ޑޮނަލްޑް ޓްރަމްޕްގެ ރަނިންގ މޭޓް އިއުލާން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ކަމަށް ދެވަނަ ފަހަރަށް ކުރިމަތި ލައްވާފައިވާ ޑޮނަލްޑް ޓްރަމްޕް އޭނާގެ ރަނިންގ މޭޓްގެ ނަން އިއުލާން ކުރައްވައިފިއެވެ. ޓްރަމްޕްގެ ރަނިންމޭޓްގެ ނަން އިއުލާން ކުރައްވާފައިވަނީ މިހާރު ކުރިޔަށްދާ ރިޕަބްލިކަންޕާޓީ ގެ ކޮންވެންޝަންގައެވެ. އަމިއްލަ ސޯޝަލްމީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލްގައި ލިއުއްވަމުން ޓްރަމްޕް އިއުލާން ކުރައްވާފައިވާ ގޮތުގައި މަގާމަށް ކުފޫހަމަވާ އެތައް ބައެއްގެ މަސައްކަތާ ކާމިޔާބީ އާމެދު ވިސްނެވުމަށްފަހު އެންމެ އެކަށީގެންވާ ކަމަށް ނިންމެވީ އޮހައިއޯ ސްޓޭޓް ގެ ސެނެޓަރ ޖޭ.ޑީ ވޭންސް ކަމަށެވެ.

ދެ ދުވަހަށް ކުރިޔަށްދާ ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން އިއްޔެ ފަށާފައިވަނީ ޓްރަމްޕް އަވަހާރަ ކޮށްލުމަށް މީހަކު ބަޑިން ހަމަލާ ދިންތާ ދެ ދުވަސް ފަހުންނެވެ. މިހަމަލާ ދީފައިވަނީ ޕެންސިލްވޭނިޔާ ސްޓޭޓްގައި ކުރިޔަށް ދިޔަ ކެމްޕެއިން ރެލީ އެއްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ދަނިކޮންނެވެ.

ކޮންވެންޝަނަށް ޓްރަމްޕް ވަޑައިގެންނެވީ ކަންފަތް ބެންޑޭޖް ކޮށްފައިވާ ހާލުގައި ހުންނަވައި ގެންނެވެ. އެހެންކަމުން ގިނަ ބައެއްގެ ހަމްދަރުދީ އާއި ތާއީދުގެ ހަޅޭކުން އެ ތަން ވަނީ ގުގުމައިގެން ގޮސްފައެވެ.

ޓްރަމްޕް ގެ ރަނިންގމޭޓް ވޭންސް އަކީ އެއް އިރެއްގައި ޓްރަމްޕް އަށް ވަރަށް ފާޑު ވިދާޅުވި ބޭފުޅެކެވެ. ނަމަވެސް ފަހަކަށް އައިސް ވަނީ ޓްރަމްޕް ގެ ގިނަ އުސޫލުތަކަށް ތާއީދު ކުރައްވަން ފައްޓަވާފައެވެ. މިގޮތުން ޓްރަމްޕް ގެ ޓްރޭޑް،އިމިގްރޭޝަން އަދި ފޮރިން ޕޮލިސީ އަށް ތާއީދު ކުރައްވާކަން އޭނާ ވަނި ހާމަ ކުރައްވާފައެވެ. މީގެ އިތުރުން ޓްރަމްޕް އެކޭ އެއްގޮތަށް އެމެރިކާއިން ޔޫކްރެއިން އަށް އެހީވުމާމެދު ވޭންސް ދެކޮޅެވެ.

އުމުރުފުޅުން 39 އަހަރުގެ ވޭންސް އަކީ ދެ ފަޅީގައިވެސް ތިއްބެވި ގިނަ އިސް މެމްބަރުންނަށް ވުރެ ހަގު ބޭފުޅެކެވެ. އަދި ދެން އޮންނަ އިންތިޚާބް ޓްރަމްޕް ކާމިޔާބް ކުރައްވައިފި ނަމަ 2028 ވަނަ އަހަރު  ރިޕަބްލިކަން ޕާޓީން ރިޔާސީ ނޮމިނޭޝަން އަށް ވަޑައިގެންނެވުމުގެ ފުރުސަތު އޭނާ އަށް ވަރަށް ބޮޑުވާނެއެވެ.                       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް