ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދު ބާޤިރުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދަށް ދައުވާ އުފުލީ ދާރުއްޒިކުރާ މިސްކިތް ހުރި ތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާއި ޚިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާތީއާއި އެމަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބުނެއެވެ.
މި މައްސަލާގައި ޑރ.ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.
މި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2021 ގައި ހުކުމް އިއްވުމުން ދައުލަތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭޕްރީލް 2022 ގައި ޝަރީއަތް ފެށިއެވެ.
މި މައްސަލަ ފަށާފައި ވަނިކޮށް މައްސަލަ އަލުން މުރާޖައާކޮށް ދައުލަތުން ނިންމީ އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. އެކަން އިއްޔެ ވަނީ ހައިކޯޓަށް އަންގައިފއެވެ.
ހައިކޯޓުން މިހާރު ވަނީ މައްސަލައިގެ ފޯމު ބާތިލުކޮށް މައްސަލަ ފައިލުކޮށްފައެވެ.