ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖުބޫރު ނުކުރުމަށް ދަ ޑިމޮކްރެޓްސް އިން ސަރުކާރަށް ގޮވާލައިފިއެވެ.
މިކަމަށް އިޝާރާތްކޮށް ދަ ޑިމޮކްރެޓްސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާއި ސަރުކާރަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގާ ޖަލްސާ ހުއްޓުވާފައި ވާތީ، ކަންބޮޑުވާ ކަމަށް ޑިމޮކްރެޓްސް އިން ބުނެފައި ވެއެވެ.
އެހެން ކަމުން އެކަމަށް ހުރަސްއެޅުމުގެ ސަބަބުން ގާނޫނުއަސާސީގައިވާ ގޮތަށް ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކުރިއަށް ގެންދެވޭގޮތް ނުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގާނޫނީ މަސްއޫލިއްޔަތެއް އުފުލުމަށް ގާނޫނީ އެއްވެސް ހުއްޖަތެއް ނެތި ގަސްތުގައި ކުރި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ.
މިގޮތުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖުބޫރު ކުރުމަށް ހިންގާ މިފަދަ އަމަލުތައް ނުހިންގުމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ގޮވާލާފައެވެ.
ހަމަ އެހެންމެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރެއިން ވަޒީރުންނަށް ރުހުންދިނުމާ މެދު މަޖިލީހުގެ މެންބަރުން ނިންމާ ގޮތަކަށް އެ މެންބަރުން ވޯޓު ދިނުމަކީ އެ މެންބަރުންގެ ޒިންމާއެއް ކަމަށާއި ސަރުކާރުން ބޭނުންވާގޮތް ނޫންގޮތަކަށް މެންބަރުން ވޯޓު ދޭނަމަ، ޖަލްސާއަށް ހުރަސްއެޅުމަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތަށް ހުރަސް ޑިމޮކްރެޓްސް އިން ބުނެފައި ވެއެވެ.
މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގާފައި ވާއިރު ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލާ އާންމުންގެ ބަޔަކުވެސް ވަނީ މަޖިލީހުގެ ފާރަށް އަރާ ގޯތިތެރެއަށް އެއްޗެހި އުކާ މުޒާހަރާކޮށްފައެވެ.