އަވަށްޓެރި އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކޮށް، އާ އުސްމިނަކަށް ވާޞިލުވުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އަށާވީސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ޙަވާލުކުރުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ޤައުމު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި މަޝްރޫޢުތަކަކީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢުތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި “އިންޑިއަން ގްރާންޓް އެސިސްޓެންސް“ގެ ދަށުން ހިންގާ ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް“ ތަކަކީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާގެ ތަރައްޤީގައި ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ސްކީމްގެ ދަށުން މިހާރުވެސް އިންޤިލާބީ ކުރިއެރުންތައް ލިބޭނެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އެބަދާ ކަމަށާއި އުންމީދަކީ، އެ މަޝްރޫޢުތަކުގެ ފައިދާ އަޅުގަނޑުމެންގެ މުޖުތަމަޢަށް އަވަހަށް ފޯރުންކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން، އިންޑިއާއާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައިއޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައިއޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.