ބުލޫމްބާރގުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އީރާނުގެ މަދަދު ލިބެމުންދާ ހޫތީ މުޖާހިދުންގެ ހަރަކާތްތައް އިތުރަށް ނުރައްކާތެރިވެފައިވާ މި ދަނޑިވަޅުގައި ސައޫދީ އެރޭބިޔާއިން ހޫތީ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމައެއްގެތެރެއަށް ނުވަތަ ދެކޮޅުވެރި ކަމެއްގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. ހޫތީ މުޖާހިދުން އިސްރާއީލަށް ދެމުންގެންދާ ހަމަލާތައް ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައޫދީއެރޭބިޔާއަށްވެސް އަމާޒުކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ސައޫދީ އެރޭބިޔާގެ ރަސްކަމުގެ އެތެރޭކޮއިލުގެ މައުލޫމާތު ރަނގަޅަށް އެނގޭ ފަރާތްތަކުން މައްސަލައިގެ ސެންސިޓިވިޓީއަށް ރިއާޔަތްކޮށް ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ބުލޫމްބާރގަށް ކިޔާދީފައިވަނީ ރިޔާޒުން ގެންދަނީ ހޫތީ މުޖާހިދުންގެ ހަމަލާތަކުގެ އަމާޒަކަށް އެ ގައުމު ވެދާނެތީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެކުރިން 2015 ވަނައަހަރުން ފެށިގެން ސައޫދީ އެރޭބިޔާއިން ހޫތީ މުޖާހިދުންނާ ދެކޮޅަށް އެމެރިކާގެ ފުރިހަމަ ބައިވެރިވުމާއެކު ކުރި ހަނގުރާމައިގާ ޔަމަން ވަނީ ވީރާނާ ކޮށްލާފައެވެ. އަދި ޔަމަނުގެ ތިންލައްކަ ހަތްދިހަ ހާސް މީހުން މަރާލާފައެވެ.
މަސްރަހް އިތުރަށް ހޫނުވެފައި ވަނީ ދާދިފަހުން ހޫތީ މުޖާހިދުން އިސްރާއީލުގެ ތެލްއަވީވަށް ( ކުރީގެ ނަމުން ޖައްފާ ) އަށް ދިން މިސައިލް ހަމަލާއާއި ރައްދުގައި އިސްރާއީލުން ޔަމަނުގެ އަލް-ހުދައިދާއަށް ހަމަލާ ދިނުމަށްފަހުގައެވެ.
ރެޑް ސީއިން ދަތުރުކުރާ ބައެއް ގައުމުތަކުގެ ވިޔަފާރި މުދާއުފުލާ އުޅަނދުފަހަރަށް ހޫތީ މުޖާހިދުން ދެމުންގެންދާ ހަމަލާތައް ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި ސައޫދީ އެރޭބިޔާއިން އެމެރިކާއާއި އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން އެނގި ވަޑައިގަންނަވާކަމަށް ހޫތީ މުޖާހިދުންގެ ވެރިޔާ އަބްދުލް މާލިކް އަލް-ހޫތީ ވަނީ ވިދާޅުވެފައެވެ. އަލް-ހޫތީ ވިދާޅުވެފައި ވަނީ ވަލީ އަހްދުގެ އެތައް ޓްރިލިއަން ޑޮލަރުގެ އަގުބޮޑު ސިނާއީ އަދި އިޖްތިމާއީ 2030 ގެ ޔަސައްވުރަށް މުޙަންމަދު ބިން ސަލްމާނުގެ ހިތްޕުޅަށްވެސް ނުގެނެވޭވަރުގެ ބޮޑު ގެއްލުމެއް ދެއްވާނެ ކަމަށެވެ.
އަލް-ހުދައިދާއަށް އިސްރާއީލުން ދިން ހަމަލާގައި އެއްވެސް ބާވަތެއްގެ އެހީއެއް ފޯރުކޮށް ނުދޭ ކަމަށް ސައޫދީ އެރޭބިޔާގެ ދިފާއީ ވުޒާރާއިން ބުނެފައި ވެއެވެ. ހަމައެއާއެކު ސައޫދީ ޚާރިޖީ ވުޒާރާއިން ގޮވާލާފައިވަނީ ހުރިހާ ފަރާތަކުންވެސް ސުލްހަ މަސަލަސްކަމަށް އިސްކަންދިނުމެވެ.
ހަނގުރާމައިގެ ދުވަސްވަރުގައިވެސް ދޭތެރެ ދޭތެރެއިން ހޫތީ މުޖާހިދުން ސައޫދީ އެރޭބިޔާގެ ތެޔޮ ކާރުޚާނާތަކަށް ވަނީ ގެއްލުން ދީފައެވެ. ހަނގުރާމައިގާ ޔަމަނަށް ލިބެމުންދިޔަ ގެއްލުމާއި މަރުވަމުންދިޔަ މީހުންގެ އަދަދު ގިނަވަމުން ދިއުމުން ސައޫދީ އެރޭބިޔާއާއި އެމިރެޓްސް އަށް އެމެރިކާއިން ކުރި ފިއްތުންތަކާހުރެ ހަނގުރާމަ ހުއްޓުމަކަށް ގެންނަން އެއްބަސްކުރެވުނީއެވެ. މިހާރު ކަނޑީގެ މިޔަމަތީގައިއޮތް 2022 ގެ ސުލްހައިގެ އެއްބަސްވުން ކައްސާލައިފިނަމަ ދުނިޔޭގެ ބާޒާރުގައި އަނެއްކާވެސް ތެލުގެ އަގު އުފުލިގެންދާނެއެވެ.
ސަޢޫދީ އެރޭބިޔާގެ ވަލީ އަހްދު މުޙައްމަދު ބިން ސަލްމާނުގެ ސިޔާސަތަށް ފަހުން އައިސްފައިވާ ހެޔޮ ބަދަލު ތަކުގެ ތެރޭގައި އީރާނާއެކު ސުލްހަ ގާއިމްކުރުމާއި ހޫތީ މުޖާހިދުންނާ ދެކޮޅަށް ކުރި ހަނގުރާމަ ހުއްޓާލުމަށްފަހު ސައޫދީ އެރޭބިޔާގެ އިގްތިސާދަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަން ހާމަވެފައިވެއެވެ.
އެހެންނަމަވެސް ހުޅަނގުގެ ވަރަށްގިނަ ސަރުކާރަށް މަޝްވަރާ ދެއްވާ ޔަމަނުގެ ތަޖްރިބާކާރު ނަދުވާ އަލް ޖަވްސާރީގެ ވޯޝިންގްޓަން ޑީ ސީ އޮފީހުން ބުނެފައިވަނީ ހޫތީ މުޖާހިދުންނަކީ މެދުއިރުމަތީގައި ބަސްވިކޭ ހަނގުރާމަވެރި ޖަމާއަތެއްގެ ގޮތުގައި އޮވެފާ އިސްރާއީލާއި އެމެރިކާއާއި ދެކޮޅުވެރި ވިސްނުމެއް ގެންގުޅޭތީވެ ވަލީ އަހްދުގެ މަޝްރޫއުތައް ކާމިޔާބީއާއެކު ގިނަދުވަހު ހިފާއްޓާ ލެވިދާނެކަމަށް ނުބެލޭވޭ ކަމަށެވެ.
ހޫތީންނަކީ އީރާނާ ގުޅިފައިވާ ޖަމާއަތަކަށް ވުމުގެ ސަބަބުން މެދުއިރުމަތީގައި ސައޫދީ އެރޭބިޔާގެ ހަނދުގައި ކޭތަ ހިފާފައި ބެހެއްޓުމަށް ހޫތީ މުޖާހިދުން ބޭނުންވާނެކަމަށް ބެލެވެއެވެ. ނަދުވާ އަލް ޖަވްސާރީ ގެ ވާހަކައިގާ އިތުރަށް ބުނެފައިވަނީ މިހާތަނަށް ހޫތީ މުޖާހިދުންނާ ދޭތެރޭ މުޖުތަމައުން ދެކިފައިވަނީ ވަރަށް އާދައިގެ ޖަމާއަތެއް ކަމަށެވެ. ހޫތީ މުޖާހިދުންގެ އަޒުމަކީ އެ ތަސައްވުރު މާޒީގެ ތެރެއަށް ނަގާލައި އެ ޖަމާއަތަކީ ފާހަގަކުރެވޭ ބައެއްގެ ގޮތުގައި ސަފުތައް އަލުން ރުކުރުވާލުމެވެ.
ހޫތީ މުޖާހިދުންނަށް މާލީގޮތުން ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ބައިނަލް އަގްވާމީގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރުގެ މަރުކަޒީ ބޭންކުގެ ގަވަރނަރގެ ނުފޫޒު ބޭނުންކޮށްގެންވެސް ސައޫދީ އޮފިޝަލުން ފަހަކަށް އައިސް މަސައްކަތް ކޮށްފައިވާކަން މައުލޫމާތު އެނގޭ ފަސް ބޭފުޅަކު ވަނީ ކިޔާދީފައެވެ.
ހޫތީ މުޖާހިދުންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުން ފިޔަވަޅު އަޅާނަމަ ސައޫދީން ޔަމަނަށްފޯރުކޮށްދޭ މާލީ އަދި މިލިޓްރީ ސަޕޯރޓް ކުޑަކޮށްލާނެ ކަމަށާއި އޭގެފަހުން ހޫތީ މުޖާހިދުންނާ ދެކޮޅަށް ކުރިމަތިލުމަކަށް ދާން ޖެހިއްޖެ ނަމަ ސައޫދީ އެރޭބިޔާއިން ބައިވެރި ނުވާނެކަންވެސް އަންގާފައިވާކަމަށް އެ ބޭފުޅުން ކިޔާދީފައިވެއެވެ. އަދި ސައޫދީ އެރޭބިޔާއިން ހޫތީ މުޖާހިދުންނަށްވެސް އެކަންވަނީ އޮޅުންފިލުވާދީފައެވެ. މިހަފުތާގެ ތެރޭގައި ޔުނައިޓެޑް ނޭޝަންސުންވެސް ވަނީ ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ސަރަހައްދު ތަކަށްކުރަންޖެހޭ ޚަރަދުތަކަށް ފައިސާދިނުމަށް މީގެ ކުރިން ޔަމަނު ސަރުކާރުން އަޅަމުންގެންދިޔަ ހުރަސްތަކާއި ފިއްތުންތައް އުވާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިކަން ކަށަވަރު ކޮށްދީފައެވެ.
ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ސަރަހައްދުތަކުގައި 20 މިލިއަން ރައްޔިތުން ދިރިއުޅެމުންގެންދާއިރު އެ ސަރަހައްދަށް ލިބެންޖެހޭ ބައިނަލް އަގްވާމީ އިންސާނީ އެހީއާއި ބޭރުން ލިބޭ ފައިސާވެސް އަންނަނީ ބައިނަލް އަގްވާމީގޮތުން ގަބޫލުކޮށްފައިވާ ޔަމަނުގެ ސަރުކާރަށެވެ. ޔޫ އެން އިން ހާމަކޮށްފައިވާ ގޮތުގައި ހޫތީ މުޖާހިދުންގެ ސަރަހައްދުތަކަށް ލިބެންޖެހޭ ފައިސާއާއި އިންސާނީ އެހީތަކަށް ޔަމަނު ސަރުކާރުން ކުރިމަތި ކުރަމުން ގެންދިޔަ ހުރަސްތައް ނެތިކޮށްލުމުގެ އެއްބަސްވުމަށް ސައޫދީ އެރޭބިޔާއިން ކޮށްފައިވާ ހިއްސާ އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.
ބުލޫމްބާރގުން އިތުރު މައުލޫމާތު ހޯދަން ކުރި މަސައްކަތުގައި ސައޫދީ ސަރުކާރުން އެއްވެސް ޖަވާބެއް ނުދިނެވެ.
ބުލޫމްބާރގަށް އެނގިފައިވާގޮތުގައި އެމެރިކާއާއި އިނގިރޭސި ވިލާތުން ހޫތީ މުޖާހިދުންނަށް ދެމުންގެންދިޔަ ހަމަލާތަކުގެ އިތުރުން އިގްތިސާދީ ގޮތުން އަދިވެސް އިނދަޖައްސާލައި ރެޑް ސީގެ ހަމަލާތައް ހުއްޓުވައި ރެޑް ސީގެ ދަތުރުތައް އަމާންކޮށް ޔަމަނުގެ އެތެރޭގެ ދެކޮޅުވެރިކަންވެސް ނައްތާލައި ސުލްހަވެރި މަގެއް ފެނޭތޯ ސައޫދީ އެރޭބިޔާއިން ވެސް ގެންދިޔައީ ޔަމަނުގެ މަރުކަޒީ ބޭންކުގެ ތެރޭން ހޫތީ މުޖާހިދުންނަށް ފިއްތުން ކުރިމަތި ކުރަމުންނެވެ.
ހޫތީ މުޖާހިދުން އަމާންދިނުމުގެ ބަދަލުގައި މިދިޔަ ޑިސެމްބަރުންފެށިގެން ހަމަލާތައް ގެންދިޔައީ ވަރުގަދަ ކުރަމުންނެވެ. އެމެރިކާއާއި އިނގިރޭސި ވިލާތުގެ ބިޔަ ލަޝްކަރުގެ ކުރިމަތީގައި ހޫތީ މުޖާދިދުން އިސްދަށަށް ނުޖެއްސުނެވެ.
ދާދި ފަހުން ހޫތީ މުޖާހިދުންވަނީ ސައޫދީ އެރޭބިޔާއިން އެ ޖަމާއަތުގެ ހަމަލާތައް އަމާޒުކުރަން ގަސްދުކުރާ ތަންތަނުގެ ފުޓޭޖް ހާމަކޮށްފައެވެ. އެހެންނަމަވެސް އެ އިންތަނަކަށް ހަމަލާދިނުމުގެ ކުރިން އެ ޖަމާއަތުގެ ހަމާލާއެއް އަމާޒުކޮށްފައި އެވަނީ އިސްރާއީލުގެ ތެލް އަވީވަށެވެ. މުޖާހިދުން ސައޫދީ އެރޭބިޔާއަށް ހަމަލާ ނުދިނުމުގައި އެމެރިކާގެ ވަރަށް އިސް ދައުރެއް އޮތްކަމަށް ގަބޫލު ކުރެވެއެވެ. އެހެންނަމަވެސް އެމެރިކާގެ ޚާރިޖިއްޔާއިން އެއްވެސް ޖަވާބެއް ނުލިބުނެވެ.
މިޑްލް އީސްޓް އިންސްޓިޓިއުޓުގެ ސްކޯލަރެއް ކަމުގައިވާ ފާތިމާ އަބޫ އަލް އަސްރާރު ބުނެފައިވަނީ ހޫތީ މުޖާހިދުންގެ މިހާރުގެ ފެންވަރު 2015 ގެ ކުރިއާ އަޅާ ނުކިޔޭނެ ކަމަށާއި 2000 ކިލޯ މީޓަރުގެ ދުރަށް ސީދާ ހަމަލާއެއް ދިނުމުގެ ގާބިލުކަން ލިބިފައިވާކަން ސާބިތުކޮށްދިނުމަކީ އެ ޖަމާއަތުގެ މިހާރުގެ ފެންވަރު އަންގައިދޭ ހެއްކަކަށް ފުދޭނެ ކަމަށެވެ.
ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރޮފެސަރ ބަރނާރޑް ހައިކަލް ވެސް މިމޭރުމުން ވާހަކަ ދައްކަމުން ބުނެފައިވަނީ ސައޫދީ އެރޭބިޔާއިން ހޫތީ މުޖާހިދުން ނުވަތަ އީރާނުގެ ދެކޮޅުވެރިކަން މިހާރު ބޭނުން ނުވާކަމަށެވެ. އޭނާ އަދިވެސް ބުނެފައިވެއެވެ. ސައޫދީންނަށް މި ފަހަކަށް އައިސް ވަރަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދީފިއެވެ. “ އެމެރިކާ އަކީ މިއަދުގެ ގާތް އެކުވެރިއެކެވެ.
މާދަމާ އެމެރިކާ އޮންނާނީ ކިހާ ހިސާބެއްގައިކަން ބުނާކަށް ނޭންގެއެވެ. އެކަމަކު ހަމަ ޔަގީނުންންވެސް ހޫތީ މުޖާހިދުންނާއި އަދި އީރާން އޮންނާނީ މި ސަރަހައްދުގައެވެ. ދުރައްޖެއްސިދާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ”