ޑޮލަރުގެ ތާށިކަމުގެ ވާހަކަ ފަލަ ސުރުޚީ ތަކުން މިދުވަސްކޮޅު ނުފެނުން ނަމަވެސް، އަދިވެސް އެކަން އޮތީ ހަމަ އޮތް ގޮތަށެވެ. ބޭންކުތަކުން އެއްވެސް ވަރަށް ޑޮލަރު އަދިވެސް ވިޔާފާރިވެރިން ނާއި އެމީހުންގެ ގެދޮރު ކުއްޔަށްދީ ދަަރިން ތަޢުލީމުގ ޙާސިލުކުރުމަށް ބޭރުގައި އުޅޭ ދިވެހީންނަށް ނުލިބުމުގެ ސަބަބުން ވިޔަފާރިވެރިންނާއި އެކި ކަންކަމުގައިމިބުނި ރާއްޖެއިން ބޭރަށް ފުރާ މީހުން އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަދިވެސް މަޖުބޭރުވެފައިވަނީ ކަޅުބާޒާރުން ޑޮލަރު ގަންނާށެވެ.
އަދި އެކަޅުބާޒާރު ރަނގަޅަށް ފަސޭހައިން ހިންގައި ދިނުމަށް ބޭންކުތަކުން ވަނީ ސަރުކާރުތަކުގެ ސަޕޯޓާއި އެކު އޭޓީއެމް މެޝީންވެސް ބަހަށްޓަދީފައެވެ. ޑޮލަރުން ޢާމްދަނީ ލިބޭމީހުނަށް ކޮޅެއްނެތްހާ ރަނގަޅެވެ. ވަގުބާޒާރުގައި ޑޮލަރެއް ވިއްކާލީމާ ޑޮލަރަކުން 2 ރުފިޔާ ނުވަތަ 2.50 ފައިދާ ލިިބެއެވެ. އެފައިދާ ފޭރިގަނެވެނީ ކުރިންބުނެވިދިޔަ ދަށުފަންތީގެ މީހުން އަތުންނެވެ.
ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވަނީ ގައުމަށް ފައިސާ ނުވަންނާތީއެއް ނޫނެވެ. ފަތުރުވެރިކަމުގެ ސިނާއަތުންނާއި ބޭރަށް މަސް އެކްސްޕޯޓް ކޮށްގެން އެތައް މިލިއަން ޑޮލަރެއް އަހަރަކު ރާއްޖެއަށް ވަދެ އެވެ.
ނަމަވެސް ޙަގީގަތަކީ އެ ޑޮލަރު އިގުތިސާދުގެ ތެރެއަށް ވަދެ، ދައުރުވެގެން ނުދެ އެވެ. ވައްދަން ސަރުކާރުތައް ނުކުޅެދުމެވެ. ވާނީވެސް އެހެންތާއެވެ. ޑޮލަރުން އިންކަމް ލިބޭ މީހުނަކީ ދިވެހީންގެ ރާއްޖޭގެ AIPAC އެވެ.އެމެރިކާގައި އޮންނަކަހަލަ ޙަރާމް ލޮބީ ގުރޫޕްއެކެވެ!އެބައިމީހުން ސަރުކާރާއި ބޭންކްތަކާއި ޓެކްސް ޑިޕާޓްމެންތަކާއި ގުޅިގެން އެ ފައިސާ ވަގު ބާޒާރަށް ނެރެނީއެވެ.
އެހެންވުމުން ޑޮލަރަށް އޮތް ޑިމާންޑު ބޮޑުވެ ކަޅުބާޒާރުގައި ރަސްމީ ރޭޓަށްވުރެ މަތިން ޑޮލަރު ވިއްކޭނެކަން އެ ބަޔަކަށް އެނގޭތީ، އެކަމުގެ ނާޖާއިޒް ފައިދާ ނަގަނީއެވެ.
”ކުރިން 12.85ރ. ގަ ޑޮލަރުގެ ރޭޓު ކަނޑައަޅައިފަ އޮތްއިރު ކަޅުބާޒާރުން ލިބޭ ޑޮލަރު 13ރ. ނޫނީ 14ރ. އަށް. އެކަމަކު ސަރުކާރުން ޑޮލަރު 20 ޕަސަންޓް ބޮޑުކުރީމަ ބޭންކުތަކުން މިހާރު އެލިބެނީ މަދުވެގެން 15.42ރ.އަށް.
މިސާލަކަށް މައްސަލައެއް ނެތް ބޮޑުކުރިޔަކަސް. އެކަމަކު ރައްޔަތުމީހާގެ ވާހަކައަކީ ބޭނުންވާވަރަށް ޑޮލަރު ބޭންކުން އެބަލިބެންޖެހެއޭ. ތަކެތީގެ އަގު ހިފެހެއްޓުމާއި ކިޔަވާކުދިންނާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހީނަށް ޑޮލަރު ލިބެން ޖެހެއެވެ.
އެކަމަކު ހަގީގަތަކީ ދުވަހެއް ދުވަހަކަށް ކަޅުބާޒާރު ތިޔާގިވެ ޑޮލަރު އަގު ބޮޑުވަމުން ދިއުމެެވެ. އެއްވެސް ވަރަކަށް ބޭންތަކުން ޑޮލަރު ނުލިބުމެވެ. ފުރާމީހަކަށް ބޭންކުން 500 ޑޮލަރު ވިެއްކުމަކުން ނުފުދެއެވެ. މިއަދުގެ ރޭޓަކީވެސް 17.65 އެވެ. ގާނޫނު ބުނާ ރޭޓަކީ 15.42 އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންވަނީ ގިނައެވެ. ގައިމުވެސް އެފަދަ ގެސްޓުން ޕޭ ކުރާނީ ޑޮލަރުންނެވެ. ވީއިރު ގައުމަށް ވަންނަހާ ޑޮލަރުތައް ކޮބާހެއްހެވެ! ދިވެހި އޭޕެކް ގުރޫޕްތަށް ވަގުޑޮލަރު ވިއްކާ އެޖެންޓުން ޢައްޔަންކޮށް ހަމަ ހަބޭހަށް ވިއްކަނީއެވެ. ޑޮލަރު އޭޓީއެމް ތަކުގައިރީގައި ފުލުހަކު ހުރެއެވެ. މެޝިނުން ޑޮލަރު ނަގައި ވިއްކާލަނީ އޭނަ އަޅައިގެން ހުންނެވި އަވިއައިނުގެ އެތެރެއިން އޭނާ ބަލަން ހުށްޓައެވެ.
މާފަންނު ސްޓާރ ކްލައުޑްސް ކައިރީގެ ކެފޭތަކުގެ މަތީބަޔަކީ މިހާރު ޑޮލަރުގެ ވަގުބާޒާރެކެވެ. ފެންނަ މީހެއް ބަލަން ބޭނުންވާ މީހަކު ނެތްފަދައެވެ. ގާނޫނު ބުނަނީ ދިވެހިރާއްޖޭގެ ފައިސާ އަކީ ރުފިޔާކަމަށެވެ. އެންމެހާ ވިޔާފާރީގެ މުޢާމަލާތެއް ހިންގަންވާނީ ރުފިޔާއިން ކަމަށެވެ. ވީއިރު ޑޮލަރު މެޝީންތައް މިއައިގޮތެއް ނޭންގޭ ފުންނާބުއުސް ގާނޫނީވަކީލުންވެސް ބައިވަރެވެ. މިކަން ހުށްޓުވޭކަށްވެސް ނެތެވެ. އެއްކަލަ ދިވެހީންގެރާއްޖޭގެ ލޮބީގުރޫޕް (އޭޕެކް-މަޓީ)ގެ ބޭފުޅަކު ކިޔައިދިނެވެ.
”އެބޭފުޅުން ސަރުކާރުގެ ވީއައިޕީން ބޭރުގައުމަކަށް ވަޑައިގަންނަވަންޏާއި ބޭންކުން ޑޮލަރު ހަމަ އަގުގައި ބޭންކުންވެސް ލިބޭނެއެވެ“. އަދި ގިނައިން ބޭނުންވެއްޖެ ހިނދެއްގައި އޭޕެކް-މަޓީ ގްރޫޕުންވެސް ބޭންކް ރޭޓަށް ލިބިދެއެވެ. އަދި ބޭންކު ރޭޓަށް “ ބޭނުންފުޅުވާ“ ޑޮލަރު ލިބިދީފާ ދަތުރުފުޅަށް ހަދިޔާއެއްގެ ގޮތުން 1000 އާއި 5000 ޑޮލަރުއާއި ދެމެދު އެބޭފުޅެއްގެ ވީއައިޕީ ފެންވަރުން ހަދިޔާ ކުރެއެވެ. ވީމާ ބައެއް ބޭފުޅުންނަށް ޑޮލަރެއް 10.00 ރުފިޔާއަށްވެސް ލިބިފައިވެއެވެ. މައްސަލައަކީ ކޮބާތޯޢެވެ!؟
މި ދުވަސްކޮޅާ ދިމާކޮށް ޑޮލަރުގެ އަގަށް ކަޅުބާޒާރުގައިވެސް ކޮންމެވެސް ވަރަކަށް ލުއިކަމެއް ވަނީ އައިސްފަ އެވެ. ނަމަވެސް، އިމްޕޯޓްކުރާ ވިޔަފާރިވެރިންގެ ބުނާގޮތުގައި އެއީ ”ވަގުތީ“ ކަމެކެވެ. މައްސަލަ ހައްލުވަނީ އެއް ނޫނެވެ. މުދިޔަ ހަފްތާގައި 17.60 ރުފިޔާއަށް ހުރެފާ މިއަދު 17.80 ރުފިޔާއަށް ޖަމްޕް ޖެހީއެވެ.
“ މިއީ މިވަގުތު ޓުއަރިސްޓް އެރައިވަލް ރަނގަޅުވެފާ މަހުގެ ކުރީކޮޅުގައިވީމާ އައިސްގެން އުޅޭ ކުޑަ ލުޔެއްހެން ހީވަނީ. އެއީ އަދި މުޅި މައްސަލައަށް ހައްލެއް އައުމުގެ ކޮޅުމަތި ފެނުނީއެއްނޫން،“ އެސް ޓީ އޯގެ އިމްޕޯޓް ޑިވިޝަންގެ ބޮޑެއް ވިދާޅުވިއެވެ.
ވިޔާފާރިވެރީން ގޮތުގައި “ ބޭންކުތަކުން މުޅިންހެން ޑޮލަރު ނުލިބެނީސް މި މައްސަލަ ދާއިމީ ހައްލެއް“ ނާންނާނެ އެވެ“.އިގުތިސޯދަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް، މިސާލަކަށް އިންފުލޭޝަން، ބުނެވޭނީ މި ހުރިހާ ކަމެއްގެ އަސްލަކީ ޑޮލަރުގެ މައްސަލަ. އިމްޕޯޓަރުންނަށް ހަމަ އަގުގައި ޑޮލަރު ނުލިބުން. އެ މީހުންނަށް ބޭންކު ތަކުން ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބެނީސް އިގްތިސޯދީ މައްސަލަތަކަށް ޙައްލެއް ނެތް،“
ހަމައެއާއެކު، އިގުތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި ބައެއް ފަރާތްތަކުންޑޮލަރު ފޮރުވާ ނުވަތަ ހިފަހައްޓާ އަނެއް މައިގަނޑު ސަބަބަކީ، ރުފިޔާގެ އަގާމެދު ރައްޔިތުންގެ އިތުބާރު ކުޑަވުމެވެ. މިގޮތަށް ވަގުމާކެޓް އުފަށްދުވާ ވަގުމާކެޓަށް ކަނުލޮލެއްދީގެން ތިއްބާ މާދަމާވެސް، ރުފިޔާގެ އަގު އިތުރަށް ވެއްޓިގެން ނުދާނެކަމުގެ ޔަގީންކަން އިންވެސްޓަރުންނަށާއި ވިޔަފާރިވެރިންނަށް ނެތް ކަން އެމީހުން ފާހަގަ ކުރައްވައެވެ.
”މިއަދު ހަމަވިސްނޭ އެއްވެސް ވިޔަފާރިވެރިޔަކު ބޭނުމެއް ނުވާނެ ރުފިޔާ ރައްކާކުރަން. އެންމެންވެސް ބޭނުންވާނީ ޑޮލަރުން ފައިސާ ރައްކާކުރަން،“ ޑޮލަރު ރާއްޖޭގެ އޭޕެކް-މަޓީ އެޖެންޓުން އަތުންގަނެގެން ސުވާލެއްނެތި އެމީހެއްގެ އެކައުންޓަށް ޖަމާކޮށްލައިގެން ގާނޫނާ ގަވައިދާ ޚިލާފަށް ވިޔާފާރީގެ މުޢާމަލާތު ކުރަން ދައުލަތް ގާނޫނާއިގަވާޢިދާއި އެއްގޮތަށް ހިންގަދޭން މާތްﷲ ގަންދީ ހުވާކޮށްގެން އުފެދޭ ސަރުކާރުތަކަށް އޯކޭ އެވެ.
ބޮޑުންނަށްޓަކައި ސަރުކާރުން ގާނޫނާއި ގަވާޢިދު ދަމަހަށްޓާ އަޅާނުލަންޏާއި ވާނެއެތި މިއޮތީ ވެފައެވެ. އެހެންވަނީ ހަމަޖެހިލެވޭވަރަށް ޑޮލަރު އިންކަމް ލިބެނީ ކޮންމެ ސަރުކާރެއް ބޭނުންގޮތަކަށް ރުއްސާލެވޭވަރުގެ ކުރިން ބުނެވިދިޔަ އޭޕެކް-މަޓީގެ މުއްސަދީންނަށެވެ. އިގިތުސާދީ ރޮނގުން ތައުލީމް ޙާސިލްކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ.
“ އެހެންވީމަ ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހަމަކަމާއިއެކު އުޅެވޭނޭ ގާނޫނީ ވެރިކަމެއް ސަރުކާރުން އެބަޖެހޭ ކުރަން. އަދި ސަރުކާރުން އެބަޖެހޭ ދިގުރާސްތާ މަނިޓަރީ ސިޔާސަތު ހަރުދަނާކުރަން. ރުފިޔާއާއި ދޭތެރޭ ރައްޔިތުންނާއި އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރަން މުހިންމު ފިޔަވަޅުތަކެއް އަޅަން،“ އޭނާ ވިދާޅުވިއެވެ.
އެގޮތުން ޑޮލަރުގެ އަގާއި، އަދި ފުލުފުލުން ތައާރަފްކުރި ޓެކްސްތަކާއެކު ބޮޑުވެގެން ގޮސްފައިވާ މުދަލުގެ އަގު ނުވަތަ އިންފްލޭޝަން މައިތިކުރަން އެބަޖެހެއެވެ. ދައުލަތުގެ ދަރަނި ކުޑަކުރަން އެބަޖެހެ އެވެ. ނުލިބޭވަރުން، ލިބުނުދިމާލަކުން ދަރަނި ނަގައިގެން ރައްޔަތުންގެ ނިކަމެތިކަން އެހެން ގައުމުތަކުގައި ބުނެދީގެން ލިބުނުގޮތަކަށް ދަރަނިހޯދައިގެން ދަރަނިބޯވެގަނެގެން ތަރައްގީއޭ ބުނެދީ ކަންތައްގަނޑެއް ކޮންމެ ސަރުކާރަކުން ކުރުން ހުށްޓުވަން އެބަޖެހެއެވެ.
ރާއްޖޭގެ އެކޮނޮމީއަށްވާވަރަށްވުރެ އިތުރަށްވެސް ޑޮލަރު ގައުމަށް ލިބެއެވެ. އެހެނަސް އޭގެން ބޮޑުބައެއް ރާއްޖެއަކަށް ނާދެއެވެ. މީރާގެ ބޮޑެއް ކިޔައިދިން ގޮތުގައި އެ އޭޕެކް-މަޓީ ގުރޫޕުން އެމީހުންގެ އެނދުތައް ވިއްކަނީ އެމީހުނގެ ހޮންގްކޮންގް ނުވަތަ ބޭރުގައުމެއްގެ އޮފީހުންނެވެ.
އެހެން އެގޮތަށް މަކަރު ހެދުމުގެ ބޭނުމަކީ ދައުލަތައް ދައްކަންޖެހޭ ޓެކްސްގައިވެސް މަކަރާއި ޙީލަތް ހެދުން ކަމަށެވެ. ރާއްޖޭގެ ރެސޯޓަކުން ރެޔަކު 1200 ޑޮލަރަށްއަށް ވިއްކާ ބީޗް ބަންގަލޯއެއް އެމީހުންގެ މިބުނެވިދިޔަ އޮފީހުން ނުވަތަ ބޭރު އެޖެންޓްލައްވާ 480 ޑޮލަރަށް ވިއްކި ކަމަށް މީރާއަށް ޑިކްލިއަރ ކޮށްފާވެއެވެ.
ދިވެހިރާއްޖެއަށް ވަންނަ ބޭރުފައިސާ ބެރާބަރަށް މިފަދަ ޓައިކޫން ވިޔާފާރިވެރިން ޑިކްލިއަރކޮށް އެމީހުންގެ ބޭރު ފައިސާގެ އިންކަމް އެމީހުންގެ ރާއްޖޭގެ ބޭންކްތަކަށް ވަންނަން ޖެހޭ އުސޫލެއް ހެދި އަދި އެ ޑޮލަރުން 50% ނަމަވެސް އެމީހެއްގެ ރާއްޖޭގެ ބޭންކްގެ ރުފިޔާ އެކައުންޓަށް ޖަމާކުރުވުމުން ޑޮލަރުގެ މައްސަލަ ޙައްލުވީކަމަށެވެ. އަދި ހަމަ އެހެންމެ ބޭންކްތަކުން ބަހަށްޓާފައި ހުރި ޑޮލަރު އޭޓީއެމް މެޝީންތައް ނަންގުވާ ރުފިޔާއަށް ދިވެހި ފައިސާގެ ޢިއްޒަތް ލިބިދޭން ޖެހޭނެއެވެ. އޭރުން ޑޮލަރުގެ ވަގު ބާޒާރު އަގު ކޮންޓްރޯލްވީއެވެ. ސުވާލަކީ ރައީސް މުޢިއްޒު ސަރުކާރުންވެސް ދިވެހިރާއްޖޭގެ އޭޕެކް-މަޓީ ރުޅިގަދަވާނެ ކަމެއް ކުރައްވަފާނެތޯއެވެ؟!
One Response
އޭ ޓީ އެމް އިން ޑޮލަރު ނުނެގޭނަމަ މިހާރު މިވާވަރުވެސް ނިކަމެތި ރައްޔިތު މިހާއަށް ނުވާނެ. އެމީހަކު ބެންކަށް ލީ އެއްޗެއް އެގޮތުގައި އޭނާއަށް ލިބެން ޖެހޭނެ. އޭގެ އަސްލު ބަދަލު ކުރުމުގެ ހައްގު ބޭންކަށް ވިޔަސް ނޯްނާނެ.
އޭ ޓީ އެމް ތަކުން ޑޮލަރު ( އަޅުގަނޑު މާނަކުރަނީ އެމީހަކު ބެންކަށް ޖަމާކުރި ޑޮލަރ ) ނުނެގެންޏާ އެ ޑޮލަރުކޮޅުވެސް ބޭންކަށް ނުދާނެ. ނަތީޖާއަކަށް ވާނީ ޑޮލަރ މާރކެޓް އަދިވެސް މައްޗަށް ދިއުން.
ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ހުއްޓުވުމަކީ އުދަނގޫ ކަމެއް ނޫން. މީގެ ކުރިންވެސް ދޮލަރ ފަހަތުން ރައްޔތުން ދުާކަށް ނުޖެހޭ،