ފުލެޓާ ގޯތިތައް އޭގެ ހައްގުވެރީންނަށް ނުލިބި ލަސްވާތީ އެފަރާތްތަކުން ދަނީ ކަން ބޮޑުވުން ފާޅު ކުރަމުން

Loading

Facebook
Twitter
WhatsApp

ކުދިންނަށް ކިޔަވައި ދިނުމަށްޓަކާ މީގެ ފަންސަވީސް އަހަރު ކުރިން މާލެއަށް ޙިޖުރަކުރި ދިވެހި އަންހެނަކު އޭނާގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އޭނާ ބުންޏެވެ. ރަށުގައި ހުރި ސްކޫލުން އެކަށޭނެ ތަޢުލީމެއް ލިބެން ނެތުމާއެކު އޭނާގެ ދަރިފުޅަށް ކިޔަވައި ދިނުމަށް މާލެއައީ މީގެ ފަންސަވީސް އަހަރު ކުރިންނެވެ.

އޭރުން ފެށިގެން އުޅެން ޖެހިފައި މިވަނީ މާލޭގެ ގެދޮރު ވެރީންނަށް ކުލިދީގެން ވަރަށް ނިކަމެތި ޙާލުގައެވެ.
ދަރިފުޅު ކިޔަވާ ނިމުނުއިރު އަޅުގަނޑަށް ދެކުދިން ލިބި އެކުދިންވެސް ސްކޫލަށްތަކަށް ވައްދަން ޖެހުނެވެ. ރަށުގައި އެކަށާނެ ތަޢުލީމެއް ލިބޭފަދަ ސްކޫލެއް ނެތީ ސަރުކާރުން  އާބާދި މަދު ރަށްރަށާމެދު އަޅާލުމެއް ނުބެހެއްޓުމުގެ ސަބަބުންނެވެ.

އެހެންކަމުން ދަރީންނަށް ކިޔަވައި ދޭން މާލެ އަންނަން މަޖުބޫރު ކުރުވީ ސަރުކާރުންނޭ ބުނުމުގެ ޙައްގު އެބައޮތް ކަމަށް ދެކެމެވެ. ދެމަފިރިން ގުދު ބިންދައިގެން ކުރާހާ މަސައްކަތުގެ އުޖޫރަ ދޭންޖެހިފައިވަނީ މާލޭގެ ގެދޮރު ވެރީންނަށެވެ. ނިމިދިޔަ ސަރުކާރުން ވަނީ އަޅުގަޑުގެ ކިބައިގާ ފުލެޓް ދިނުމުގެ ޝަރުތު ހަމަވާކަމަށް ގަބޫލުކޮށް އަޅުގަނޑަށް ފުލެޓެއް ލިބޭގޮތަށް ހަމަޖައްސާދީފައެވެ.

ކަން މިހެން ހުރި ނަމަވެސް މި ސަރުކާރަށް އަށްމަސް ފުރިގެން ދިޔައިރު އެބުނާ ފުލެޓެއް މިސަރުކާރުން އަޅުގަނޑަކަށް  ނުދެއްވިއެވެ. އެހެން ކަމުން އަދިވެސް އުޅެން މިޖެހެނީ އަށާރަހާސް ރުފިޔާގެ ކުލީގައެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި އެކިމީސް މީހުނަށް މިވަނީ ދަރާވިކިފައެވެ. ބޯހިޔާވަހިކަމުގެ ވަޢުދަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެއްވެސް މެއެވެ.

ފުލެޓް ނުލިބި ލަސްވަނީ ފުލެޓްތައް ނުނިމިގެނެއް ނޫނެވެ. ފުލެޓްތައް ހުރީ ނިމިފައެވެ. އެހެން ކަމުން އުޅެންޖެހިފައި މިވަނީ ބޯހިޔާވަހިކަން ނުލިބުމުގެ ސަބަބުން ރައްޔިތަކަށް ކުރިމަތިވާނެ އެންމެ ދަތިޙާލު ތަހައްމަލު ކުރުމުގައެވެ. ރަށުގައި ހުރި ގެވެސް ވަނީ ވީރާނާ އަލުން ޢިމާރާތް ކުރަން ޖެހިފައެވެ. އެހެނަަސް ރަށަށް ދެވެން އަންނަނީ އަދި އިތުރަށް ބާރަ އަހަރު މާލޭގައި އުޅުމަށްފަހުގައެވެ. އެއީ މިހާރު ސްކޫލްގައި ތިބި ދެކުދިން ކިޔަވާ ނުނިމޭތީއެވެ.

ދެމަފިރިން ވަޒީފާ އަދާކޮށްގެން ލިބޭ ހުރިހާ ފައިސާއެއް ޚަރަދު ކުރަން ޖެހިފައިވަނީ ދިރިއުޅޭ އެޕާޓުމެންޓުގެ ކުށްޔާއި ކަރަންޓާފެނަށެވެ. މިފަދަ ނިކަމެތި ޙާލުގައި އުޅޭތާ ފަންސަވީސް އަހަރު ވެފައިވާއިރު ލިބޭނެ ކަމަށް އުންމީދު ކުރި ފުލެޓް ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާރު ނެތްކަމަށް އޭނާ އަސަރާއެކު ބުންޏެވެ.

މާލޭގައި ހޭދަ ކުރި މިފަންސަވީސް އަހަރަކީ މޮޅިވެރިކަމާ ހިތްދަތިކަމާ ކަރުނައިން ދެލޯފުރިގެން ދިޔަ އެހާމެ ނިކަމެތި ފަންސަވީސް އަހަރު ކަމަށް އޭނާ ބުންޏެވެ. ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދީ ފުލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުން ދީފައިވީނަމަވެސް މިސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ރައްޔިތުން ތިބީ މާޔޫސްކަމުގެ ތެރޭގައި ކަން އޭނާ ފާހަގަ ކުރިއެވެ.

ނިމިދިޔަ ސަރުކާރުން ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ފުލެޓްތަކާއި ގޯތި ދިނުމުގެ ކަންކަން ނިންމާފައިވަނީ ރަނގަޅަށްތޯބެލުމަށް ރައީސް މުޢިއްޒު ވަނީ ކޮމެޓީ އެއްވެސް އެކުލަވާލާފައެވެ. އޭސީސީގައި މި މައްސަލަ އެތައް ދުވަހެއް ވަންދެން ދިގުލާ އޮތުމަށްފަހު މިހާރުވަނީ ކުރީސަރުކާރުން ލިއުންދީފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓާެއި ގޯތި ޙައްގުވާ ފަރާތްތައް ކަނޑައެޅުމަށްފަހު ދާއިމީ ލިސްޓު ވެސް ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައެވެ.

އެހެން ކަމުން ފުލެޓާއި ގޯތި ޙައްގުވާ ކަމަށް އޭސީސީއިން ނިންމާފައިވާ ފަރާތްތަކާއި އެތަންތަން ޙަވާލު ކުރުމުގައި މިސަރުކާރުގެ ފަހަތު ފަޔަށް ބުރަވެ އެތަންތަން ޙަވާކުރުން ލަސްކުރަމުންދާތީ އެތައްބަޔަކު ދަނީ އިހުތިޖާޖުވެސް ކުރަމުންނެވެ. މާލޭގެ ގެދޮރުވެރީންގެ ތެރޭގައި ހިމެނޭ ހިތްހަރު ބަޔަކު އެބައިމީހުނަށް ކުލިދީގެން ތިބޭ ބައެއް ފަރާތައް އެތަންތަނުން ނެރެ މަގުމަތި ކުރަމުންދާއިރު އޭގެ ތެރޭގައި ފުލެޓާއި ގޯތީގެ ފަތްލިބިފައިވާ ބައެއް ފަރާތްތައްވެސް ހިމެނޭކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ.

ރައީސް އުފައްދަވާފައިވާ ކޮމެޓީއަށް އެކަން ނުކުރެވޭނަމަ ރައްޔިތުންގެ މަޖިލިސް މެދުވެރި ކޮށްގެންނަމަވެސް މާލޭގައި ތިބި ފުލެޓާއި ގޯތި ޙައްގުވާ ފަރާތްތައް ބަލާ އެކަން އަވަސް ކުރުމަކީ ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެދުމެކެވެ.

ފޮޓޯ: އަދަދު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް