މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ވިއްކާ ވިޔަފާރިކުރާކަމަށް ތުުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރ.ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ ހަތަރު މީހުން ކަމަށެވެ.
އެއީ ކަޝްމީރުގެ / މައިސަމް މުޞްޠަފާ (22އ) އާއި އުފާ / ޢަލީ ފިރްޞާދު އާދަމް (21އ) އާއި ހިރުނދުގެ / ޢަލީ ހަސްރާނު (21އ) އާއި ސަކްސަސް / މުޙައްމަދު ސުނޭޙް (19އ) އެވެ.
މި ހަތަރުމީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައެވެ.
މި މަހު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެރަށުގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއި އެތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މައިސަމް މުޞްޠަފާ އަށް 15 ދުވަސް އަދި ބާކީ ތިން މީހުން ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
![]()
