މަޑަވެލީ ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލުން އެދިއްޖެ

Loading

Facebook
Twitter
WhatsApp

ގދ. މަޑަވެލީ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް އޭޓީއެމްގެ ޚިދުމަތް އެ ރަށުގައި ފޯރުކޮށްދިނުމަށް މަޑަވެލީ ކައުންސިލުން އެދިއްޖެއެވެ.

މަޑަވެލީ ކައުންސިލުން މިގޮތަށް އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުން އޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ.

އެގޮތުން މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ މަޑަވެލީގެ ބިންހިއްކުމާއި އެރަށަށް ހައުސިންގ ޔުނިޓްތައް ބޭނުންވާ ކަމަށާއި، ބަނދަރުގެ ޖާގަ ބޮޑުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.

މަޑަވެލީ ޞިއްޙީ މަރުކަޒުގެ ފަންތި މަތިކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާކަން ފާހަގަކޮށް ސްކޫލުގެ ޖާގަ އިތުރުކޮށް މަލްޓިޕަރޕަސް ހޯލެއް ބޭނުންވާ ކަމަށާއި، އެ ރަށުގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ބޭނުންވާ ކަމަށް ކައުންސިލުން ވަނީ އެދިފައެވެ.

ހަމަ އެހެންމެ ފެނާއި ނަރުދަމާގެ ނިޒާމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އަދި ރަށުގެ އިޤުތިޞާދީ، އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައްވެސް ކައުންސިލުން ވަނީ ރައީސްއާ ހިއްސާ ކުރައްވާފައެވެ.

 މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ މަޑަވެލީގައި އެކަށީގެންވާވަރުގެ ބަނދަރެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށާއި އޭ.ޓީ.އެމް. ބެހެއްޓުމާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، އެ ނޫންވެސް ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްގައި ވަރަށްބޮޑު ސަމާލު ކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމާއި އެ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް