެއް ނޫންކަން ގަބޫލު ކުރަމެވެ. އެކަމަކު އެނޫންގޮތަކަށް ފުރާނަ ސަލާމަތްކުރެވޭކަށް ނެތެވެ. 

ދެން އޮތް ބިރުވެރިކަމަކީ ރަޝިޔާގެ ސިފައިން ޕޮކްރޮވްސްކް އަތުލުމަށްފަހު ދެން ދިމާކުރާނީ އެ ސަރަހައްދުން ކޮން ދިމާލަކަށް ކަން ނޭގުމެވެ. އެއް އަވަށުން އަނެއް އަވަށަށް ބަދަލުވޭވެ ތިބުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. މިހާރު ކައިރި އަވަށްތައްވެސް އޮތީ ފުރިފައެވެ. 

ޕޮކްރޮވްސްކް އަކީ އިރުމަތީ ޔޫކްރެއިނުން ރަޝިޔާ ސިފައިން ހަނގުރާމަކުރަމުންގެންދާ އެޕިސެންޓަރެވެ. ރޭގަނޑު ހަތަރުދަމު ރަޝިޔާ ސިފައިން އަޅަމުންގެންދާ ބޮންތަކުގެ އަޑު ކަނޑައިގެން ނުދެއެވެ. ކޮންމެވެސް ދޭތެރެއަކުން ޔޫކްރެއިން ސިފައިންގެ ދިފާއީ ހަމާލާގެ އަޑުވެސް އިވެމުން ދެއެވެ. 

ޔޫކްރެއިންގެ ބްރިގޭޑުގެ އޮފިސަރަކު  ސީ އެން އެން އަށް ކިޔާދީފައިވާ ގޮތުގައި ޔޫކްރެއިން ގެ ލަޝްކަރަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަޝިޔާގެ ލަޝްކަރުތަކުގައި ސިފައިންގެ އަދަދު ގިނަވުމާއި ބައެއް ލަޝްކަރުތަކުގައި ވަކިވެ ގަތުމަށް މަސައްކަތްކުރާ ޑޮނެސްކް ޕީޕަލްސް ރިޕަބްލިކްގެ ސިފައިންވެސް ހިމެނިފައިވުމެވެ. އެމީހުންނަށް އެ ސަހަރުގެ ހުރިހާތަނެއް ރަނގަޅަށް އެނގޭނެއެވެ. އޭގެ އިތުރުން ޔޫކްރެއިންގެ ލަޝްކަރުތަކުގެ މެދުގައި މުވާސަލާތު ގާއިމް ކުރެވިފައިވަނީވެސް ރަނގަޅަކަށް ނޫނެވެ. އަހަރެމެންގެ ފަހުލަވާނުން ކިތަންމެ ހިތްވަރެއ ކުރިއަސް ސިފައިން ގެ އަދަދު ދިހަ ގުނަ އިތުރު ވެފައި ބޭނުންކުރަނީ ހަމަ އެއް ބާވަތެއްގެ ހަތިޔާރު ތަކެއް ކަމުން ރަޝިޔާގެ ސިފައިންގެ ކުރިމަތީ ހިފާއްޓާ ލެވިދާނެކަމާ ދޭތެރޭ ޝައްކެވެ. 

ޕޮކްރޮވްސްކް އަކީ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތައް އަތުލުމަށްޓަކައި ރަޝިޔާ ސިފައިންނަށް ވަރަށް މުހިންމު ސަރަހައްދެކެވެ. މި ހަނގުރާމަ ފެށުމާއެކު ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުން ޑޮނެސްކާއި ލުހަންސްކާ ރަޝިޔާގެ ބާރުގެ ދަށަށް ގެންނާނެކަން ރައީސް ޕޫޓިން ވަނީ އިއުލާން ކޮށްފައެވެ. ޕޮކްރޮވްސްކް އޮންނަނީ އެ 2 ސަރަހައްދަށް ހުޅުވާލެވިފައެވެ. އަދި އެ 2 ސަރަހައްދަށް ބޭނުންވާ މިލިޓްރީ އެހީތައް ފޯރުކޮށް ދެވޭނެ މަގަކީވެސް އެއީ އެވެ. ޔޫކްރެއިންގެ ވެރިރަށް ކީވް އަދިވެސް އޮތީ ޔޫކްރެއިން ސަރުކާރުގެ ބާރުގެ ދަށުގައެވެ. އަދި ޕޮކްރޮވްސްކް އަކީ ޔޫކްރެއިން ސިފައިންގެ ދިފާއީ މައިބަދަ ކަމުގައި ބެލެވޭ ހަބެކެވެ. 

ޕޮކްރޮވްސްކްގެ ސުޕަރމާރކެޓްތަކާއި  ބޮޑެތި ރެސްޓްރާން ތައް މިހާރު ހުންނަނީ ބަންދު ކޮށްފައެވެ. އެހެންނަމަވެސް ބައެއްކުދި ފިހާތަކުން ދިރިއުޅުމަށް ބޭނުންވާ ސާމާނުތައް އަދިވެސް ލިބެން ހުރެއެވެ. 

ޕޮކްރޮވްސްކް ސަރަހައްދުގެ ރައްޔިތުންނަކީ މިހާރު ރެފިއުޖީންނެވެ. މިއީ ހަގީގަތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް