ބައިޑަން ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފި

Loading

Facebook
Twitter
WhatsApp


އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކެމްޕެއިން ކުރައްވަމުން ވަޑައިގެންނެވި މިހާރުގެ ރައީސް ޖޯ ބައިޑަން، ކުއްލި ނިންމެވުމަކަށްފަހު ރޭހުން ވަކިވެ ވަޑައިގެންފިއެވެ. އަދި ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނާއިބް ރައީސް ކަމަލާ ހެރިސް އަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާފައެވެ.


މި ނިންމެވުމާއި ގުޅިގެން އުމުރުފުޅުން 81 އަހަރުގެ ބައިޑަން ނެރުއްލި ބަޔާނުގައި ލިއުއްވާފައިވާ ގޮތުގައި ގައުމަށް ޚިދުމަތް ކުރެއްވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ލިއުއްވާފައި ވެއެވެ. އަދި މި ދައުރު ނިމެންދެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެކަމަށާ، ރޭހުން ވަކިވެ ވަޑައިގަތުމަށް ނިންމެވީ އެއީ ޕާޓީ އާއި ގައުމަށް މިވަގުތު އެންމެ ރަގަޅު ގޮތްކަމަށް ދެކިވަޑައިގަންނަވާތީ ކަމަށް ލިއުއްވާފައި ވެއެވެ.
ބައިޑަން އާއި ވާދަ ކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ބޭއްވުނު ރިޔާސީ ބަހުސްގައި ބައިޑަން ދެއްކެވި ބައެއް ވާހަކަފުޅު ސާފު ނުވުމާ އަދި ހުއްޓުން އަރާގޮތް ވެފައިވާތީ ކުރިޔަށް އޮތް ދައުރަށް ކުރިމަތިލައްވަން ބައިޑަންގެ ސިއްހީ ހާލަތު ތަންނުދޭކަމަށް ގިނަބަޔަކު އައީ ބުނަމުންނެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް މެމްބަރުންވެސް ވަނީ ރޭހުން ވަކިވެ ވަޑައިގެންނެވުމަށް ބައިޑަން އަށް ލަފާ އަރުވާފައެވެ.
ރައީސްގެ މަގާމަށް ކުރިމަތިލައްވަން ޕާޓީން އެންޑޯސް ކުރުމާއި ގުޅިގެން އުމުރުފުޅުން 59 އަހަރުގެ ކަމަލާ ހެރިސްވަނީ އެކަން ގަބޫލު ކުރައްވާފައެވެ. އަދި ޓްރަމްޕް އާއި ވާދަކުރައްވާ އިންތިޚާބް ކާމިޔާބް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރަސްމީކޮން އަދި ޕާޓީން އެކަން އިއުލާން ކޮށްފައެއް ނުވެއެވެ.
ކަމަލާ ހެރިސް ގެންދެވީ ޕާޓީގެ އިސްމެމްބަރުންގެ އެންޑޯސްމަންޓް ހޯއްދަވަމުންނެވެ. ހެރިސްއަށް ތާއީދު ކުރައްވާ ކެމްޕެއިން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާ، ކުރީގެ ރައީސް ބިލް ކްލިންޓަން، ކުރީގެ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން، ބައެއް ގަވަނަރުންނާއި ސެނެޓަރުން ހިމެނިވަޑައިގަންވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް