ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް މުހައްމަދު ސައީދު އައްޔަން ކުރައްވައިފިއެވެ.
ސައީދު މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އެގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ބޯޑުން ނެރުނު ބަޔާނުގައި ބުނީ ސައީދު މި މަޤާމަށް އައްޔަންކުރީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕްރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން ކަމަށެވެ.
ހަމައެހެންމެ ސައީދު ހަމަޖައްސާފައި ވަނީ މެނޭޖިން ޑިރެކްޓަރު މަގާމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ކަމަށް ޕީސީބީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ސައީދު އަކީ މީޑިއާގެ ދާއިރާއިންވެސް ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ސައީދު ވަނީ ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތަކުގެ އިތުރުން މީޑިއާ އޮފިސަރެއްގެ މަޤާމުވެސް އަދާކުރައްވާފައެވެ. މީގެ ކުރިން ސައީދު ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެޕަމަނަންޓް ސެކްޓްރީކަމާއި ޑިރެކްޓަ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައެވެ.