ވަގުތީގޮތުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެވިއްޖެ

Loading

Facebook
Twitter
WhatsApp

ހަމާސްއިން ރަހީނުކޮށްފައިތިބި އިސްރާއީލުގެ 40 މީހުން މިނިވަންކުރުން ޝަރުތުކޮށް 6 ހަފްޔާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އެއްބަސް ވެއްޖެކަމަށް އެކްސިއޯން ނިއުސް ވެބްސައިޓުން ރިޕޯޓްކޮށްފިއެވެ.

އެމެރިކާއާއި ގަތަރާއި މިސްރުން އިސްރާއީލާއެކު ޕެރިސްގައި ބޭއްވި މަޝްވަރާތަކުގައި ބައިވެރިވި އިސްރާއީލު އިންޓެލިޖެންސްގެ އެންމެ އިސް 2 ވެރިން ރޯނެން ބާރ އާއި ޑެވިޑް ބަރނިއާ އެ މަޝްވަރާތައް ނިންމާލުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު އެނބުރި ގައުމަށް ވަނީ އައިސްފައެވެ.

މީޑިއާގެ ރިޕޯޓްތަކުން އެނގިފައިވާގޮތުގައި މިފަހަރު ދޫކޮށްލާނެ ރަހީނުންގެ ތެރޭގައި ހިމެނޭނީ އަންހެނުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި އަދި ބޭސްފަރުވާކުރަން ޖެހިފައިވާ މީހުންނެވެ.                   

އެކްސިއޯނުން ބުނެފައިވާގޮތުގައި ރަހީނުން މިނިވަންކުރުމާއެކު އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ މީހުން މިނިވަން ކުރެވޭނެއެވެ. އޭގެތެރޭގައި އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ވަދެގަތް މީހުން ވެސް ހިމެނިގެންދާނެ ކަމަށް ވެއެވެ. އޭގެތެރެއިން އެއްބަޔަކު ގައްޒާގެ އުތުރު ސަރަހައްދުތަކަށް ދިއުމުގެ ހުއްދަ ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ގައްޒާއަށް ބޭނުންވެފައިވާ އިންސާނީ އެހީ ފޯރުކުރުންވެސް އިތުރުކުރެވިގެން ދާނެއެވެ.

މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި އިސްރާއީލުގެ ވަފުދުން ބުނެފައިވަނީ ހަމާސްއިންވެސް ބައެއް ގަދަހެދުންތައް ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު އަދިވެސް އިސްރާއީލާއި ހަމާސްގެ އެއްބަސްވުމެއް އުޅެނީ ވަރަށް ދުރުގައި ކަމަށެވެ.

ޕެރިސްގެ މަޝްވަރާތަކަށްފަހު ނަތަންޔާހޫ ބުނެފައިވަނީ ރަހީނުން މިނިވަންކުރެވޭނެގޮތަކާއި ރަފާހުގައި ހަމާސް އެއްކޮށް ނައްތާލެވޭނެގޮތަކާދޭތެރޭ ވިސްނަމުންގެންދާކަމަށެވެ. ޕެރިސްއަށް އިސްރާއީލުގެ ވަފުދެއް ފޮނުވުމުގެ ބޭނުމަކީވެސް ދެން ކަންތައްކުރަންވީ ގޮތެއް ދެނެގަތުމުގެ ބޭނުމުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަވީރު އިސްރާއީލުގެ ހަނގުރާމައާބެހޭ ކެބިނެޓް ވަޒީރުންގެ ބައްދަލުވުމަކަށްފަހު އިތުރު މަޝްވަރާތަކަށްޓަކައި ގަތަރަށް އެހެން ވަފުދެއް ފޮނުވަން ނިންމާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން ބުނެފައިވެއެވެ.
              
އިސްރާއީލުގެ ކަލްޗަރާބެހޭ ވަޒީރު މިކީ ޒޮހޮރް ދަ ޓެލިގްރާޕަށް ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ރަފާޙް އަށް އަރައިގަންނަން ތައްޔާރުވަމުންދާ ކަމަށާއި އޭގެ ކުރިން ހަމާސް އިން އަހަރެމެންގެ ޝަރުތުތައް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.
                 
