ރިޔާސީ ކެމްޕޭންގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގެ ފޮތް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ފޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ދައްކަވާ ހުރިހާ ވާހަކަފުޅުތަކާއި ވެވަޑައިގަންނަވާ ހުރިހާ ވައުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިއު ކުރައްވައި އާންމުކުރެއްވުމަކީރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 53 ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވައި ތަފާތު އެކި ހަރަކާތްތަކުގައި، ދިވެހި ގައުމުގެ ހާލަތާއި ކުރިމަގާމެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި 205 ފަހަރު ވާހަކަފުޅު ދައްކަވާފައެވެ.

އެ ވާހަކަފުޅުތައް ހިމަނައި އެކުލަވާލައިފައިވާ 1024 ސަފުހާގެ މި ފޮތުގައި ވެވަޑައިގެންނެވި މުހިންމު ވައުދުތައް ވަކީން ފާހަގަކޮށްދެއްވާފައިވެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކާއި ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައް ވެސް ހިމަނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މި ފޮތުގައި ހިމެނޭ ވާހަކަފުޅުތައް ވަކިވަކިން ބައްލަވައިލެއްވުމުގެ އިތުރުން މުޅި ފޮތް ޕީޑީއެފް ފޯމެޓްގައި ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.

ރިޔާސީ އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތަކުގެ މިފޮތް ޗާޕުކޮށް، މި ފެބްރުއަރީ މަހުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް މަދަރުސާތަކަށާއި، ލައިބްރަރީތަކަށް ހަދިޔާކުރެއްވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް