އީރާނުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ޗައިނާ އެހީތެރިވެދޭނެ

Loading

Facebook
Twitter
WhatsApp

އިއްޔެ ހަވީރު ބެއިޖިންގ އިން ރޮއިޓާރސް ދީފައިވާ މުހިންމު ޚަބަރުތަކުގެތެރޭގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އީރާނުގެ ވަގުތީ ޚާރިޖީ ވަޒީރު އަލީ ބާޣެރީ ކާނި އާއިއެކު ފޯނުން ވާހަކަ ދައްކަވަމުން ބައިނަލް އަގްވާމީ ގާނޫނުތަކުގެ ތެރެއިން އީރާނުގެ މިނިވަންކަމާއި ސިޔާދަތާއި ޝަރަފް ރައްކާތެރި ކުރުމަށްޓަކައި ޗައިނާއިން އަބަދުވެސް އެހީތެރިވެދޭނެކަމަށް ވިދާޅުވެފައިވާ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ޚަބަރު ފާހަގަކުރެވެއެވެ. 

ޗައިނާއިން އަބަދުވެސް މަސައްކަތްކުރަމުންގެންދާނީ މެދުއިރުމަތީގައި ސުލްހަވެރި މާހައުލެއް ގާއިމް ކުރުމަށާއި އަދި އީރާނާއެކު އޮންނަ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހި ކުރުރުމުގެ އުންމީދުގައެވެ.

ދެބޭފުޅުންގެ ވަހަކަފުޅުގައި އިސްމާއީލު ހަނިއްޔާ ތެހެރާނުގައި ހުންނަވަނިކޮށް ޝަހީދުކޮށްލުމަކީ އީރާނުގެ ގައުމީ ސިޔާދަތަށް އަރައިގަތުން ކަމަށާއި އެއީ އެއްވެސް ހާލެއްގައި ޗައިނާއިން ގަބޫލު ކުރާނެ އަމަލެއް ނޫންކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ތަކުރާރުކޮށް ވިދާޅުވަމުންގެންދެވިކަމަށްވެއެވެ. 

އީރާނުންނާއި ފަލަސްތީނުގެ ހަމާސްއިން ތުހުމަތު ކުރަނީ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލާފައި  ވަނީ އިސްރާއީލުން ކަމަށެވެ. އީރާނުން މިހާރު ކުރިއަށް ގެންދާ ތަހްގީގުގައި އެކަމަށް ގިނަ ހެކިތަކެއްވެސް ވަނީ ލިބިފައެވެ. 

އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން މެދުއިރުމަތީ މަސްރަހް ވަނީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަމާ ކުރިމަތިލާންޖެހިފައެވެ. އިސްރާއީލުގެ ކިބައިން ހިތިގޮތަކަށް ބަދަލު ހިފާނެކަމަށް އީރާނުން ވަނީ ވައުދުވެފައެވެ.                                                              

މިދިޔަ އާދީއްތަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރުގެ މަގާމަށް އައްބާސް އަރާގްޗީ ވަނީ އައްޔަންކުރައްވާފައެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ މަޝްވަރާތަކުގައި  2013 އިން 2021 އަށް އެންމެ އިސްކޮށް ހުންނެވީ އެމަނިކުފާނެވެ.

ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް އެމެރިކާއިން ކުރަމުންގެންދާ މިދަނޑިވަޅުގައިވެސް އީރާނަށް ބަހުގެ ހަމަލާދިނުމެއް ނުހުއްޓެއެވެ. އެންމެފަހުންވެސް އެމެރިކާއިން ބުނެފައިވަނީ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއިލަށް ހަމަލާ ދީފިނަމަ އީރާނުން ވަރަށްބޮޑެތި ނުރައްކަލާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އީރާނުގެ އިގްތިސާދު މިހާރަށްވުރެންވެސް ބޮޑަށް ވެއްޓިގެންދާނެއެވެ. 

މިދިޔަ ބުދަ ދުވަހު ސައޫދީ އެރޭބިޔާގެ ޖިއްދާގައި ބޭއްވުނު 57 އިސްލާމީ ގައުމުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުގެ މުޑުދާރު އަމަލު ހިންގާފައިވަނީ އިސްރާއީލުންކަމަށް ބުނެ ގަރާރު ނެރެފައިވާއިރު އެމެރިކާއިން އީރާނަށް ދެމުން ގެންދާ އިންޒާރާ ދޭތެރޭ ޗުއްޕުވެސް ބުނަންނުކެރިފާ އެ ތިބެނީ އެމެރިކާދެކެ ގަންނާ ކުރައްވާ ބިރުން ބާވައޭ ހިތަށް އަރައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް