ބާރުގަދަ ތޫފާން "ގެމީ" އާއިގުޅިގެން މެނީލާ އަދި ތައިވާންގެ ބޮޑުބައެއް ފެނުއަޑީގައި

Loading

Facebook
Twitter
WhatsApp

ބާރުގަދަ ތޫފާން ”ގެމީ“ އާއި ގުޅިގެން ބޯކޮށް ވާރޭވެހި ފިލިޕީންސްގެ ވެރިރަށް މެނީލާގެ ބޮޑުބައެއްގައި ބުރާސްފަތިދުވަހު ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް ޚަބަރުލިބެއެވެ. ތޫފާނުގެ ގަދަ ވައިގެ ސަބަބުން ބޮޑެތި ގެއްލުން ވެފައިވާއިރު، ބޭރަށް ނިކުމެވޭނެ ގޮތެއްނެތި ގިނަ ބަޔަކު ވަނީ އެކި ތަންތާ ބަންދު ވެފައެވެ. ފެންބޮޑުވި ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި 13 މީހުން މަރުވެފައިވާއިރު،ހަލައްކައެއްހާ މީހުން އެކިތަންތަނަށް ގެންދެވި ނުވަތަ އަމިއްލަޔަށް ބަދަލުވެފައިވާ ކަމަށް ޑިޒާސްޓަރ ރިލީފް އިދާރާއިން ބުނެފައި ވެއެވެ.

ގެމީ ތޫފާން ސީދާ ފިލިޕީންސް އަށް އަރާފައި ނުވި ނަމަވެސް ތޫފާނުގެ ބާރުގަދަ ”އައުޓަރ ބޭންޑްސް“ ގެ ސަބަބުން މެނީލާ ސަރަހައްދަށާ މައި ޖަޒީރާ ލޫޒޯން އަށް 300 މިލިމީޓަރުގެ ވާރޭ ވެހި ގިނަ ހިސާބުތަކެއްގައި މޭކަށިގަނޑާ ހަމަޔަށް ފެންބޮޑުވުމާ ގުޅިގެން އެހިސާބުތަކުގައި ވަނީ ”ސްޓޭޓް އޮފް ކެލާމިޓީ“ އިއުލާން ކޮށްފައެވެ.

13 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ މެޓްރޯ މެނީލާ ކިޔާ ސަރަހައްދުގެ ބައެއް ހިސާބުތަކުގައި އިމާރާތްތަކުގެ ފުރަތަމަ ބުރިއާއި ހަމަޔަށް ފެން ބޮޑުވެފައިވާ ކަމަށް ވެއެވެ. އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ ޓީމްތަކަށް އާދެވެންދެން ގިނަބަޔަކު ފުރާޅު ތަކުގެ މަތީގައިވެސް ތިބި ކަމަށް ޚަބަރުލިބެއެވެ.

”ގެމީ“ ތޫފާން ބުރާސްފަތި ދުވަހު ވަނީ ތައިވާނަށް އަރާފައެވެ. ތޫފާންގެ ސަބަބުން ތައިވާންއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި މަދުވެގެން ދެމީހުން ވަނީ މަރުވެފައެވެ. ތޫފާނާއި ގުޅިގެން ތައިވާންގެ ބޮޑުބައެއްވަނީ ހުއްޓުމަކަށް އައިސްފައެވެ.ފްލައިޓްތައް ކެންސަލަކޮށް، ފައިނޭޝަލް މާކެޓް ތަކާ ސްކޫލް އަދި އޮފީސްތައްވަނީ ބަންދު ކޮށްފައެވެ. ތޫފާނުގައި ޖެހި ތައިވާނު ކައިރިއަށް ވަނީ ބޮޑު ކާގޯ ބޯޓެއް ވެސް އަޑިޔަށް ގޮސްފައެވެ.ހާދިސާ ހިގުމުން ބޯޓުގައި ތިބި ނުވަ ފަޅުވެރިން ވަނީ ލައިފް ޖެކެޓް އަޅައިގެން ކަނޑަށް ފައިބާފައެވެ.

ތޫފާން ގެމީ ގެ ސަބަބުން ތައިވާނަށް މިއަދު އަދިވެސް އިތުރު ގެއްލުންތައް ލިބޭނެ ކަމަށް ބެލެވޭއިރު ތޫފާން ބުރާސްފަތި ދުވަހު ހަވީރު ޗައިނާއަށް އަރާނެ ކަމަށް ވަނީ ފޯކާސްޓް ކޮށްފައެވެ

Loading

One Response

  1. މޫސުންގޯސްވެ ވަރަށް ޙާލުގައި ޖެހިފައި އެބައިމީހުންތިބީ . އެހެނަސް ގާޒާގެ ރައްޔަތުންނަށްވުރެ އަދިވެސް އޯކޭ އެވެ. ވަރަށް ދެރަ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް