ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާއާއި ޙިޒްބުއްލާ ގެ ކޮމާންޑަރ ފުޢާދު ޝުކޫރު ޝަހީދު ކޮށްލުމާއި ގުޅިގެން އިސްރާއީލަށް ހިތިރަހަގަދަ އަދަބެއް ދޭނެކަމަށް އީރާނުން އިންޒާރު ދެމުން ގެންދާ މި ދަނޑިވަޅުގައި އެ ޙަމަލާތަކުން ދުނިޔެއަށް މެދުވެރިވެދާނެ ނުރައްކާތެރި ކަމާހުރެ އެ ޙަމަލާ ނުދީ ފަރުޖެހިދާނެ އެހެންގޮތެއް ހޯދުމަށް ވަރަށް ގިނަ ގައުމުތަކުން އީރާނުގެ ކިބައިން އެދެމުން އެބަދެއެވެ.
އެގޮތުން އިރާނުގެ ބޭނުމަކީ ފަނާކުރަނިވި ހަނގުރާމައެއް ކުރުން ނޫންކަމުގައިވާއިިރު ފަލަސްތީނުގެ ހަނގުރާމަ ހުއްޓުމުގެ މަޝްވަރާ ތަކުގައިވެސް ކުރިއެރުންތަކެއް ލިބެމުންދާތީ އާއިއެކު އީރާނުން ކެތްތެރިކަން އިސްކުރުމަށް މެދުއިރުމަތީގެ ގައުމުތަކާއި އަދި ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން އީރާނުގެ ކިބައިން އެދެމުންދާ ކަމުގައި މިއަދު ހެނދުނު ސީ އެން އެން ގެ ޚަބަރުގައި ބުނެފައި ވެއެވެ.
ޖިއްދާގައި ބޭއްވުނު އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލު ވުމުގެ ނަތިޖާއަށް ބަލާއިރު އީރާނުން އެ މަޝްވަރާތަކުގެ އަލީގައި އިތުރަށް ވިސްނާފާނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.
މިދަޔަ ބުދަދުވަހުއްސުރެން މުޅި ދުނިޔެ އޮތީ ކުރިއަށްއޮތް ވަގުތުތަކުގެ ތެރޭގައި ކުރިމަތިލާން ޖެހިދާނެ ނޭންގުމެއްގެ ހާސް ކަމުގެ ތެރޭގައެވެ. މެދު އިރުމަތި ހުރަސްކޮށް ދަތުރު ކުރަން ޖެހޭ ހުރިހާ ފްލައިޓެއް ވަނީ ކެންސަލަ ކޮށްފައެވެ.
އީރާނުގެ ވަގުތީ ޚާރިޖީ ވަޒީރުގެ އެއްފަރާތުގައި ކެމަރޫންގެ ޚާރިޖީ ވަޒީރު އަނެއްފާރާތުގައި ޔަމަނުގެ ޚާރިޖީވަޒީރު އިންނެވިއިރު އެ ކޮޓަރިކޮޅުގައި އިސްލާމީ ދުނިޔޭގެ ހުރިހާ ޚާރިޖީ ވަޒީރުން ތިއްބެވިއެވެ.
ސަޢޫދީ އެރޭބިޔާގެ ޖިއްދާގައި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެކޮޓަރި ކޮޅުގައި ބައްދަލު ކުރައްވަމުން ގެންދެވިއިރު އެ ހުރިހާ ބޭފުޅުންގެ އުންމީދަކަށް ވެފައި އޮތީ މެދު އިރުމަތީގެ ސުލްޙައަށް މަގު ފަހި ކުރުމެވެ.
ފަލަސްތީނުގެ މައްސަލާގައި އެންމެ ކައިރިން ޙަރަކާތްރެރިވާން ޖެހިފައިވާ ގައުމަކީ ޖޯރޑްން އެވެ.
އެ ޙައިސިއްޔަތުން ޖޯރޑްން ގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ސީއެން އެން އަށް ކިޔާދެއްވިއެވެ. މެދު އިރުމަތީގެ މަސްރަޙް ހޫނުކުރަމުން ގެންދަނީ އިސްރާއީލުގެ ހައްދުފަހަނަޅައި ދިއުމުގެ ސަބަބުންނެވެ. މިހާރުން މިހާރަށް އިސްރާއީލުގެ ޙަމަލާތައް ހުއްޓާލަން ޖެހެއެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ހަމަބިމަށް ތިރިކުރުމުގެ ވާހަކައަކީ މިއަދު އަލަށް ދުނިޔެ ދައްކާ ވާހައެއް ނޫނެވެ. އެކަމަކު މިފަހަރު އެކަން ނުކޮށްފިނަމަ އަދާކުރަންޖެހޭ އަގު ވަރަށް ބޮޑުވާނެ ކަމާއިމެދު ޝައްކެއް ނެތެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ރައީސް ބައިޑްން އެކުލަވާލައްވައި ޔޫ. އެން. އިން ސިއަކަ ޖަހާފައިވާ ސުލްޙައިގެ އެއްބަސްވުމުގެ މަޝަވަރާތައް މިހާރު އޮތީ ނިމުމަކާއި ކައިރި ވެފައެވެ.
މި ވަގުތު މަސްރަޙް އިތުރަށް ހޫނުކޮށްގެން ރަނގަޅު ނަތީޖާއެއް ނުލިބޭން ކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ބައިވެރިންނާއި އިސްރާއީލަށްވެސް މިހާރު އޮންނާނީ މިކަން އަންގާފައި ކަމަށެވެ.
މިދިޔަ ހަފުތާގައި އީރާނަށް ވަޑައިގެން އީރާނުގެ ވަގުތީ ޚާރިޖީ ވަޒީރު ޢަލީ ބާޣެރިޢާއި އަދި ރައީސް މަސްޢޫދު ޕަޒެޝްކިއާނާ ބައްދަލު ކުރެއްވުމަށްފަހު ކުރެވުނު މަޝްވަރާތަކުން އީރާނުގެ ޙަމަލާ ހުއްޓުވިދާނެ ހަމައެކަނި މަގަކީ ޙަމާސް ނައްތާލުމަށޭ ބުނެ ފަލަސްތީނުގަޔާއި ސަރަޙައްދުގައި ހިންގާ ހަނގުރާ ހުއްޓާލައި ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމެވެ.
އެގޮތުން ހަނގުރާމަ ހުށްޓުވުމަށް މަަސައްކަތްކުރާ ބައިވެރީންގެ ފަރާތުން ޚާއްސަގޮތެއްގައި އެމެރިކާގެ ފަރާތުން އެކަމުގައި ޑިޕްލޯމެޓިކް ޔަގީންކަމެއް އީރާނަށް ލިބުން ކަމުގައި ދެކިވަޑައި ގަންނަވާކަމަށް ސަފާދީ އިޝާރާތް ކުރެއްވިއެވެ. އަދި އީރާނުގެ ވެރިންގެ ކުރިފުޅުމަތީގައި އިސްރާއީލަށް ޙަމަލާ ދިނުމަށްވުރެން ފަލަސްތީނު ރައްޔިތުންގެ ފުރާނައާއި ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އީރާނުން އިސްކަން ދެއްވާކަން ހާމަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އީރާނުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅަށް ވަރަށްބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ޚާއްސަކޮށް އީރާނުގެ ސަރަހައްދީ މިނިވަންކަމާއި ސިޔާދަތާއި ބެހޭގޮތުން ފާޅުކުރެއްވި ޝުއޫރުތައް ވަރަށްބޮޑަށް ފާހަގަ ކުރެވިގެން ދިޔައެވެ.
ފަރަންސޭސި ވިލާތުގެ ރައީސް މެކްރޯން ފޯނުކުރައްވައި މަސްރަޙު ފިނިކުރެވޭނެ ގޮތަކާއި ދޭތެރޭ ވިސްނެވުމަށް އީރާނުގެ ރައީސަށް ދެންނެވިކަމަށްވެސް ސީ އެން. އެން ގެ ޚަބަރުގައި ބުނެފައި ވެއެވެ.
ފަރަންސޭސި ރައީސަށް ޖަވާބު ދެއްވުމުގެ ގޮތުން ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވި ކަމަށް ވެއެވެ. “ ތިޔަ ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަ އަހަރެން މިއިނީ އަޑުއަހާށެވެ. އެކަމަކު ތިޔަ ވާހަކަތަކަށް ތިޔަ ބޭފުޅުން އުންމީދު ކުރައްވާ ކަހަލަ ޖާވާބެއް ބޭނުންފުޅުނަމަ ތިޔަބޭފުޅުން އިސްރާއީލަށް ހަތިޔާރާއި ހަނގުރާމައިގެ އެހީތައް ފޯރުކޮށްދިނުން އެނެމެ ފުރަތަމަ ހުއްޓާ ލައްވާށެވެ. އެއަށްފަހު މިހާރު އިސްރާއީލުން ހިންގަމުން ގެންދާ ގަތުލު އާންމު އެންމެ ފުރިހަމަމާނާގައި ނިމުމަކަށް ގެންނާށެވެ. އޭރުން ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ޖަވާބު ލިބިވަޑައިގަތީއެވެ. އެކަމަކު ނަތަންޔާހޫ އެ ކަމަށް އެއްބަސް ކުރެވިދާނެ ހެއްޔެވެ؟ “
އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލު ކުރެއްވުމުގައި އެ ގައުމުތަކުގެ ވިސްނުމާއި ފިކުރު ހުރިގޮތް ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ. ހަމައެއާއި އެކު ފަލަސްތީނުން ޔޫ. އެން. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ރިޔާޒް މަންސޫރު އެވަނީ މެދުއިރުމަތީގެ ޙަގީގަތް ވަރަށް ކުރުކޮށް ވިދާޅުވެފައެވެ.
“ މެދުއިރުމަތީގެ އެއްވެސް ގައުމަކުން މި ސަރަހައްދުގެ މަސްރަޙް ހޫނުކުރާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ކޮންމެވެސް ގޮތެއް ހަދައިގެން ހަނގުރާއެއް ފަށައި އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވައްދަން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މަސައްކަތް ކުރަމުން ގެންދާހާ ހިނދަކު މެދުއިރުމަތީގައި ސުލްޙަވެރި މާޙައުލެއް ނުއުފެއްދޭނެއެވެ.“