ވިޔަފާރިތަކާއި އެ ނޫން ވެސް އެހެން ފަރާތްތަކުން ސަރުކާރަށް ނުދައްކާ ހުރި 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކި ފަރާތްތަކުން ދައުލަތަށް ނުދައްކައި ހުރި ފައިސާގެ ތަފުސީލުތައް އާންމުކޮށްފައެވެ.
އެ އަދަދުތައް ހާމަކުރައްވައި އޭނާ ވިދާޅުވެފައި ވަނީ އަންނަ އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ޓެކްސް އިދާރާ، މީރާގެ ކޮމިޝަނަރު ހާޒިރުކޮށް އެކަމާމެދު ސުވާލު ކުރާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެކި ފަރާތްތަކުން ދައުލަތަށް ނުދައްކައި ހުރި ފައިސާ ހޯދަން ޖެހޭ ކަމަށާއި އެކަމުގައި އެ ނޫން ގޮތެއް ނެތް ކަމަށެވެ. އަދި އެ ފައިސާ ނުލިބި ވަނީ ކީއްވެގެންކަން ސާފުވާން ޖެހޭ ކަމަށާއި އެކަމުގެ އެންމެ ފުނަށް ފީނަން ޖެހޭ ކަމަށެވެ.
ނާޒިމް އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުނ ޓެކްސް އާއި ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 7.8 ބިލިއަން ރުފިޔާއަށް އަރައެެވެ.
މީގެއިތުރުން ޓެކްސް ނޫން ގޮތްބގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 7.7 ބިލިއަން ރުފިޔާއަށް އަރައެވެ.
ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ ޖީއެސްޓިގެ ގޮތުގައެވެ. އެގޮތުން ޖީއެސްޓީން 3.3 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ލިބެން ޖެހޭ ޓީޖީއެސްޓީން 1.7 ބިލިއަން ރުފިޔާ ލިބެން ޖެހޭ
ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ނުދައްކާ އެބަހުރިއެވެ.
އަދި ވިޔަފާރި ފައިދާގެ ޓެކުހުން 416.9 މިލިއަން ރުފިޔާ ނުލިބިވާއިރު, އެއާޕޯޓް ޓެކުހާއި ފީން 414.2 މިލިއަން ރުފިޔާ ނުލިބެއެވެ. ހަމައެއާއެކު ގްރީން ޓެކުހުން 289.4 މިލިއަން ރުފިޔާ ނުލިބިވާއިރު, ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން 110.4 މިލިއަން ރުފިޔާ ނުލިބެއެވެ. އަދި ވިތް ހޯލްޑިން ޓެކްސްތަކުން 236.1 މިލިއަން ރުފިޔާ ވެސް ނުލިބެއެވެ.
މީގެއިތުރުން ބިމު ކުއްޔާއި ސީއެސްއާރުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ނުލިބިވާއިރު, ދަނޑުވެރިކަމަށް ދިގު މުއްދަތަށް ދޫކޮށްފައިވާ ރަށްތަކުން 80.5 މިލިއަން ރުފިޔާ ލިބިފައެއް ނުވެއެވެ. އަދި އެހެނިހެން ފީތަކުން 670.7 މިލިއަން ރުފިޔާ ހިމެނެެއެވެ.
ނާޒިމް އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ސީދާ ޓެކްސްތަކާއި ކުލީގެ ގޮތުގައި ނުލިބި ހުރީ 9.6 ބިލިއަން ރުފިޔާއެވެ. އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 5.9 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ފޮޓޯ: މިހާރު
One Response
ކުރިން ބުނަނީ ނުފޮރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވާނެ ކަމަށް. މިއަށްވުރެންވެސް ހަރުކަށި ބަސްތައް އޮތީ އަޑު އިވިފާ. އެކަމަކު ޚިޔާނާތް ދަނީ ކުރިއަށް.
ދާދިފަހުންވެސް ބައިނަލް އަގްވާމީ ނޫހަކުން ކިއުނު ޚަބަރެއްގައި ގަތަރުގެ ވަރަށް އިސް ޝާހީ ބޭފުޅަކު ޚިޔާނާތްތެރިވެގެންވެސް އިންސާފުގެ ދިގު އަތް އަރާ ހަމަކުރި.
އަހަރެމެންގެ ތެރޭގައި ޕްރޮމޯޝަނެއް ގިނަ ފަހަރު ލިބެނީ.