އަހަރެންގެ ރިޔާސަތުގައި ޗައިނާއިން ތައިވާނަށް އަތުލުމަށް ކުރާ ހަނގުރާމައެއްގައި އެމެރިކާއިން ތައިވާނު ދިފާއުކުރާކަށް ނުދާނެ “ ކަމުގައި ރިޕަބްލިކަން ޕާރޓީގެ ފަރާތުން އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ތައިވާނާ ދޭތެރޭ އެބާވަތުގެ ވިސްނުންފުޅެއް ގެންގުޅުއްވަނީ ކީއްވެގެންތޯ ބުލޫމްބާރގުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މައިކްރޯޗިޕް އުފެއްދުން ވަގަށްނަގައިގެން މިހާރު ތައިވާން މުއްސަނދި ވެފައި ވުމެވެ. އަހަރެމެންގެ ސެމިކޮންޑަކްޓަރ ވިޔަފާރި ތައިވާނުން ވަގަށް ގެންދިޔައިރު އަހަރެމެން ތިބީ ނިދާފާ ކަމަށް އަހަރެން އެއްބަސް ވަމެވެ. އެކަމަކު އަހަރެމެން ނިދާފާ ތިއްބަސް ތައިވާނުން އަހަރެމެންގެ ވިޔަފާރި ވަގަށް ނަގައިގެން ނުވާނެއެވެ. ތައިވާނު އެއޮތީ އެމެރިކާއާއި 9500 މޭލު ދުރުގައެވެ. އެގައުމުން އަހަރެމެންނަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ ؟
އެމެރިކާއަކީ އިންޝުއަރެންސް ކުންފުންޏެއް ކަމަށް ބަލާށެވެ. ތައިވާނުން އަހަރެމެންނަށް ދެވޭނެ އެއްޗެއް ނޯންނާނެއެވެ. ޗައިނާއިން ތައިވާން އަތުލާނެކަމަށް ބުނަމުން ގެންދާއިރު ތައިވާނު ދިފާއުކުރަން އެމެރިކާގެ އެހީ ބޭނުންވާނަމަ އެކަމަށް އަގުދޭން ޖެހޭނެއެވެ. ޓްރަމްޕް ވިދާޅުވީ ތައިވާނަކީ ރައީސް ޝީ ޖިންޕިންގ ގެ ދެލޮލުގެ ކަޅުކަޅި ކަންވެސް އެނގިވަޑައިގަންނަވާކަމަށެވެ.
ރައީސް ބައިޑްން ވިދާޅުވަމުންގެންދަވަނީ ޗައިނާއިން ތައިވާނަށް ހަމަލާއެއް ދީފިނަމަ އެމެރިކާއިން ތައިވާން ދިފާއު ކުރާނެ ކަމަށެވެ. ހަމައެފަދައިން ތައިވާނާބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅު ތަކަށް އެމަނިކުފާނުގެ އިޚްތިޔާރީ ނައިބު ރައީސް ޖޭ. ޑީ. ވޭންސް އެއްބަހެއް ނުވެއެވެ. ކޮންގްރެސްގައި ހިމެނޭ ރިޕަބްލިކަނުންގެ ވިސްނުމަކީ “ އެމެރިކާ ފަސްޓް “ ސިޔާސަތެކެވެ. އަދި ޗައިނާވެސް އޮންނަންޖެހޭނީ އެއްވެސް ކަމެއް އަމިއްލައަށް ނުކުރެވޭ މިންވަރަށް މިނިވަންކަން ނެތިކޮށްލައި ހަންމުށި އަޅުވާފައެވެ.
ކުރީގެ ރައީސް ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން ތައިވާނުގެ ޕްރިމިއަރ ޗޯ ޖުންގް ޓާއި ވިދާޅުވެފައިވަނީ އެމެރިކާއާއި ތައިވާނުގެ ގުޅުން މިހާރު އޮތީ ވަރަށް ރަނގަޅުވެފައި ކަމަށާއި ތައިވާނުގެ މިލިޓްރީއަށްވެސް އެގައުމު ދިފާއު ކުރެވޭނެ ކަމަށެވެ. އަދި ތައިވާނުން އެންމެ ބޮޑު އިސްކަމެއް ދެމުން ގެންދަނީ އިންޑޯ-ޕެސިފިކް ސަރަހައްދާއި ތައިވާން ކަނޑު އޮޅީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ފިޔަވަޅުތަކަށެވެ.
ދުނިޔޭގައި މިހާރު ބޭނުންކުރާ އެންމެ ކުރިއރާފައިވާ ސެމީކޮންޑަކްޓަރުގެ %90 މާރކެޓް ކުރަނީ ތައިވާނުންނެވެ. މޯބައިލް ފޯނުން ފެށިގެން އާރޓިފިޝަލް އިންޖެލިޖެންސްގެ ބޭނުންތަކަށްވެސް އެއީ ކޮންހެން ބޭނުން ކުރަންޖެހޭ އެއްޗެކެވެ. އެމެރިކާގެ އެޕްލް އާއި އެންވީޑިއާ ފަދަ ކުންފުނިތަކުން ތައިވާނުގެ ސެމީކޮންޑަކްޓަރ ކޮންމެހެންވެސް ބޭނުންކުރަން ޖެހެއެވެ.
ސިޔާސީ ގޮތުން ރަސްމީ ސިފައެއްގައި މިހާތަނަށްވެސް ވޯޝިންގްޓަނުން ތައިވާނަކީ ވަކި ގައުމެއްކަމަށް ބަލައެއްނުގަނެއެވެ. އެކަމަކު ޗައިނާއާ ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރު ވިއްކުމުގައި ތައިވާނަކީވެސް އެމެރިކާއަށް މުހިންމު ބައިވެރިއެކެވެ. ދާދި ފަހުންވެސް 8 ބިލިއަން އެމެރިކާ ޑޮލަރުގެ މިލިޓްރީ ޕެކޭޖެއް ތައިވާނަށް ދިނުމަށް ކޮންގްރެސްއިން ވަނީ ހުއްދަ ދީފައެވެ.
ޗައިނާގެ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ތައިވާނަކީ ޗައިނާގެ ބަޔަކަށް ނުވާނެ ގޮތެއް ނޯންނާނެއެވެ. އަދި ބާރުގެ ބޭނުން ކޮށްގެންވިޔަސް ތައިވާން ޗައިނާއާއި އެއްކޮށްލެވޭނެއެވެ.
One Response
އެމެރިކާ ތަންކޮޅެއް ޒައިޒަށް ވުރެ ބޮޑުވެގެން އުޅެންޏާ ޗައިނާއިން އަސްލު ސައިޒް ދައްކާނެ.