ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ އަސްލު އެމްޑީޕީ އަކީ މިހާރު ދަ ޑިމޮކްރެޓްސް ކަމަށެވެ.
ނަޝީދުގެ ނުރަސްމީ އެކައުންޓް ”މުޙައްމަދު ނަޝީދު އަންއޮފިޝަލް“ ޕޯސްޓުގައި ވިދާޅުވެފައިވަނީ ސަރުކާރަށް ފާރަވެރި ވެވޭނީ ކުރީގައި އެކަން ކުރި މީހުންނަށް ކަމަށާއި އެއީ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ކަމަށެވެ.
ފަހަކަށް އައިސް މިހާރު އިދިކޮޅު އެމްޑީޕީގައި އެހިމެނޭ ގިނަ މަޖިލިސް މެމްބަރުން ކޮންޓްރެކްޓްތަކާއި ނަހަމަ ވިޔާފާރީގެބޭނުމުގައި ސަރުކާރަށް ފާރަވެރިވުން މުޅިން ދޫކޮށްލީ ކަމަށާއި ދެން ވެސް އެހޮވޭ އެމްޑީޕީގެ މަޖިލިސް މެމްބަރުން ގުޑާނީ ނަފާލިބޭނޭ ގޮތެއްގެ މަތީންކަމަށް ނަޝީދު ވިދާޅުވި އެވެ.
”އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގެ އަތުގައި. އަސްލު އެމްޑީޕީ އަކީ އަޅުގަނޑުމެން،“ ނަޝީދު ވިދާޅުވެފާވެއެވެ.
ޑިމޮކްރެޓްސް އަކީ ނަޝީދުގެ ކަށިކެޔޮގަނޑުގެ ފުލުވަށް ނަށްޓާލީމާ ވާގޮތަށް އެމްޑީޕީ ފުނޑާލުމަށް އެމްޑީޕީގައި އިސްކޮށް އުޅުއްވި އޭނޭގެ ވަފާތެރި ބަޔަކުއިސްކުރައްވައިގެން ނަޝީދު އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީވެސް އޭނާއެވެ.
ރާއްޖޭގެ ސިޔާސީ މަސައްކަތުން އަހަރުތަކަކަށް ދުރަށް ވަޑައިގަތީކަމަށް ބުނެ އުޅުއްވަމުން ގެންދަވަނީރާއްޖެއިން ބޭރުގައެވެ، ނަމަވެސް ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީ އިން ކުރިއަށްގެންދާ މަޖިލިސް ކެމްޕޭނުގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގަތުމަށް އަންނަނީ ތައްޔާރުވަމުން ކަމަށް އެޕާޓީގެ އިސްބޭފުޅަކު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަތީފު ވިދާޅުވެފާވަނީ މި މަހުގެ 20-19 އަށް ޑިމޮކްރެޓްސް އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ބާއްވާ ކެމްޕޭނު އިވެންޓުތަކުގައި ނަޝީދު ބައިވެރިވާނޭ ކަމަށެވެ.
މިހާރު ނަޝީދު އަދާކުރައްވަމުން ގެންދަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމްއެވެ.