އަމާޒަކީ 1,000 ޒުވާން ޚަޠީބުން ތަމްރީނުކޮށް, ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުރުން: މިނިސްޓަރު

Loading

Facebook
Twitter
WhatsApp

އަމާޒަކީ އެއްހާސް ޒުވާން ޚަޠީބުން ތަމްރީނުކޮށް, ރާއްޖޭގައި ޚުޠުބާ ކިޔައި ރީތިކޮށް ޤުރުއާން ކިޔަވައި އިމާމުކަން ކުރާނެ ޖީލެއް ބިނާކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

“ޒުވާން ޚަޠީބުންގެ މަޝްރޫޢު: އަޅުގަނޑުމެންގެ އަމާޒަކީ 1 ހާސް ޒުވާން ޚަޠީބުން ތަމްރީނުކޮށް، ދިވެހިރާއްޖޭގައި އިސްލާމީ ޝިއާރުފާޅުކޮށް ޚުޠުބާކިޔައި ރީތިކޮށް ޤުރުއާން ކިޔަވައި އިމާމުކަން ކުރާނެ ޖީލެއް ބިނާކުރުން.“ ޕޯސްޓުގައިވެއެވެ.

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 100 އަށްވުރެ ގިނަ ޒުވާނުންނަށް ވަނީ ސަނަދު ހާސިލުކޮށްފައެވެ.

ދެވަނަ ބެޗަށް 200 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވުމަށް އެދިފައިވެއެވެ.

‏ޒުވާން ޚަޠީބުންގެ އިންޓަވިއު ނިމުނު ކުދިންގެ ތެރެއިން އިންޓަވިއު އިން ފާސްވި 100 ޒުވާނުންގެ ތަމްރީނު ޕްރޮގްރާމް މިހާރު ވަނީ ފަށާފައެވެ. އަތޮޅުތަކުން ބައިވެރިވި އިތުރު 100 ޒުވާނުންގެ ތަމްރީނު ކުރިއަށްދާނީ އޮންލައިންކޮށެވެ.

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ތެރެއިން ޚަޠީބުކަމުގެ ސަނަދު ހާސިލު ކުރުމުން ބައެއް ރަށްރަށުގައި ރަތްދޫލައިގެ މަރުހަބާ ކިޔާފައިވާ ކަމަށާއި، ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި އިމާމުވެ ނަމާދު ކުރުމުގެ ފުރުސަތު ވެސް ބައެއް ރަށްރަށުން ފަހިކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޒުވާން ޚަޠީބުން ޕްރޮގްރާމް އާއްމުން ބަލައިގެންފައިވާކަމީ އުފާކުރައްވާކަމެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރު ފެށުނު ފަހުން މިހާތަނަށް 60 އަށްވުރެ ގިނަ އިމާމުން އިތުރު ތަމްރީނަށް ރާއްޖޭން ބޭރަށް ވެސް ވަނީ ފޮނުވައިފައެވެ.

ފާއިތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ސަޢުދީ އަރަބިއްޔާއަށް އިމާމުންގެ ދެ ބެޗު އަދި ބުރޫނާއީއަށް ވެސް އިމާމުން ފޮނުވިފައިވާކަން ފާހަގަކުރައްވައި މިއީ ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އިމާމުން އިތުރަށް ތަމްރީނު ކުރުމުގެ މަޝްރޫއުގެ ދަށުން އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއް ކަަމަށާއި މިއަހަރުގެ ތެރޭގައި އިމާމުންނަށް އެފަދަ ފުރުސަތުތަކެއް ހުޅުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް