ގައްޒާގެ މައްސަލާގައި ނޭޓޯއާއި އިސްރާއީލުގެ ގުޅުން ހުއްޓުވާލައިފި

Loading

August 3, 2024
profile
Facebook
Twitter
WhatsApp

އިސްރާއީލަކީ ނޭޓޯގެ މެމްބަރަކަށް ނުވާ އެ ޖަމާއަތުގެ އެލައިޔަންސް ޕާރޓްނަރެކެވެ. މިދިޔަ އަހަރު އޮކްޓޯބަރ މަހު ފެށުނު އިސްރާއީލް- ހަމާސްގެ ހަނގުރާމައާއި ގުޅިގެން އިސްރާއީލަކީ ނޭޓޯގެ އެލަޔަންސް ޕާރޓްނަރެއްގެ ގޮތުގައި އޮތުމަށް ތުރުކީން ނުރުހުމުން ނޭޓޯގެ އެލަޔަންސް ޕާރޓްނަރު ކަމުން އިސްރާއީލު ބްލޮކް ކޮށްފިކަމަށް އަންކާރާއިން މިއަދު ރޮއިޓާސްއަށް ޚަބަރު ދީފިއެވެ. 

އިސްރާއީލަކީ އެމެރިކާއާއި އަދި ޔޫރަޕުގެ ބައެއް އެހެން ގައުމުތަކުގެ ބާރުގައި ނޭޓޯގެ ވަރަށް ބާރުގަދަ އެލަޔަންސް ޕާރޓްނަރެކެވެ. އޮކްޓޮބަރު 7 ގައި އިސްރާއީލް-ހަމާސްގެ ހަނގުރާމަ ފެށުމުގެ ކުރިން އަންކާރާއިންވެސް ގެންދިޔައީ ހީނަރުވެފައިވާ އިސްރާއީލުގެ ގުޅުން އަލުން ރަނގަޅުކުރެވޭނެ މަގެއް ހޯދަން މަސައްކަތް ކުރަމުންނެވެ.                                    

އިސްރާއީލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު ތުރުކީން އިސްރާއީލާއެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލައި އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދަނީ ގަތުލު އާންމެއްކަން ދޭހަވާ ހަރުކަށި އިބާރާތްތަކުން އިސްރާއީލާ ދެކޮޅަށް އަޑު އުފުލަން ގެންދާތަން ފެންނާން ފެށިއެވެ. އަދި ހުޅަނގުގެ ބައެއް ގައުމުތަކުން އިސްރާއީލަށް އެހީ ފޯރުކޮށްދެމުން ގެންދާތީ އެކަމާ ދެކޮޅަށް ވެސް އަޑު އުފުލަމުން ގެންދާން ފެށިތަން ފެނިގެން ދިޔައެވެ.                                                                 

މައުލޫމާތު އެނގޭ ފަރާތަކުން ރޮއިޓާސްއަށް ކިޔާދީފައިވާ ގޮތުގައި މިދިޔަ އަހަރު އޮކްޓޯބަރު މަހުންފެށިގެން ނޭޓޯ އިން އިސްރާއީލާއެކު ކުރަން އުޅުނު ހުރިހާ މުއާމަލާތެއް ގައްޒާގައި އިސްރާއީލު ސިފައިން ހިންގަމުން ގެންދަނީ ގަތުލު އާންމެއް ކަމަށް ވަކާލާތު ކުރަމުން ތުރުކީން ވަނީ ވީޓޯ ކޮށްފައެވެ.                    

ޔުނައިޓެޑް ނޭޝަންސް އިން މިދިޔަ ޖޫން މަހުގެ ތެރޭގައި ހިންގި ތަހްގީގަކުން އިސްރާއީލުންނާއި އަދި ހަމާސް އިންވެސް ހަނގުރާމައިގެ ކުރީކޮޅުގައި “ ހނަގުރާމައިގެ ޖަރީމާ “ ހިންގާފައިވާކަން ވަނީ ހާމަކޮށްފައެވެ. އޭގެ އިތުން އިސްރާއީލުން އިންސާނީ ނަސްލު ނައްތާލުމުގެ ހަރަކާތަތައް ހިންގަމުން ގެންދާކަންވެސް އެ ތަހްގީގަށް ހާމަވެފައިވާ ކަން ބަޔާންކޮށްފައި ވެއެވެ.                                              

މައުލޫމާތު އެނގޭ ފަރާތަކުން ރޮއިޓާސްއަށް ކިޔާދީފައިވާގޮތުގައި އިސްރާއީލުން ހަނގުރާ ހުއްޓާލުމާ ހަމަޔަށް ނޭޓޯއިން އިސްރާއީލު ބްލޮކް ކުރުން ދޫކޮށްލަން ތުރުކީން ރުހުމެއް ނުދޭނެއެވެ. މިދިޔަ ޖުލައިމަހު ވޯޝިންޓަނުގައި ބޭއްވުނު ނޭޓޯ ވެރިންގެ ބައްދަލުވުމުގައި ތުރުކީގެ ރައީސް ވިދާޅުވެފައިވަނީ އިސްރާއީލާއެކު އެލަޔަންސް ޕާރޓނަރޝިޕް ބޭއްވުމަށް ނޭޓޯގެ ގަވައިދު ތަންނުދޭކަމަށެވެ. ތުރުކީގެ ރައީސްގެ ބަޔާނާއި ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވަޒީރު ނޭޓޯއަށް އަންގާފައިވަނީ އެ ޖަމްއިއްޔާއިން ތުރުކީ ބޭރުކުރުމަށެވެ. ( އިސްރާއީލުން މިތިބެނީ ހަގީގަތުގައިވެސް ފެންވަރު އޮޅިފައެވެ. އިސްރާއީލަކީ ނޭޓޯގެ މެމްބަރު ގައުމެއް ނޫނެވެ. ލިބިފައިވަނީ ހަމައެކަނި އެލަޔަންސް ޕާރޓްނަރ ޝިޕެކެވެ. އިސްރާއީލު ނޫނަސް ނޭޓޯ ގައި ތަފާތު ދާއިރާތަކުން ސާޅީހަކަށް އެލަޔަންސް ޕާރޓްނަރޝިޕް ގައުމުތައް ހުރެއެވެ. )       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް