ފަލަސްތީނުގެ ދައުލަތަކަށް ބޭނުންވަނީ އިސްރާޢީލުގެ ރުހުން، އެއީ ކޮންހަމަޔެއް؟

Loading

Facebook
Twitter
WhatsApp

އިސްރާޢީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ގަދަބާރުން ފަލަސްތީނުގެ ބިން ފޭރިގެންއުޅޭ ފޭރޭގެ ފަރާތުން ރުހުންހޯދުމަކީ ކޮން އިންސާފެއްތޯ ކުރެވެމުންދާ ސުވާލު މުޅި ދުނިޔޭގައި މިއަދު ގުގުމައިފިއެވެ.

ބީ ބީ ސީ ސަންޑޭ ގައި ލައުރާ ކުއެންސްބާރގް އާއިއެކު ވާހަކަ ދައްކަވަމުން އެންމެފަހުން ޔަހޫދީން އަށް އެބިން ފޭރިގަނެދިން އިނގިރޭސިންގެ މިހާރުގެ ދިފާއީ ވަޒީރު ގްރާންޓް ޝަޕްސް ވެސް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އިސްރާއީލުގެ ބޮޑުވަޒީރު އިންކާރު ކުރުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި އެކަމަކު އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފިއެވެ.

އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން ނޫންގޮތެއް ފެނިވަޑައި ނުގަންނަވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އިސްރާއީލަށް މިނިވަން ދައުލަތެއް ލިބިފައިއޮތް ގޮތަށް ފަލަސްތީނަށްވެސް މިނިވަން ދައުލަތެއް ލިބިފައި އޮންނަން ޖެހޭނެއެވެ. އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބަރ ޕާރޓިގެ ހިޔަނި ކެބިނެޓްގެ ދާޚިލީ ވަޒީރު އުވެޓް ކޫޕަރ ވިދާޅުވީ ނަތަންޔާހޫ އަށް ހީވެގެން މިއުޅެނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ވާހަކަ މިދައްކަނީ ނަތަންޔާހޫގެ ގެއިން އެއްޗެއް ނަގާފާ ފަލަސްތީނުގެ ރައްޔިތުންނަށް ދޭން އުޅޭ ކަމަށެވެ. އޭނާޔަށް ފަލަސްތީނުގެ ބިމުން ބައެއް ޔަހޫދީންނަށް ލިބުނުގޮތްވެސް ނޭގުނެވެ.                             

މިމައްސަލާގައި އެމެރިކާގެ ރައްޔިތުންގެ މެދުގައިވެސް ވަރަށްބޮޑު ޚިޔާލުތަފާތުވުމެއް މިހާރު ވަނީ އުފެދިފައެވެ. އެމެރިކާގެ ގިނެމީހުނަށްވެސް މިހާރު ފަލަސްތީނު ބިން ބަޔަކު ފޭރިގެން އުޅޭކަމާއި އެ ފޭރިގަނެގެން ތިބެވެނީ އެމެރިކާގެ ވެރިކަމުގެ ބާރުގައިތިބޭ މީހުން އަބަދުވެސް ޔަހޫދީ އިސްރާޢީލަށް ފައިސާގެ ގޮތުންނާއި މިލިޓްރީގޮތުން އެމެރިކާ ރައްޔަތުންގެ ޓެކްސް ފައިސާއިންކަން އެގެއެވެ. އެގޮތުން މިހާރު ބޮޑެތި އެއްވުންތައް އެއްވެ ސީދާޙަރަކާތަށް ނުކުމެ މުޒާހަރާ ކުރަމުން އެބަގެންދެއެވެ.      

ސްކޮޓްލޭންޑުގެ ފަސްޓް މިނިސްޓަރ ހަމްޒާ ޔޫސުފުގެ އަނބިކަނބަލުންގެ މައިންބަފައިންވެސް ތިބީ ހަނގުރާމަ ފެށުނުތަނާހެން ގައްޒާގައި ތާށިވެފައެވެ. އެމަނިކުފާނުވެސް ގެންދަވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ކެނޑިނޭޅި ގޮވާލައްވަމުންނެވެ.                                                          

ނަތަންޔާހޫ އާއިއެކު ފޯނުން ވާހަކަ ދެއްކެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ބައިޑަން ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތު ނުގެއްލޭ ކަމަށާއި މިހާރުވެސް އަމިއްލަ މިލިޓްރީ އެއް ނެތް ޔުނައިޓެޑް ނޭޝަންސްގެ މެމްބަރު ގައުމުތައް އެބަހުރިކަމަށެވެ.                     

އިނގިރޭސި ދިފާއީ ވަޒީރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މިލިޓްރީގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްވަރަށް އިނގިރޭސި ވިލާތުން ފައިހަމަ ނުކުރެވޭ މައްސަލައަށްވެސް އަލިއަޅުއަވާ  ލެއްވިއެވެ. 

އެވާހަކަފުޅުގައި އިނގިރޭސި ވިލާތުގެ އަނަރޫފަ ވަމުންދާ މިލިޓްރީ އާއި ޒަމާނީ ހަތިޔާރު ލިބިފައިނެތްކަން ހާމަކުރެއްވިއެވެ. އަނަރޫފަ ވަމުންދަނީ ހަމައެކަނި ސިފައިންގެ އަދަދެއް ނޫނެވެ. މިލިޓްރީގެ ހަކަތަވެސް ދަނީ ހިކި އަނަރޫފަ ވަމުންނެވެ. ގާނޫނުގައި މިލިޓްރީއަށް ކަނޑަ އަޅާފައި އޮންނަ ޖީ. ޑީ. ޕީ. ގެ %2.5 ނުލިބޭތާ ޒަމާންތަކެއް ވެގެންދިއުމުން ހަތިޔާރު ގުދަންތައް ހުރީ ހުސްވަން ކައިރިވެފާ ކަހަލަ އިޝާރާތެއް ވެސް ދެއްވިއެވެ.       

މިހާރު ބާރުއަޅަމުން ގެންދާ ދެ ދައުލަތުގެ ސިޔާސަތުގެ ހަގީގަތަކީ ކޮބައިތޯ ވިސްނާލާއިރު އުދަރެހުން ފެންނަމުންދަނީ ހުޅަނގުގެ ގައުމުތަކާއި އަދި އެމެރިކާގެ އިގްތިސާދު ނިކަމެތި ވެފައިވާ މިންވަރެވެ.

ސިޔާސީ ގިނަ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިހާރު ރެޑް ސީ ގައި ޔަމަނާއިި ކުރިމަތިލުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްވެސް ދާދި އަވަހަށް ހުރަސްތަކެއް މެދުވެރިވާނެއެވެ. އެއަރކްރާފްޓް ކެރިއަރާ މަނަވަރުތަކަކީވެސް ވަކިމިންވަރަކަށް ހަތިޔާރު ގެންގުޅެވޭ އުޅަނދުފަހަރެވެ.

ހަތިޔާރު މަދުވުމުން ދެމެހެއްޓެނިވި ގޮތެއްގައި އެ އުޅަނދުފަހަރަށް ސަޕްލައި ފޯރުކޮށްދޭން ޖެހޭނެއެވެ. އެހެންނޫނީ އުޅަނދުފަހަރުން ހަތިޔާރު ހުސްވުމުން ދެން އެއޮތީ ދުޝްމަނުންގެ އަމާޒަކަށް ވެފައެވެ. މިހާރުގެ ޙާލަތަށް ބަލާއިރު އެމެރިކާގެ އުޅަނދުފަހަރަށް ބޭނުންވާ ހަތިޔާރުގެ ސަޕްލައި ފޯޜުކޮށްދެވޭނެ އެންމެ ކައިރި މަގަކީ އެމިރެޓްސް ގައި ހުންނަ އެމެރިކާގެ އެއަރބޭސްއެވެ. އެމިރޭޓްސް އިން ފުރައިގެން ރެޑްސީތެރެއަށް އައުމަށް އޮމާން ކަނޑެއްގައިވެސް ހަތަރު ދުވަސް ނަގާނެއެވެ. މިދުވަސްވަރުގެ ޙާލަތު އޮތް ގޮތުން ނަގާނީ ކިތައްދުވަސް ކަމެއް ނުވަތަ ސަޕްލައި ފޯރުކޮށްދެވިދާނެ ކަމުގެ ޔަގީންކަންވެސް ކުޑައެވެ.                                                      

މިޙާލަތުގައި ހަނގުރާމަ ކުރުވަން ނުވަތަ ހަނގުރާމަކުރަން ފަށައިފިނަމަ ކޮންމެފަދަ އިމާޖެންސީއެެއް މެދުވެރިވެދާނެ ކަމަށް ބެލެވެއެވެ.                                             

މިވާހަކަތައް ދެކެވެމުން ދާއިރު މެދުއިރުމަތީގެ އެންމެ ބާރުގަދަ އިގްތިސާދު ކަމުގައި ބެލެވޭ ސަޢޫދީ އެރޭބިޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ވިދާޅުވެފައިވަނީ އޮކްޓޯބަރ މަހުގެ 7 ވަނަދުވަހުގެ ކުރިއެކޭ އެއްފަދައިން މިވެނިކަމެއް މިވެނިގޮތަކަށް ފުރަތަމަ ކޮށް ނިންމުމަށްފަހު ވީހާ އަވަހަކަށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ވާހަކަތަކައިގެން ކުރިއަށް ދިއުމުގެ ވައުދުތަކާއެކު ދައްކަން ގަސްދުކުރާ އެއްވެސް ވާހަކައަކަށް ނުވަތަ ކުރަން ބޭނުންވާ އެއްވެސް މަޝްވަރާއަކަށް ސަޢޫދީ އެރޭބިޔާގެ ޝައުގުވެރިކަމެއް ނެތްކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ އެންމެ ފުރަތަމަ ފަލަސްތީނުގެ ދައުލަތެއް އުފެއްދުން ވުޖޫދަށް ގެންނާށެވެ. ދެން އޭގެ ފަހުން އެހެން ކަންކަމާއި ވާހަކަދެއްކި ދާނެއެވެ. މީގެ ތެރޭގައި އިސްރާއީލާއެކު ސިޔާސީ ގުޅުން އުފެއްދުންވެސް ހިމެނެއެވެ. ސީ. އެން. އެން. ގައި ސަޢޫދީ އެރޭބިޔާގެ ޚާރިޖީ ވަޒީރުގެ މި ވިދާޅުވުމަކީ މި މައްސަލާގައި މިހާ ސާފުކޮށް ސަޢޫދީ އެރޭބިޔާގެ ވިސްނުން ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

ސީ. އެން. އެން. ގެ  ފަރީދު ޒަކަރިއްޔާ ކުރެއްވި ސުވާލުގެ ޖަވާބުގައި ޚާރިޖީ ވަޒީރު ޕްރިންސް ޕައިސަލް ވިދާޅުވީ އަލުން އެނބުރި ފަހަތަށް ބަލާނެ އެއްވެސް ފުރުސަތެއް ނެތް މިންވަރަށް ފަލަސްތީނުގެ ދައުލަތް ވުޖޫދު ކުރުމަކީ އަހަރެމެންއެންމެނަށްވެސް އެންމެ ފައިދާކުރަނި ގޮތްކަމަށާއި ފަލަސްތީނު ބިމުގައި ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ ކުރިން މެދުއިރުމަތީގައި ބައިނަލް އަގްވާމީގޮތުން ދައްކާ އެހެން އެއްވެސް ވާހައެއް ނުވަތަ މަޝްވަރާއެއްގައި ސަޢޫދީ އެރޭބިޔާ ބައިވެރި ނުވާނެއެވެ.                      

ފަލަސްތީނަށް އިސްރާއީލުން ދީފައިވާ ގެއްލުންތައް އަލުން އާބާދު ކުރުމުގައި ސަޢޫދީ އެރޭބިޔާއިން އެހީވެދެއްވާނަންތޯ ފަރީދު ޒަކަރިއްޔާ ދެންނެވި ސުވާލަށްވެސް ޕްރިންސް ފައިސަލް ދެއްވީ ހަމަ އެ ޖަވާބެވެ. އެންމެ ފުރަތަމަ ފަލަސްތީނުގެ ދައުލަތެއް ވުޖޫދުކުރާށެވެ. އޭގެފަހުން އެހެންކަންތަކާ ވާހަކަ ދެއްކިދާނެއެވެ. 

ނުދެންނެވި ޖަވާބު ނުލިބިފައިވާ ސުވާލަކީ އެ ޒައަނިސްޓް އިސްރާޢީލުން ޝަހީދުކޮށްލެވިފައިވާ 56،000 ފަލަސްތީނުންގެ އަގަކީ ކޮބައިކަމާއި އަދި ފަލަސްތީނު ފަނާކޮށް ގެދޮރުން ގަދަބާރުން ބޭރުކޮށްލެވިފައިވާ ދެ މިލިޔަނަށްވުރެ ގިނަ މީހުންގެ ޙައްގުތަށް ހޯދައިދޭނެ ގޮތަކާއި މެދުގައެވެ.               

Loading

One Response

  1. ދުނިޔޭގެ މީޑިއާތަކުން ބުނަމުންގެންދާ ގޮތުގައި މިފަހަރު ތަފާތުވުން އެކަށީގެންވެއެވެ. ޔޫރަޕުގެ ގިނަ ގައުމުތަކުންވެސް ސަބަބު ތަކެއް ހުރުމާއެކު ފަލަސްތީނުގެ ދައުލަތެއް އުފަންކުރުވަން ޖެހޭކަން ބޭ އިޚްތިޔާރުގައި ނަމަވެސް ބުނަން ޖައްސައިފިއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް