ލޮލުކެހި

Loading

Facebook
Twitter
WhatsApp

އަހަރެން ރީތި ހެދުން ލާތީ ތިބާއަށް ފެނިދާނެއެވެ.

އެއީ އަގުބޮޑު ހެދުމަށް ނުވަތަ ވަރަށް އާ ހެދުމަށް ވެދާނެއެވެ.

ބުނަންހެއްޔެވެ! 

އެއީ އަހަރެންނަށް މީހުން ހަދިޔާކުރާ ހެދުމެވެ.

ބާވެފައިވާ ހެދުން އަނެކާއަށް ދޭން ބޭނުންނުވާ، ހިތްހެޔޮ ބައެކެވެ.

ދުވަހަކުވެސް އަހަރެން އާ ހެދުމެއް ގަނެގެން ނުލަމެވެ.

ބުނެބަލާށެވެ! އަހަރެން މުއްސަނދި ހެއްޔެވެ؟

އަހަރެން އެކި އިރަށް އެކި ފައިވާނަށް އަރާތީ ތިބާއަށް ފެނިދާނެއެވެ.

އެއީ އަގުބޮޑު، ރީތި ފައިވާނަށްވެސް ވެދާނެއެވެ.

އަޑުއަހާށެވެ!

އެއީ ހައްތަހާވެސް އަހަރެންނަށް މީހުން ދީފައިވާ ފައިވާނެވެ.

އެމީހުންގެ އަތުގައި ހުރި ރީތި އެއްޗެހި އަނެކާއަށް ދިނުމަށް ލޯބިކުރާ ބައެއްގެ ހަދިޔާއެވެ.

މިއިން ޒަމާނަކުވެސް އަހަރެން އާ ފައިވާނެއް ގަނެގެން އެރި ހަނދާނެއް ނުވެއެވެ.

ބުނެބަލާށެވެ! 

އަހަރެން މުއްސަނދި ހެއްޔެވެ؟

އަހަރެން މޮޅު ފޯނެއް ގެންގުޅޭތީ ތިބާއަށް ފެނިދާނެއެވެ.

އެނގޭހެއްޔެވެ!

އެއީ އަހަރެންގެ ކޮއްކޮއަކު އަހަރެންނަށް ދިން ފޯނެކެވެ.

ކުދިންގެ މަދަރުސާ ކަންކަމާއި އެނޫންވެސް ކަންކަމުގައި ބޭނުންކުރަންޖެހޭ ވައިބަރު ގުރޫޕުތައް ގިނަކަމުންނެވެ. 

އެކަންކަމަށް ކިރިޔާ ތަކާވަރުގެ މެމޮރީއެއް ހިމެނޭ ފޯނެކެވެ.

ބުނެބަލާށެވެ!

އަހަރެން މުއްސަނދި ހެއްޔެވެ؟

އަހަރެން ލެޕްޓޮޕެއް ގެންގުޅޭތީ ތިބާއަށް ފެނިދާނެއެވެ.

ބުނަންހެއްޔެވެ!

އެއީ އަހަރެން ޢިލްމީ މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ޒަރޫރީ އެއްޗެކެވެ.

ޢިލްމު ފޯރުކޮށްދިނުމަށެވެ.

މި މަސައްކަތުން އަހަރެންނަށް ކިރިޔާ ޒަރޫރީ ބޭނުންތައް ފުއްދައިލެވޭކަމެވެ.

ބުނެބަލާށެވެ!

އަހަރެން މުއްސަނދި ހެއްޔެވެ؟

ތިބާ އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ދިރިއުޅުން ދެކިލަން އަހަރެންގެ ގެއަށް އާދެބަލާށެވެ!

އަހަރެންނާއެކު ދުވަސްކޮޅެއް ހޭދަކޮށްލަބަލާށެވެ!

އަހަރެންގެ ގޭގެ ދަތި ހާލަތު އަމިއްލަ ލޮލުން ދެކެލާށެވެ.

ތިބާއަށް އެނގޭހެއްޔެވެ؟

ގޭކުއްޔާއި ބިލުތައް ދައްކާފައި އަހަރެންގެ އަތުގައި ބާކީވަނީ މަދު ފައިސާކޮޅެކެވެ.

ބައެއް ދުވަސްދުވަހު ކުދިންނަށް ކާންދީފައި އަހަރެންނަށް ކެވޭވަރު ވަނީ ހުސް ރޮއްޓެކެވެ.

އާއިލާއާއި ގާތް މީހުންގެ ގޭގެއަށް ޒިޔާރަތްކޮށްލުމުން ކާތަކެތި ލިބުނު ދުވަސްވެސް މަދެއްނުވާނެއެވެ.

ތިބާ ގާތުން އަހަރެން އެދެމެވެ.

ފެންނަ ފެނުމަށް އަނެކާއާމެދު ގޮތް ނުނިންމާށެވެ.

ކަމުގެ ދެކޮޅު ބަލާށެވެ.

ލޮލަކީ ވަރަށް ގިނަ ފަހަރު ކެހިދޭ އެއްޗެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް