އިންޑިޔާގެ ކޮޗީ އިން ފުރައިގެން ލަންޑަނަށް ދާން އޮތް ބޯޓެއްގައި ބޮމެއް އޮތް ކަމުގެ ޚަބަރު ލިބިގެން ބޯޓާ ލަގެޖް ވަރަށް ބޮޑަށް ބަލާ ފާސް ކޮށްފިއެވެ.
އަންގާރަ ދުވަހު އެއާ އިންޑިޔާގެ ކޯލް ސެންޓަރ އަށް މީހަކު ގުޅާ އެބޯޓުގައި ބޮމެއް އޮތްކަމަށް ބުނި ކަމަށް ވެއެވެ. އެއާއެކު ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް އެކަން އަންގާ އެންމެން އެލަރޓަށް އައިސް އަމަލީ ފިޔަވަޅު އަޅަން ފަށާފައި ވެއެވެ.
މިގޮތުން ބޯޓު އެއާޕޯޓުގެ އެކަހެރި ހިސާބަކަށް ގެންގޮސް އަދި ބެގެޖް ތައް ފަރުވާތެރިކަމާއެކު އަލުން ސްކްރީން ކޮށްފައި ވެއެވެ. މި ބެލުން ތަކަށް ފަހު އެނގިފައިވަނީ މިއީ ހަމައެކަނި ހުސް އިންޒާރެއް ކަމެވެ. ބޯޓާ ލަގެޖް ބެލި ބެލުމުން ބޮމެއް ފެނިފައި ނުވުމުން ބޯޓު ފުރުމުގެ އަމުރު ދީފައި ވެއެވެ.
އަނެއް ކޮޅުން ބޮން އޮތްކަމަށް ބުނެ ”ފޭކް“ އިންޒާރުދިން މީހާ ފުލުހުން ވަނީ ހޯދާ ހައްޔަރު ކޮށްފައެވެ. އެއީ ކެރަލާގެ މަލައްޕޫރަމް އަށް ނިސްބަތްވާ، އުމުރުން 29 އަހަރުގެ ސުހެއިބް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އަންހެނުންނާ ދަރިފުޅާއެކު ފުރުމަށްޓަކާ ކޮޗީގެ އިންޓަރނޭޝަނަލް ޑިޕާޗަރ ޓަރމިނަލްގައި ހުއްޓާ ކަމަށް ވެއެވެ.