މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް، މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ގަވަރުނަރު ހާޝިމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައީސްއަށް ލަފާ އެރުވުމަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއެވެ.
އެގޮތުން ނާޒިމް މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ވަނީ ގަވަރުނަރުގެ އެއްވެސް އެހީތެރިކަމެއް މި ސަރުކާރަށް ނުލިބޭކަމަށް ތުހުމަތު ކުރައްވާ މާލީ ހާލަތާއި ގުޅިގެން އެއްވެސް ލަފައެއް ނުދެއްވާ ކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ ގަވަރުނަރު ހާޝިމް މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ މި ސަރުކާރުން މިހާރު ތައްޔާރުވެފައި ވަނީ ގައުމުގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވުމަށް ކަމަށާއި އާ ގާނޫނުތަކެއް ތައާރަފުކޮށް އެ ގާނޫނުގެ ދަށުން މުޅިން އާ ސިޔާސަތުތަކެއް މި ސަރުކާރުން ތަންފީޒު ކުރާނެ ކަމަށެވެ.
2019 ވަނަ އަހަރު އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަޤާމަށް އައްޔަނު ކުރެއްވި ހާޝިމް ވަނީ އޭގެ ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.