ރޮއިޓާރސް ދުބާއި އިން ދީފައިވާ ޚަބަރުތަކުގެ ތެރޭގައި އީރާނުގެ ރައީސް އެކުލަވާލެއްވި 19 މެމްބަރުންގެ ވަޒީރުންގެ މަޖިލީހަށް ޕާރލަމެންޓުން ރުހުން ދީފިކަމަށް ބުނެފައި ވެއެވެ. ކުރީގެ ރައީސް އިބްރާހިމް ރައީސީގެ ކެބިނެޓަގައި ހިމެނިވަޑައިގަންނެވީ ހަމައެކަނި އިސްލާމީ ފިކުރުގެ ވަޒީރުންނަމަވެސް މިހާރުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ކެބިނެޓްގައި އިސްލާހީ ފިކުރުގެ ބޭފުޅުންވެސް ހިމެނި ވަޑައިގަންނަވައެވެ.
ޚަބަރުތަކުން އެނގޭ ގޮތުގައި މަސްއޫދު ޕެޒެޝްކިއާންގެ ކެބިނެޓް ވެގެން މިދިޔައީ އިސްލާމިކް ރިޕަބްލިކް އޮފް އީރާން އުފެދުމަށްފަހު މިހާތަނަށް އީރާނުގެ މަޖިލީހުން އެއްފަހަރާ ރުހުން ލިބި ވަޑައިގެންނެވި ވަޒީރުންގެ މަޖިލީސް ކަމަށެވެ.
285 މެމްބަރުންގެ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ބުދަ ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް މަސްއޫދު ޕެޒެޝްކިއާން މަޖިލީހުގެ މެމްބަރުންނަށް ދަންނަވާފައިވަނީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ތަފާތު ވިސްނުމުގެ ބޭފުޅުންގެ ތަޖުރިބާއާއި ވިސްނުމާއި އަދި ރައުޔު އެނގިވަޑައި ގަންނަވަން ބޭނުންފުޅުކަމަށެވެ. އެފަދަ ބޭފުޅުންނާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް މަޖިލީސްގެ މެމްބަރުން އަރިހުން އެމަނިކުފާނު އެދިވަޑައި ގެންނެވި ކަމަށް ޚަބަރުތަކުގައި ފާހަގަ ކޮށްފައިވެއެވެ.
ބައެއް ވަޒީރުންނަށް މަޖިހުގެ ހުރިހާ މެމްބަރުން ގެ ތާއީދު ލިބިވަޑައިގެންނެވި އިރު ބައެއް އެހެން ބޭފުޅުންނަށް ލިބިވަޑައިގެންނެވީ މަޖިލީހުގެ މެޖޯރިޓީ އެވެ.
ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ސިއްހީ ވަޒީރަކަށް އިޚްތިޔާރު ކުރައްވާފައިވަނީ އިސްލާހަށް މަސައްކަތް ކުރެއްވުމުގެ އެންމެ ކުރީ ސަފުން ފެނިވަޑައިގަންނަވާ ބޭފުޅެކެވެ. މަޖިލީހުގެ 285 މެމްބަރުންގެ ތެރެއިން 163 މެމްބަރުންގެ ރުހުމާއެކު ސިއްހަތާ ބެހޭ ވަޒީރު ކަމަށް އިޚްތިޔާރު ކުރެވުނީ މުޙަންމަދު ރިޒާ ޒަފަރުގަންދީ އެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ތާރީޚުގައި 2 ވަނަ އަންހެން ބޭފުޅަކަށް ކެބިނެޓުން ޖާގަ ލިބި ވަޑައިގެންނެވީ މިފަހަރުގެ ދަތުރުފަތުރާއި މަގުތަކާ ބެހޭ ވަޒީރު ފަރްޒާނާ ސާދިގް އަށެވެ.
ކެބިނެޓްގެ ބާރުގަދަ ތެލާބެހޭ ވަޒީރުގެ ގޮނޑި ލިބިވަޑައިގަތީ 2018 އިން 2921 އަށް އެ މިނިސްޓްރީގެ ވަޒީރުގެ ނައިބުކަމުގައި ކާރބަން ރިސޯސަސްއާއި ބެހޭ އެންމެހާ ކަންތައްތައް ބަލަހައްޓައި ހިންގެވުމާއި ހަވާލުވެ ހުންނެވި މުޙްސިން ޕަކްނެޖާދް އަށެވެ. މަޖިލީހުން އެމަނިކުފާނަށް ދެއްވި އިތުބާރުގައި މަޖިލީހުގެ މެމްބަރުންނަށް ޔަގީން ކޮށް އެރުވި ކަމަށްވަނީ އަވަށްޓެރި ގައުތަކާ ގުޅިގެން މިއަންނަ އަހަރު މާރޗް މަހުގެ ކުރިން އީރާނުން ދުވާލަކު 4 މިލިއަން ފީފާ ތެޔޮ އެކްސްޕޯރޓް ކޮށް ދެއްވާން ފައްޓަވާނެ ކަމަށެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އެންމެ އިސް ޑިޕްލޯމެޓުގެ މަގާމު 247 މެމްބަރުގެ ތާއީދާއެކު ކާމިޔާބު ކުރައްވާފައިވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނައަހަރު ގާއިމް ކުރެވިގެން ދިޔަ މަޝްހޫރު ނިއުކްލިއަރ އެއްބަސްވުމުގެ މޭސްތިރިއަކަށް ހުންނެވި އައްބާސް އަރާގްޗީ އެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބޮޑު ތާއީދާއެކު މަޖިލީހަށް ޔަގީންކޮށްދެއްވާ ފައިވަނީ އީރާނުން ފަޚުރުވެރިވާފަދަ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގައި ޗައިނާ ރަޝިޔާ އެފްރިކާ ލެޓިން އެމެރިކާއާއި އިރުމަތީ އޭޝިއާއަށް ވަރަށް ޚާއްސަ ގާތްކަމެއް ބަހައްޓަވާނެކަމަށްވެސް ވިދާޅު ވިއެވެ. އެމަނިކުފާނުގެ ވާހަކަ ފުޅުގައި ޔޫރަޕުގެ ގައުމުތަކުންނާއި އެމެރިކާއިންވެސް އީރާނާ ދޭތެރޭ ގެންގުޅެމުންދާ ދެކޮޅުވެރި ސިޔާސަތު ބަދަލު ކޮށްފިނަމަ އެކަމަށް މަރުހަބާ ކިއުއްވާނެ ކަމަށާއި އީރާނުގެ ސިޔާސަތުވެސް އެކުވެރިކަމާ އެއްކޮޅަށް ބަދަލު ކުރައްވާނެ ކަމަށެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ ހުޅަނގުން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ޑިމޮކްރެސީ އަކަށް ނުވިޔަސް އަޅުގަނޑުމެންނަށްވެސް އެއްބަސް ވެވިދާނެ ރަނގަޅު ސިފަތަކެއް ސަރުކާރު އެކުލަވާކުމުގައި އެބަހުރިކަމަށް ގަބޫލުކުރެވިދާނެއެވެ. ދިވެހިންގެ ޑިމޮކްރެސީގައި ސަރުކާރުގެ އިސް މަގާމުތަކަށް މިހާރު ކުފޫ ހަމަވަނީ ޕާރޓީގެ އިސްސަފުގައި އަޑުގަދަކުރުމުން ކަމަށްއޮންނަ އޮތުން ބަދަލުކޮށް ސަރުކާރަށާއި ދައުލަތަށް ފައިދާ ކުރަނިވި އިލްމީ އަދި ފަންނުވެރި ބޭފުޅުން އިޚްތިޔާރުކުރެއްވުން ހެޔޮކަން ބޮޑުވާނެއެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ ގާތަގަނޑަކަށް 90 މިލިއަން ރައްޔިތުންގެ އާބާދީއެއް ދިރިއުޅޭ ގައުމެކެވެ. އެގައުމުގެ އެންމެހާކަންތައް ހިންގެވުމަށް 19 ކެބިނެޓް މިނިސްޓަރުން ފުދޭއިރު އަޅުގަނޑުމެންނަށް ހަމަ ރަނގަޅަށްވެސް 2 ރިސޯރޓާއި ލެޕްޓޮޕކުން ފުދޭނެއެވެ. ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް އެއީ ހެޔޮ ބަސްފުޅެކެވެ.