އިސްރާއީލުގެ ޗެނަލް 12 ގައި ވާހަކަދައްކަމުން ގައުމީ ސަލާމަތާބެހޭ މުޝީރު ޒާޗީ ނަގުބީ ބުނެފައިވަނީ ހަމާސް އިން ރަހީނުކޮށްފައިތިބި އެންމެން ދޫކޮށްލަން ޖެހޭނެ ކަމަށާއި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަކީ އަހަރެމެންގެ ހަމަލާތަކަށް ދާއިމީ ނިމުމެއް ގެނައީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

ގައްޒާގެ ދެކުނާއި ހުޅަނގު ސަރަހައްދު ތަކުގައި މިހާރުވެސް އިސްރާއީލު ސިފައިން ގެންދަނީ ވަރުގަދައަށް ހަމަލާދެމުން ކަމަށާއި ހަމާސްއަށް ނިސްބަތް ކުރެވޭ ދިހަވަރަށް މީހުން އެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ގައްޒާގެ ދެކުނުގައި ހުންނަ ނާސިރު ހޮސްޕިޓަލުން 200 މީހުން ހައްޔަރުކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.                                         
ޕެރިސްގެ މަޝްވަރާތަކާ ބެހޭގޮތުން ހަމާސް އިން މިހާތަނަށް ވަކިއެއްޗެއް ނުބުނެއެވެ. މީގެކުރިން ހަމާސް އިން ބުނެފައިވަނީ ރަހީނުން މިނިވަންކުރަން ބޭނުންވާނަމަ އިސްރާއީލުން ޖެހޭނީ ހަނގުރާމަ ހުއްޓާލުމަށްފަހު އެ ގައުމުގެ ހުރިހާ ސިފައިން ފަލަސްތީނުގެ ބިމުން ފައިބަން ކަމަށެވެ. އެ ވާހަކައަށް ނަތަންޔާހޫ ބުނެފައިވަނީ ހަމާސް އިން ދުވާލުގެ-ހުވަފެން ދެކެނީ ކަމަށެވެ.              

ގައްޒާގައި މިހާރު ތިބޭނީ 134 ރަހީނުންކަމަށާއި އޭގެތެރެއިން 50 މީހުން މިހާރު މަރުވެފައިވާ ކަމަށާއި ރަހީނުކޮށްފައިތިބި އަންހެނުންނާމެދު ހަމާސް އިން ޖިންސީ ނާޖާއިޒު ގުޅުން ހިންގަމުން ގެންދާ ކަމަށް މިނިވަންކުރި ރަހީނުންގެ ފަރާތުން އެނގިފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ވަނީ ހާމަކޮށްފައެވެ.            

ރަހީނުން މިނިވަންކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ދެކޮޅަށް އަދި ނަތަންޔާހޫ އިސްތިއުފާ ދިނުމަށް ގޮވައި އެތައްހާސް ބަޔަކު އިސްރާއީލުގައި ގެންދަނީ މަގުތަކަށް ނިކުމެ މުޒާހަރާކުރަމުންނެވެ. ޓެލްއަވީވުގައި ބޭއްވި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ބާރު ޕްރެޝަރުގައި އެމީހުންނާ ދިމާލަށް ފެންޖަހާފައެވެ. އޭގެ ސަބަބުން އެތައް ބަޔަކު ޒަޚަމް ވިއެވެ. އަދި 21 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.

އިސްރާއީލުގެ އާންމު ޓީވީގައި ވާހަކަ ދައްކަމުން މާލީ ވަޒީރު ބެޒާލެލް ސްމޯރިޗް ދެއްކިވާހަކައިގައި ރަހީނުން މިނިވަންކުރުމަކީ އިސްރާއީލުން އެންމެ ބޮޑު އަހަންމިއްޔަތެއް ދޭ ކަންތައް ނޫންކަމަށާއި އެކަމަށްޓަކައި ސަރުކާރުގެ އުސޫލުތަކުން އެއްފާރާތް ނުކުރާނެކަމަށެވެ. މި ވާހަކައަށް ރައްޔިތުންގެ ފަރާތުން ވަނީ އޭނާއަށް މިނިކާވަގުގެ ހަޅޭކުން ރައްދެއް ދީފައެވެ.                        

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް