ރަޝިޔާއިން އެންޓި-ސެޓެލައިޓް ހަތިޔާރު ޖައްވަށް ފޮނުވުމުން އެމެރިކާ ރުޅިގަދަވެއްޖެ

Loading

Facebook
Twitter
WhatsApp

ރަޝިޔާގެ ދިފާއީ ވުޒާރާއަށް ޙަވާލަދީ ރިޕޯރޓް ކޮށްފައިވާ ގޮތުގައި ރަޝިޔާގެ ޕްލެސެސްކް ކޮސްމޯޑްރޯމް އިން ސޯޔޫޒް- ބީ 2.1 މަރުކާގެ ރޮކެޓެއް ޖައްވުތެރެއަށް އުދުއްސާލައިފިއެވެ.

ރަޝިޔާގެ ރޮސްކޮސްމޯ ސްޓޭޓް ސްޕޭސް އޭޖެންސީންބުނެފައިވަނީ ކޮސްމޯސް 2576 އުދުއްސާލާފައިވަނީ ރަޝިޔާގެ ދިފާއީ ވުޒާރާގެ ބޭނުމަކަށް ކަމުގައެވެ. ސޯޔޫޒް ބީ 2.1 މަރުކާގެ ރޮކެޓް ބޭނުންކޮށްފައި ވާނީ ކޮސްމޯސް 2576 އުދުއްސާލުމަށެވެ.

އެމެރިކާއިން ބުނެފައިވާ ގޮތުގައި ރަޝިޔާއިން އުދުއްސާލި އެ ހަތިޔާރަކީ ޖައްވުތެރޭގައި ޙަރަކާތްތެރި ވަމުން ގެންދާ ސެޓެލައިޓްތައް ހަލާކުކޮށްލުމުގެ ބޭނުމުގައި އުދުއްސާލި ހަތިޔާރެކެވެ.

ޕެންޓަގަންގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ހުޅަނގު ރަޝިޔާއިން މިދިޔަ ހަފުތާގައި ރޮކެޓް ބޭނުން ކޮށްގެން ޖައްވަށް އުދުއްސާލި ކޮސްމޯސް 2576 އަކީ ޖައްވުތެރޭގައި ބޭނުން ކުރެވޭނެ ހަތިޔާރެކެވެ.

ޕެންޓަގަންގެ ބަޔާނުގައިވާ ގޮތުން ރަޝިޔާގެ ކޮސްމޯސް 2576 ޖައްވުތެރޭގައި ދަތުރުކުރަމުން ގެންދާނީ އެމެރިކާ ސަރުކާރުގެ ސެޓެލައިޓް ދަތުރުކުރަމުން ގެންދާ މަދާރު ނުވަތަ އޯބިޓް ގައެވެ. އަދި ޖައްވުތެރޭގެ ޙާލަތު ވަރަށް ކައިރިން ބަލަމުން ގެންދާ ކަމަށާއި ޖައްވުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް ތައްޔާރު ކަމަށްވެސް ޕެންޓަގަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖައްވުގެ ތަޖްރިބާކާރުންވެސް ބުނަމުން ގެންދަނީ ރަޝިޔާގެ ކޮސްމޯސް 2576 އާއި އެމެރިކާގެ ޔޫ އެސް އޭ 314 ދަތުރުކުރަމުން ގެންދަނީ އެއް އޯރބިޓެއްގައި ކަމަށެވެ.  

ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ މޭޖަރ ޖެނެރަލް ޕެޓްރިކް ރައިޑަރ ބުނެފައިވަނީ ރަޝިޔާގެ ސެޓެލައިޓް ދަތުރުކުރަމުން ގެންދަނީ ދުނިޔޭގެ އޯރބިޓްގެ ތިރީ ސަރަހައްދުގައި ކަމަށާއި ޖައްވުގައި އުދުހެމުން ގެންދާ އެހެން ސެޓެލައިޓްތައް ހަލާކުކޮށްލުމުގެ ގާބިލުކަން ރަޝިޔާގެ ސެޓެލައިޓަށް ލިބިފައިވާކަމަށް ބެލެވޭ ކަމަށެވެ. 

މޮސްކޯ އާއި ވޯޝިންގްޓަނުން ޖައްވުގެ ހަތިޔާރުގެ މައްސަލާގައި އަރާރުންވަމުން ގެންދާތާ ކިތަންމެ ޒަމާނެކެވެ. މިކަން ހައްދުފަހަނަ އަޅައިގެން ގޮސް މިހާރަކަށް އައިސް ދެ ގައުމުން ގެންދަނީ ޔުނައިޓެޑް ނޭޝަންސް ގައިވެސް ޖައްވަކީ ހަނގުރާމައިގެ މައިދާނަކަށް ހަދަން މަސައްކަތް ކުރަނީކަމަށް ބުނެ އެއްގައުމުން އަނެއް ގައުމު ބަދުނާމުކޮށް ޒުވާބު ކުރަމުންނެވެ.            

މިދިޔަ އަންގާރަ ދުވަހު ރަޝިޔާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ތުޙުމަތު ކޮށްފައިވަނީ އެމެރިކާއިން ޖައްވުތެރޭގައި މިލިޓްރީ ދެކޮޅުވެރި ކަމަކަށް ތައްޔާރު ވަމުންދާކަމަށެވެ.      

ޔޫކްރެއިންގެ ހަނގުރާމަ ފެށުނުތަނާހެން އެމެރިކާގެ ސެޓެލައިޓުން ޔޫކްރެއިންގެ ސިފައިންނަށް މަޢުލޫމާތާއިމަގުދެއްކުންފަދަ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށް ދެމުންގެންދާތީ އެމެރިކާގެ ސެޓެލައިޓަކީ ރަޝިޔާގެ އަމާޒަކަށް ވެދާނެކަމަށް ބުނެ ރަޝިޔާއިން ގެންދަނީ އެމެރިކާއަށް އިންޒާރު ދެމުންނެވެ.

ރަޝިޔާއިން ޖައްވުތެރޭގައި “ މުސީބާތަކަށް ވެދާނެ ހަތިޔާރެއް “ އުފެއްދުން ކުރިޔަށް ގެންދާކަން އޭރުވެސް އެމެރިކާއިން ގެންދިޔައީ ޝައްކު ކުރަމުންނެވެ. އަދި ރަޝިޔާއިން އެންޓި ސެޓެލައިޓް ހަތިޔާރެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށާއި އެއަށް ބޭނުންވާ މިސައިލް ޓެސްޓްކޮށް ނިންމާފައިވާކަން ވޯޝިންގްޓަނުގައި ހުންނަ ސެންޓަރ ފޯރ ސްޓްރާޓީޖިކް އެންޑް އިންޓަރނޭޝަލް ސްޓަޑީޒް އިން 2021 ވަނަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި ވަނީ ހާމަކޮށްފައެވެ.

މިޚަބަރު މީޑިއާތަކަށް ތިލަވެފައި ވަނިކޮށް ދެން ނޭޓޯއަށް ކުއްލި ޙައިރާން ކަމެއް ލިބިގެންދިޔައީ އެޓްލާންޓިކް ކަނޑުގެ ބައެއްވެސް އެކުލެވޭ ގޮތުގައި ރަޝިޔާގެ ސަރަހައްދީ ޗާޓު އަލުން އެކުލަވާލުމުގެ ހުށައެޅުމެއް ރަޝިޔާގެ ދިފާއީ ވުޒާރާއިން ކްރެމްލިން ވެބްސައިޓްގައި ޝާޢިއު ކޮށްފައިވުމުންނެވެ. 

އެ ޕޯސްޓް 24 ގަނޑިއިރު ފަހުން ވަނީ ނަގާފައެވެ. އެހެންނަމަވެސް އެ ވިސްނުމަކީ ރަޝިޔާގެ ސިޔާސީ ބޭފުޅުންގެ ސިކުނޑީގައި ބިންވަޅު ނަގާފައިވާ ވިސްނުމެކެވެ.      

ރަޝިޔާގެ ދިފާއީން ވުޒާރާއިން ބުނެފައިވަނީ ރަޝިޔާގެ މިހާރުގެ ޖިއޯގްރަފިކަލް ޗާޓް 1985 ވަނައަހަރު ކަނޑައަޅާފައިވާ މިނަށްވުރެން ކުޑަ ކަމަށެވެ. އެހެންނަމަވެސް ރަޝިޔާގެ ހުށައެޅުމުގައި މަދުވާ ސަރަހައްދުތަކުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޕޫޓިންގެ ޕްރެސް ސެކްރެޓަރީ ދިމިތުރީ ޕެސްކޯވް ބުނެފައިވަނީ އެ ހުށައެޅުމަކީ އަދި މިހާތަނަށް އޭގެ މައްޗަށް ސިޔާސަތު ކަނޑައަޅާފައިވާ އެއްޗެއް ނޫން ކަމަށެވެ. އެކަމަކު ބޯލްޓިކް ސަރަހައްދުގައި އުފެދެމުންދާ ހަމަނުޖެހުން ތަކުގެ ސަބަބުން ރަޝިޔާއިންވެސް ރަޝިޔާގެ ސަލާމަތާއިރައްކަތެރިކަން ކަށަވަރުކުރަން ބޭނުން ވާނެއެވެ.

ބޯލްޓިކް ކަނޑަކީވެސް ރަޝިޔާގެ ތަނެއް ކަމުގައި ހެދުމުގެ ވިސްނުން ރައީސް ޕޫޓިން ގެންގުޅުއްވާކަން ނޭޓޯއަށް އޮތީ އެނގިފައެވެ. ބޯލްޓިކް ކަނޑު ރަޝިޔާގެ މެއިންލޭންޑާއި މާބޮޑަށް ގުޅިފައެއް ނުވެއެވެ. އެހެންނަމަވެސް ޕޯލެންޑާއި ލިތުއޭނިޔާ ތެރެއިންލާފަ އާއި ގަލްފް އޮފް ފިންލޭންޑުން ސެއިންޓް ޕީޓަރސްބާރގް އަދި ކަލިނިންގްރާޑުން ބޯލްޓިކް ކަނޑު އޮންނަނީ ރަޝިޔާއާއި ގުޅިފައެވެ.                         

ބޯލްޓިކްގައި ހިމެނޭ ގައުމުތަކުން ގެންދަނީ ޔޫކްރެއިނަށްފަހު އެ ސަރަހައްދުގައި ހިމެނޭ ހުޅަނގުގެ އެހެން ގައުމުތަކަށް ވެސް ރަޝިޔާއިން އަރާގެންފާނެކަމުގެ ބިރުވެރިކަން ނޭޓޯއާއެކު ޙިއްސާކުރަމުންނެވެ.

ނޭޓޯގެ މެމްބަރުން ކަމުގައިވާ ސްވިޑްން އާއި ފިންލޭންޑާއި އަދި ލިތުއޭނިޔާއިން ވަނީ ރަޝިޔާގެ މި ޕޯސްޓާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބޯލްޓިކް ކަނޑުގެ މެދުތެރޭގައި އޮންނަ ގޮޓްލޭންޑް ޖަޒީރާ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފާނެ ކަމުގެ ބިރުވެރިކަން މިހަފުތާގެ ތެރޭގައި ސްވިޑްންގެ އާރމްޑް ފޯސަސްގެ ކޮމާންޑަރ އިން ޗީފު ޖެނެރަލް މައިކަލް ބައިޑްންވަނީ ނޭޓޯއަށް ޙިއްސާކޮށްފައި ވެއެވެ.  

މީގެ ކުރިން އެ ޖަޒީރާގައި ހަމައެކަނި ޑިއުޓީ ބަލަހައްޓާނެ އަދަދަކަށް އަހަރެމެންގެ ސިފައިން ތިބި ނަމަވެސް މިހާރު އެވަރަކުން ނުފުދޭނެއެވެ. މިހާރު އެ ޖަޒީރާ ސްވިޑްންގެ ބާރުގެ ދަށުގައި އޮތްނަމަވެސް ޔޫކްރެއިންގެ ހަނގުރާމައިގާ މުޅި ސަރަޙައްދު މިއޮތީ އަދިރިވެ ނޭންގުމެއްގެ ތެރެއަށް ވައްޓާލާފައެވެ.                             

ރައީސް ޕޫޓިންއަށް ގޮޓްލޭންޑް ޖަޒީރާ ލިބިއްޖެނަމަ އެތަނުގައި ތިބެގެން އެ ސަރަޙައްދުގައި ހިމެނޭ ނޭޓޯގެ ހުރިހާ ގައުމަކަށް ކާމިޔާބީ އާއެކު ރަޝިޔާއިން ޙަމަލާދެވޭނެ މަގު ހުޅުވުނީއެވެ. 

ބޯލްޓިކް އަކީ ރައީސް ޕޫޓިންގެ ޕްލޭ ގްރައުންޑަކަށް ވިޔަ ދީގެން ނުވާނެކަމަށެވެ. އަދި ހަމައެއާއެކު ގަލްފް އޮފް ބޮތުނިޔާގައި އޮންނަ އަލަންދް ޖަޒީރާވެސް ޕޫޓިންގެސިފައިންގެ ދަށަށް ދިއުމުގެ މަގުތައް ބަންދު ކުރަން ޖެހޭނެއެވެ.                 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް