ޚިދުމަތް ޖަމިއްޔާއަކީ ފަލަސްތީނުގެ ގައްޒާގައި އެނހީ ފޯރުކޮށްދެމުންގެންދާ ދިވެހީންގެ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔަގެ ފަރާތުން އިއްޔެ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 17 އަހަރުގެ ނަދާ ނަމަކަށް ކިޔާ ކުއްޖެއް ވަނީ ސަލާމަތުގެ އައްސޭރިއަށް ގެނެސްދީފައެވެ.
އެ ޖަމުޢިއްޔާގެ އިސްވެރިއެއް ކަމަށްވާ ޝާމީ ރަޝާދު ސަންދާނަށް ވިދާޅުވެ ދެއްވިގޮތުގައި މިއީ ހެޔޮއެދޭ ދިވެހީންގެ އެނހީއާއި މަދަދާއި އެކު ފަލަސްތީނުގެ ރައްޔަތުންނަށް އެތަނުގައި ޔަހޫދީން ހިންގާ ގަތުލު އާންމުން އެބައިމީހުން ސަލާމަތްކޮށް ދިނުމަށް އެ ޖަމްޢިއްޔާގެ ފަރާތުން ހިންގަމުންގެންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ.
ރާއްޖެ ގެނެސްފައިވާ ނަދާގެ ދައްތައެއް އުޅެނީ ޖަމިއްޔަތުލް ފަލާހުގެ ރައީސް، ގާރީ، އަބްދުއްސައްތާރު އަބޫބަކުރުގެ ދަރިއަކާއި ކައިވެނިކޮށްގެންނެވެ. އެކުއްޖާ ރާއްޖެ ގެނައުމަށް އެދިފައިވަނީ ފަލާހު ޖަމިއްޔާއިންނެވެ.
ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޝާމީ ރަޝާދު ”ސަންދާނު“ އަށް އިތުރަށް ވިދާޅުވީ، އެކުއްޖާ ރާއްޖެ ގެނައުމަށް މީގެ 1 މަސްދުވަސް ކުރިން ފަލާހުން އެދުމުން ރައްޔިތުންގެ ފަރާތުން ލިބުނު އެހީގައި އެކުއްޖާ ގެނައުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި މިކުއްޖާ ގެނައުމަށް 5000 އެމެރިކާ ޑޮލަރ ހަރަދުވިކަމަށްވެސް އެ ޖަމިއްޔާއިން މައުލޫމާތު ދިނެވެ.
ނަދާ މިވަގުތު ރާއްޖޭގައި ހުރިއިރު، ދިރިއުޅެން ހަމަޖެހިފައިވަނީ މެލޭޝިއާގައި ދިރިއުޅެމުން އަންނަ ކުއްޖާގެ އާއިލާއާއި އެކީ ކަމަށާއި ދެ ހަފްތާއެއްހާ ދުވަސް ތެރޭ އެކުއްޖާ މެލޭޝިއާއަށް ފުރާނެ ކަމަށް ޝާމީ ވިދާޅުވިއެވެ.
ކަން މިހެން ހުރިނަމަވެސް އަޑުއިވެނީ މިގޮތަށް ޖަމްއިއްޔާތަކުން އެކި ތަންތަނަށް އެހީވުމުގެ ގޮތުން ނެގޭ ފައިސާ ޚަރަދުކުރި ގޮތް ފެންނަން ނުހުންނަކަމެވެ. އެގޮތުން “ ސަންދާނު “ މި ސުވާލު ކުރުމުން ޚިދުމަތް ޖަމިއްޔާގެ ޝާމީ ރަޝާދު ވިދާޅުވީ އެ ޖަމްޢިއްޔާގެ ޚަރަދުތައް ކުރިގޮތް އޮޑިޓް ރިޕޯޓްގައި ކޮންމެ ވަގުތަކުވެސް ފެންނަން ހުންނާނެ ކަމަށާއި ޖަމްޢިއްޔާގެ އަހަރީ ރިޕޯޓް އަދި އޮޑިޓް ރިޕޯޓް ޖަމްޢިއްޔާގެ ވެބްސައިޓްގައި https://khidhumaiy.org/publications ފެންނަން ހުނާނެކަމަށެވެ.
ފަލަސްތީނަށް ލިބެމުންދާ އަނިޔާއާއި ގެއްލުމަށް ދިވެހީންގެ ޖަމްޢިއްޔާތަކުން އެނހީތެރިކަން އަބަދުވެސް ލިބިދެމުން ގެންދާކަން ފާހަގަކުރަން ޖެހެއެވެ.